ދުނިޔެއަކީ އެއްހާލުން އަނެއް ހާލަށް ބަދަލުވެގެންދާ އެއްޗެއްކަމުން އެކި ދުވަސްވަރު ބާރުގަދަވެ ތަރައްޤީ ލިބެމުންދަނީ އެކި ޤައުމުތަކަށެވެ. މި ދެންނެވި ހަމައިގެ މަތިން އިސްލާމީ އުންމަތް ކުރިއަރައި އެބައިމީހުންގެ ޢިލްމާއި މަދަނިއްޔަތު އެ ދުވަސްވަރު ދުނިޔެއަށް ވެރިވި ގޮތް ތާރީޚުން ފެންނަން އެބަހުއްޓެވެ. އެއަށްފަހު ކުރީގައި ދެންނެވި ބަދަލުވުން އެތައް ސަބަބުތަކެއް ކުރިމަތިވެ އިސްލާމީ އުންމަތަށް ވުރެ ޔޫރަޕްގެ ދަޢުލަތްތައް ކުރިއަރައިފިއެވެ. ނަތީޖާއަކަށްވީ ޔޫރަޕްގެ ގިނަ ދަޢުލަތްތަކުގެ ވެރީންގެ ހިތްތަކުގައި ބަދަލު ހިފުމުގެ ހަސަދަވެރި އަލިފާންގަަނޑު ރޯވެ، އިސްލާމީ އުންމަތުގެ އެކި ޤައުމުތައް އަޅުވެތިކުރަން ފެށުމެވެ. އެކަމުގެ އެންމެބޮޑު ސަބަބެއް ކަމުގައިވީ ޚުދު އަޅުގަނޑުމެން އިސްލާމުންނެވެ.

އަޅުގަނޑުމެންގެ ތެރެއަށް އައި މަތިވެރި ތަޢުލީމާއި ހިތްމަތާ އެކު މަސައްކަތްކުރުމުގެ މަތިވެރި ރޫޙް ނަގާލައި އެއްބައިވަންތަކަން ގެއްލިގެން ދިޔުމުގެ ސަބަބުންނެވެ. ކަންނެތްކަމާއި ގޮތްނެތްކަމުގެ ތެރެއަށް އަޅުގަނޑުމެން ދިޔުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ފަޤީރުވެ، ބައިބައިވެ، އަޅުވެތިވުމެވެ. ދުނިޔޭގެ މުސްލިމުން މިއަދު މި ދެކޭ އަޅުވެތިކަމުގެ އަސްލަކީ މިދެންނެވީއެވެ. މީގެ އިތުރުން ސޮލީބީ ހަނގުރާމައިން އެމީހުން ބަލިވެ ކުރެވުނު ހިތި ތަޖުރިބާއަކީ އެމީހުންގެ ހިތުން ބިންވަޅު ނެގިފައިވާ ހަސަދައިގެ އަލިފާންގަނޑެކެވެ. ނަތީޖާއަކަށްވީ މުސްލިމުން އަތުން އެމީހުން ބަލިވާންޖެހުނު ސަބަބުތައް ހޯދައި ދިރާސާކޮށް އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިގޮތުން އެމީހުންނަށް ވިސްނުނީ މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ތިބިހާ ދުވަހަކު މުސްލިމުން ބަލިކޮށެއް ނުލެވޭނެ ކަމެވެ. އަދި އެއްބައިވަންތަކަމާއި އަޚުވަތްތެރިކަން އެމީހުންގެ ތެރޭގައި އޮތްހާ ހިނދަކު މުސްލިމުން ބަލި ނުކުރެވޭނެ ކަމެވެ. އެއަށްފަހު އެމީހުން ފެށީ މުސްލިމުންގެ އަޤީދާ ބަލިކޮށް އެމީހުން ބައިބައިކޮށްލުމަށެވެ. މީގެ އިތުރު ތަފުސީލަކަށް ނުދިޔަސް މިއަދު ދުނިޔޭގެ މުސްލިމުން މިދެކޭ އަޅުވެތިކަމުގެ އަސްލަކީ މި ދެންނެވީއެވެ. ޣައިރު މުސްލިމުންގެ ހިތުގައި މުސްލިމުންނާ ދޭތެރޭ ޒަމާނުންސުރެ އުފެދިފައިވާ ނަފުރަތެވެ. މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް މުސްލިމު ޤައުމަކަށްވާތީ މިފަދަ އަޅުވެތިކަމުގެ ހިތި ތަޖުރިބާ ތާރީޚުގެ އެކި ދުވަސްވަރު ދިވެހިން ވަނީ ކޮށްފައެވެ.

ދިވެހިރާއްޖެ ވަނީ އެތައް ފަހަރަކު އަޅުވެތިކަމުގެ ހިތި ރަހަ ލިބިގެންފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް ދިވެހިން އަޅުވެތިވެފައި ވަނީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުންނެވެ. ބައެއްގައި ހުންނަންވީ ހަރުދަނާކަމާއި، އެކުވެރިކަމާއި އެއްބާރުލުން ނެތިގޮސް ދޯދިޔާ ސިފަތައް އެބައެއްގެ ތެރެއަށް ވެރިވެއްޖެނަމަ ގެއްލިގެން ދާނީ ހަމައެކަނި އެބައެއްގެ މިނިވަންކަމެއް ނޫނެވެ. އެބައެއްގެ ދީން ވެސް ހިނގައިދާނެއެވެ. އަދި އެބަޔަކު ނެތި ވެސް ހިނގައިދާނެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާ މެދު ޚިޔާލުކުރާ ބަޔަކަށް މިއަދު ދިވެހިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން ވަންހަނާވެގެން ނުވާނެއެވެ. އަމުދުން މި ދައުރުގައި ވެސް ތަކުރާރުވި ފިތުނަ ފަސާދައިގެ ބަޣާވާތްތެރި ހަރަކާތްތަކުގެ މައްޗަށް ރަނގަޅަށް ވިސްނާނަމައެވެ.

ވަރަށްބޮޑު ޙަޤީޤަތެކެވެ. އާދެ! އަޅުގަނޑުމެން އެންމެން ވެސް ހަނދާން ހުންނާނެ ފަދައިން 1988 ނޮވެމްބަރު 3 ވަނަ ދުވަހަކީ ވެސް އިސްވެ މި ދެންނެވި ފަދަ ފިތުނައާއި އަމިއްލަ އެދުމުގެ ނަތީޖާކަމާ މެދު އެކަކު ވެސް ދެބަހެއް ނުވާނެއެވެ. ބައެއް އިންސާނުންގެ ހިތުގައި އުފެދޭ ދަހިވެތިކަމުގެ ނުބައި އެދުންތައް އެއީ ވަކި ޒަމާނަކަށް ޚާއްޞަވެފައިވާ އެއްޗެއް ނޫނެވެ. ވީމާ، ތެދުވެރި ކޮންމެ ދިވެއްސެއްގެ ވާޖިބަކީ އެކަން ރަނގަޅަށް ހަނދުމަކުރުމެވެ. އެކަމަށް ޓަކައި ވާންހުރި ހުރިހާ ތައްޔާރީއެއް ވެގެން ހުރުމެވެ. ތިމާގެ ދީނުގެ ދިފާޢުގައެވެ. ތިމާގެ ވަޒަނުގެ ސަލާމަތަށް ޓަކައެވެ. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށް ޓަކައެވެ.

ފުލޯކު ވާހަކަތަކުގެ ސިފައިގަޔާއި ލިޔެވިގެންވާ ތާރީޚްގެ އަލީގެ ތެރެއިން ފެންނަ ފެނުންތަކުގެ މައްޗަށް ބެލިޔަސް ދިވެހިރާއްޖެއަކީ ރާއްޖޭގައި ބަޔަކު ވަޒަންވެރިވެ ދިރިއުޅެން ފެށީއްސުރެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތް ތަނެކެވެ. އަމިއްލަ ވެރިކަމެއް ހިނގަމުންއައި މިނިވަން ތަނެކެވެ. ދިވެހިން އަޅުވެތިކުރި ކޮންމެ ފަހަރަކު ވެސް، މި ޤައުމު ދުޝްމިނުންގެ ކިބައިން ސަލާމަތްކޮށް މިނިވަން ތަނެއްގެ ގޮތުގައި މިއަދުގެ ދަރީންނާ ހަމަޔަށް ގެނެސްދީފައިވަނީ އަޅުގަނޑުގެ މި ފަސްގަނޑަށް އުފަން ދިވެހިންގެ ދަރިންނެވެ. އާދެ! އަޅުގަނޑުމެންގެ ކާބަފައިން ޤައުމަށް ޓަކައި ދީނަށް ޓަކައި ކުރި މަތިވެރި ޖިހާދުގެ ސަބަބުންނެވެ. ބޮޑުރަސްގެފާނާއި އަލިރަސްގެފާނާއި ދޮންބަންޑާރައިން ފަދަ ޤައުމުދެކެ ލޯބިވާ، ޤައުމަށް ތެދުވެރި ދިވެހި ދަރީން ޤައުމަށް ޓަކައިވި ޤުރުބާނީގެ ސަބަބުންނެވެ. އިސްވެ މި ދެންނެވި ބޭކަލުން ޤައުމަށް އެ ކުރެއްވި ޚިދުމަތަކީ އެތައް ޖީލެއް ފަހަނައަޅާ ދިޔައިރު ވެސް ވަންހަނާވެފައިވާ ޚިދުމަތްތަކެއް ނޫނެވެ.

ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ސިޔާދަތު މިހާތަނަށް ގެއްލިފައިވަނީ 3 ފަހަރެއްގެ މަތީންނެވެ. ޕޯޗްގީޒުންނާއި ހޮޅިން އަދި އިނގިރޭސިން ރާއްޖެއަށް އިސްތިއުމާރުކުރި ކުރުމުގައެވެ. ޕޯޗްގީޒުންގެ 17 އަހަރުގެ އަނިޔާވެރި އިސްތިއުމާރީ އަޅުވެތިކަން ނިމުމަކަށް ގެނައީ އަޅުގަނޑުމެން ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައި ވެސް ބިންވަޅު ނެގިފައިވާ އުތީމު މަހާރަދުން ނުވަތަ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޒަމް ސިރީސަވަދީއްތަ މަހާރަދުންނެވެ. ހޮޅިންގެ އަޅުވެތިކަމުން ދިވެހިންނަށް މިނިވަންކަން ހޯއްދަވާދެއްވީ ދޮންބަންޑާރައިން ނުވަތަ އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީނެވެ. އެއަށްފަހު ރާއްޖެ އެންމެ ގިނަ ދުވަސްވަންދެން އަޅުވެތިވެފައިއޮތީ އިނގިރޭސި އިސްތިޢުމާރީ ވަކިތަކުގެ ދަށުގައެވެ. އިނގިރޭސީންގެ އެތައް އަހަރެއްވީ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނައީ ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް، ވެލާނާގޭ އިބްރާހީމް ނާޞިރު ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ޤައުމާ ދޭތެރޭ ވިސްނާ ކޮންމެ ދަރިއެއް ޤައުމަށް ދެރަގޮތެއް ވުމަކަށް ނޭދޭނެއެވެ. ޤައުމަށް ހެޔޮއެދޭ ކޮންމެ ދަރިއެއްގެ ހިތުގައި އެންމެ ޚާއްޞަ މަޤާމެއް ދެވޭނީ ޤައުމުގެ މިނިވަން ކަމަށެވެ. އުއްމަތުގެ އިސްތިޤުލާލަށެވެ. ދިދައިގެ ފަޚުރާއި ޝަރަފަށެވެ. ދަޢުލަތުގެ ކަރާމާތާއި ހުއްރިއްޔަތަށެވެ. މިސިފަ ދިވެހި ކޮންމެ ދަރިއެއްގެ ގައިގައި ހުރުން ލާޒިމް ވެގެންވެއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި މި ސިފަ ދަރިންނަށް ދަސްކޮށްދިނުމަކީ މައިންބަފައިންނާއި މުދައްރިސުންގެ ވާޖިބެކެވެ. ކާބަފައިން އަޅުގަނޑުމެންގެ ޤައުމު އަމާނާތްތެރިކަމާ އެކު އަޅުގަނޑުމެންނާ ހަވާލުކުރެއްވި ފަދައިން މި އަމާނާތް ރައްކާތެރިކަމާ އެކު މުސްތަޤްބަލުގެ ދަރިންނަށް ޓަކައި ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ.

މިއަދު ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން މިދަނީ އަޅުގަނޑުމެން ދިވެހި ސިފައިންނެވެ. ޤައުމުގެ އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ޤައުމު ސަލާމަތްކުރުމުގެ ޒިންމާ ޤާނޫނީގޮތުންނާއި ފަރުދީ ގޮތުން ވެސް އުފުލަން ޖެހެނީ ދިވެހި ސިފައިންނެވެ. ދުޝްމިނުންގެ އެންމެ ފުރަތަމަ އަމާޒަކަށްވާނީ ވެސް އަޅުގަނޑުމެން ދިވެހި ސިފައިންނެވެ. ޤައުމުގެ ދިފާޢުގައި އެބައިމީހުންނާ އެންމެ ފުރަތަމަ ކުރިމަތިލާނީ ވެސް އަޅުގަނޑުމެން ދިވެހި ސިފައިންނެވެ. އެހެންކަމުން ބަދަލުވަމުންމިދާ ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ މެދު އަޅުގަނޑުމެން ވިސްނައި ހޭލާ ތިބެންޖެހެއެވެ. ދުނިޔޭގައި މިހާރު ހިނގަމުންދާ އޮއިވަރު ރަނގަޅަށް ދެނެތިބި ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. އެ އޮއިވަރުގައި ދިވެހިރާއްޖެ ވެސް ޖެހިދާނެކަމާ މެދު އަޅުގަނޑުމެން ތިބެންޖެހޭނީ ފާރަޔަށެވެ. ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވުމަކީ ހަމައެކަނި ސިފައިންގެ ހައިސިއްޔަތަކުން ކުރަން ޖެހޭނެ ކަމެއް ނޫނެވެ. މި ފަސްގަނޑަށް އުފަން ދިވެހި ކޮންމެ ދަރިޔަކީ ވެސް ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަމަށް ލޯބިކުރަން ޖެހޭނެ ބަޔެކެވެ. ދިވެހި ކޮންމެ ދަރިއަކީ މި ޤައުމު ދުޝްމިނުންގެ ކިބައިން ސަލާމަތްކުރުމަށް ނުކުންނަން ޖެހޭނެ ބައެކެވެ. ސިފައިންނަށް ވީތީއެއް ނޫނެވެ. މި ލޮބުވެތި ފަސްގަނޑަށް އުފަން ދިވެހި ދަރިއަކަށް ވީތީއެވެ. މާޒީވެ ދިޔަތަނުގައި ކާބަފައިން ދައްކުވައިދީފައިވަނީ ވެސް މިފަދަ ރީތި މިސާލެކެވެ. އެމީހުން ދުޝްމަނުންނާ ހަނގުރާމަކޮށް ޤައުމުގެ މިނިވަންކަން އަނބުރައި ހޯދާފައިވަނީ ސިފައިންނަށް ވީތީއެއް ނޫނެވެ. ސަރުކާރުން އެމީހުންނަށް މުސާރަ ދޭތީއެއް ނޫނެވެ. ޤައުމުދެކެ ލޯބިވާ ދިވެހި ދަރިއަކަށް ވީތީއެވެ. ޤައުމުގެ މިނިވަންކަމަށް ލޯބިކުރާތީއެވެ. ދިވެހިންގެ މިނިވަންކަން ދިފާޢުކުރުމަށް ބޭރުން ބަޔަކު ނާންނާނެއެވެ. ދިވެހީންގެ މިނިވަންކަން ދިފާޢުކުރާނީ ހަމަ ދިވެހީންނެވެ.

ޝެއަރކުރެއްވުމަށް