ނޮވެންބަރު 3 ގެ ހަނދާންތަކަކީ އެތަކެއް ޒަމާނެއްގެ ކުރީގެ ތަޖުރިބާތަކެއް ނޫނެވެ. ނޮވެންބަރު 3 ގެ ޢުދުވާނަކީ ދާދި މިދާކަށް ދުވަހު މި މާލޭގައި ހިނގައިދިޔަ ނުރައްކާތެރި ޓެރަރިސްޓް ޢަމަލެކެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިންގެ މަދު ބަޔަކު ތަމަޅަ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަން ނިގުޅައިގަނެ، އިސްލާމްދީނުގެ މަތިވެރި ނޫރު ފޮހެ، ރާއްޖެ އަޅުވެތިކޮށްލުމަށް ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެ ދިފާޢު ކުރުމަށް ޖިހާދު ކުރަމުންދިޔަ ހިތްވަރުގަދަ ފަހުލަވާނުންތަކެއްގެ ޠާހިރު ލޭ މި ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ހިތާމަވެރި ދުވަހެވެ. ހަމަ އެހެންމެ އެ ރަޙުމްކުޑަ ޢުދުވާނުގެ މައްޗަށް ދިވެހިންނަށް ލިބުނު ނަޞްރު ފާހަގަކުރާ “ނަޞްރުގެ ދުވަސް” މެއެވެ. އެހެންކަމުން އެ ދުވަހު ދިވެހިންގެ މިނިވަންކަމާއި ދިވެހީންގެ ދީނާއި ދިވެހީންގެ ޤައުމު ދިފާޢުކޮށްދެއްވާފައިވާ ހަމަ ކޮންމެ ބަޠަލަކަށްމެ އައްސަރިބަހާއި ސާބަސް ދަންނަވަމެވެ.
ނޮވެންބަރު 3 ވަނަ ދުވަހަކީ ދިވެހި ސިފައިން މި ޤައުމު ދެކެވާ ލޯތްބާއި އެބައިމީހުންގެ ނުގުޑާ ޢަޒުމް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިން ދުވަހެކެވެ. ޤައުމުގެ އިންތަކާއި މިންތަކާ މެދު ޤައުމުގެ ދަރިން ވިސްނަން ފެށި ދުވަހެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އަމިއްލައަށް އެދިގެން ސިފައިންގެ މި ޚިދުމަތާ ގުޅެންފެށީ ވެސް މި ދުވަހާ ގުޅިގެންނެވެ. ނަތީޖާއަކަށްވީ މި މުއައްސަސާގައި ތަޢުލީމީ ޒުވާނުން އިތުރުވެ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ދިފާޢީ ބާރުތަކާ އެއްހަމައެއްގައި ތަމްރީނާއި ހުނަރު ލިބިފައިވާ ޤާބިލު ބަޔަކަށް މިއަދުގެ ދިވެހި ސިފައިން ވުމެވެ.
މީގެ 20 އަހަރު ކުރިން ހިނގި ނޮވެންބަރު 3 ގެ ޙާދިސާއަށްފަހު މިފަދަ ދެވަނަ ޙާދިސާއެއް މި ޤައުމަށް ކުރިމަތި ވެދާނެ ކަމަށްވިސްނައި ލޯ ހުޅުވާލަން އެބަޖެހެއެވެ. ދުނިޔޭގެ މިއަދުގެ ޙާލަތާއި ދުނިޔޭގެ މަޝްރަހާއި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް ވިސްނާއިރު އެފަދަ ދެވަނަ ދުވަހެއް އައުމަކީ، ވުން އެކަށީގެންވާ ކަމެކެވެ. ސިފައިންނަކީ ބޭރުގެ އެކި ކަރަތަކުން ކިތަންމެ ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހާސިލުކޮށްގެންތިބި ބަޔަކަށް ވީނަމަވެސް މިއަދު މި ސަފުތައް އިތުރަށް ބަދަހިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުއްޓެވެ. ވިސްނަން ޖެހޭ ވިސްނުންތަކެއް އެބަހުއްޓެވެ. ކަނޑައަޅަންޖެހޭ ޢަޒުމްތަކެއް އެބަހުއްޓެވެ. އަމިއްލަ ވަޒަނަށް ޓަކައި އުފުލަންޖެހޭ ޒިންމާތަކެއް އެބަހުއްޓެވެ. އެހެންކަމުން މި ޒިންމާ އުފުލޭނީ އަޅުގަނޑުމެންގެ ސަފުތައް އިތުރަށް ބަދަހި ކުރުމުގެ ރޫޙެއް އުފެދިގެންނެވެ. ސިޔާސީ އޮއިވަރުތަކާއި ދީނީ ބައިބައިވުންތަކުން ސަލާމަތްވެތިބެ، ޤައުމުގެ ޙާލަތާމެދު ވިސްނައި ފިކުރު ކޮށްގެންނެވެ.
އެ ދުވަހު ރާއްޖެއަށް އެ ދިން ޢުދުވާނީ ހަމަލާއަކީ އޭކޭ 47 އާއި އާރުޕީޖީ ފަދަ އަތްމަތީ ހަތިޔާރު ބޭނުންކޮށްގެން ދިން ޙަމަލާއަކަށް ވީނަމަވެސް އެފަދަ ހަތިޔާރަކުން ނޫނަސް މިއަދު މިފަދަ ޙަމަލާއެއް އައުމަކީ މިހާރުގެ ހާލަތަށް ވިސްނާއިރު ވެދާނެ ކަމެއް ކަމުގައި ބަލަން ޖެހެއެވެ. އަޅުގަނޑުމެންގެ ބަދަހި ސަފުތައް ފޫއަޅުވައި، ބައިބައިކޮށްލުމަށް ޓަކައި ހަދާނެ ކިތަންމެ އުކުޅެއް ހުންނާނެކަން ވިސްނަން އެބަޖެހެއެވެ. އިންސާނުންގެ ފިކުރީ މިންގަނޑާ ކުޅެ ދުނިޔޭގެ ބާރުގަދަ ލަޝްކަރުތައް ބައިބައިކޮށް ވިއްސިވިހާލިކޮށްލި ފަދައިން މިފަދަ ޙަމަލާއެއް އަޅުގަނޑުމެންނަށް ވެސް ކުރިމަތިވެދާނެ ކަމަށް ވިސްނައި މިފަދަ ކަންތައްތަކުން ސަލާމަތްވެތިބުމަށް ދުރާލައި ތައްޔާރުވާން އެބަޖެހެއެވެ. ފައިސާއާއި ބާރަކީ އިންސާނާ އެންމެ ބޮޑަށް ދަހިވެތި ކުރުވާ އެކައްޗެވެ. މިއީ ވެސް ބޮޑެތި ލަޝްކަރުތައް ބައިބައިކޮށް، ޤައުމުތައް އަޅުވެތިކޮށްލުމަށް މިއަދު ދުނިޔޭގައި ބޭނުންކުރާ އެއް ހަތިޔާރެވެ. ބާރުގަދަ ޤައުމުތައް އަޑީގައި އޮވެ، އެކި ޖަމާޢަތްތަކުން، ބަލިކަށި ނިކަމެތި ޤައުމުތަކާއި އަދި ކުރިއަރައިގެން އަންނަ ޤައުމުތަައް ބައިބައިކޮށްލުމަށް މުޅި ދުނިޔޭގައި ޙަރަކާތްތެރިވަމުން އަންނައިރު ރާއްޖެއަކީ ވެސް މިފަދަ ޓެރަރިސްޓުންގެ އަމާޒު ފަތްގަނޑަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކާބަފައިން އަޅުގަނޑުމެންނަށް ހޯދައިދިން މިނިވަންކަން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. މިނިވަންކަމުގެ ނިޢުމަތުގެ އަގު އަޅުގަނޑުމެންނަަށް ވަޒަން ކުރެވޭނީ އެ މިިނިވަންކަމެއް ގެއްލި ދިޔުމުންނެވެ. މިއަދު ދިވެހިންނަށް މިނިވަންކަމުގެ އަގުވަޒަން ނުކުރެވުނު ނަމަވެސް ދުނިޔޭގެ އަޅުވެތިވެފައިވާ މުސްލިމް ޤައުމުތަކުގެ ލޮބުވެތި ރައްޔިތުންނަށް މިނިވަންކަމަކީ ކިހާ އަގުބޮޑު ޖަވާހިރެއްކަން އެބައިމީހުންނަށް ވަޒަންކުރެވޭނެއެވެ. މިއަދު މުސްލިމް ޤައުމުތައް ބައިބައިކޮށްލުމަށް ދުޝްމަނުން ރާވާރޭވުންތަކުގެ ތެރޭގައި އިންސާނުންގެ ފިކުރީ މިންގަނޑާ ކުޅެ ދީނީ ގޮތުން ބައިބައިކޮށްލުން ހިމެނެއެވެ. ރާއްޖޭގައި ވެސް މިއަދު މިފަދަ ކުލަވަރުތައް ދޭތެރެދޭތެރެއިން ދަނީ ފެންނަމުންނެވެ. އެހެންކަމުން މިފަދަ ކަންތައްތަކުން ވެސް ސަލާމަތްވެ ތިބުމީ ޤައުމުގެ މުސްތަޤުބަލަށް ޓަކައި އަޅުގަނޑުމެންނަށް އެޅިދާނެ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މުސްތަޤުބަލުގެ ދަރިންނަށް ޓަކައި ނަޞްރުގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު މި “ނަޞްރު” އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާ އެކު ރައްދުކޮށްދެވޭނީ އިސްވެ މި ދެންނެވުނު ކަންތައްތަކަށް ވިސްނައި، އެފަދަ ނޭދެވޭ ކަންތައްތަކުން ދުރުވެ، ރައްކާތެރިވެ، ކޮންމެ ފަރުދަކު ވެސް އަމިއްލައަށް ވިސްނައި އެކަމަށް ހޭލާ ތިބެގެންނެވެ.
ރާއްޖެ އިސްލާމްވުމަށްފަހު ދުނިޔޭގެ އެކި ބާރުތަކުން ރާއްޖެ އަޅުވެތިކޮށްލުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. ޕޯޗުގީޒުންނާއި މަލާބާރީންނާއި ހޮޅިންނާއި އަދި މިނޫނަސް ތަފާތު ބާރުތަކުން ދިވެހިރާއްޖެއާ ތޮޅި، ރާއްޖޭގެ މިނިވަންކަމާއި ކުޅެފައިވާކަން ތާރީޚުން ހެކިދެއެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކޮންމެ ފަހަރަކު ދިވެހިންނަށް މިނިވަންކަން ހޯދައިދީފައި ވަނީ ޤައުމުދެކެ ލޯބިވާ މި ލޮބުވެތި ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންގެ ޤުރުބާނީ ޚިދުމަތްތަކުންނެވެ. މި ޤައުމުގެ މިނިވަންކަމަށް ޓަކައި އޮހޮރިގެން ގޮސްފައިވާ ދިވެހި ލޭގެ ހަމަ ކޮންމެ ތިއްކެއްގެ އަގު ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ހާލު ވަޒަންކުރަމެވެ. މި ފުރުޞަތުގައި ނޮވެންބަރު 3 ގައި ޝަހީދުވެދިޔަ ނަޞްރުގެ ދުވަހުގެ އަބްޠާލުންނަށް ހެޔޮ ދުޢާ ކުރަމުން އެ ބޭފުޅުންގެ ޒިކުރާ އާކުރަމެވެ. ކީރިތިވަންތަ މާތް ﷲގެ ތަނަވަސް ރަޙުމަތުގައި އަބަދުމެ އެ އަބްޠާލުން ލެހެއްޓެވުން އެދި ދުޢާ ދަންނަަވަމެވެ. އަޅުގަނޑުގެ ދުޢާއަކީ އެކުވެރި ހިތްތަކެއްގެ ގޮތުގައި ބަދަހި ސަފުތަކެއްގެ ގޮތުގައި ދިވެހި ސިފައިން ލެހެއްޓެވުމެވެ. ކީރިތި ﷲ ގެ ތަނަވަސް ރަޙުމަތުގައި މި ލޮބުވެތި ދިވެހި ޤައުމު މިނިވަންކަންމަތީ އަބަދުގެ އަބަދަށް ދަމަހައްޓަވާށިއެވެ. އާމީން.