އެ ޝަހީދުންނަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ، ދިވެހި ފަަސްގަނޑު އެ ބައެއްގެ ލެއިން ފޯކޮށްލި އަބުޠާލުންނެވެ. އެ ދުވަހު ޝަހީދުވީއަކީ ހަމައެކަނި ސިފައިންނެއް ނޫނެވެ. އަދި ޝަހީދުންނަކީ ހަމައެކަނި 3 ނޮވެންބަރު 1988 ދުވަަހު ޝަހީދުވެވަޑައިގަތް ބޭފުޅުން އެކަންޏެއް ވެސް ނޫނެވެ. އެހެންނަމަވެސް އެ ދުވަހު ޝަހީދުވި ސިފައިންނަކީ އެ ދުވަހުގެ ހާލަތު ރަނގަޅަށް އެނގިހުރެ އެމީހުންގެ ވަޒީފާގެ ގޮތުން ކޮށްފައިވާ ހުވަޔާއި އެއްގޮތަށް ލިބިފައިވާ ތަމްރީނާއި ތަޖުރިބާގެ އަލީގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ދިވެހިރާއްޖެ ބަޣާވަތްތެރިންގެ އަތްދަށަށް ދިޔަނުދީ ދިވެހިރާއްޖެ ސަލާމަތްކުރުމަށް އައްޑަނައިގެ ގޮތުގައި ހަރަކާތްތެރިވި ބައެކެވެ. 2008 ނޮވެންބަރު 3 ވަނަ ދުވަހަކީ އެ ޝަހީދުން އަޅުގަޑުމެންނާ އަލްވަދާއުކީތާ 20 އަހަރު ފުރޭ ދުވަހެވެ.
އެ ދުވަހު އެ ޝަހީދުން އެ ކުރެއްވި މަތިވެރި ޖިހާދަކީ އަޅުގަނޑުމެން އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެންދާނެ ކަމެއް ނޫނެވެ. 20 އަހަރުގެ ދިގު ރާސްތާއެއް ކަޑައްތުކުރި ކަމުގައިވިއަސް އެ ދުވަސް ދުށް އެއްވެސް ދިވެއްސަކަށް އެ ދުވަހަކީ މާޒީގެ ތެރެއަށް ދޫކޮށްލާ ހަނދާނުން ފޮހެލެވޭނެ ދުވަހެއް ނޫނެވެ. އެ ދުވަހު ސްކޫލު ކުދިންގެ ގޮތުގައި ތިބި ކުދިންނާއި އެ ދުވަހު ތުއްތުކުދިންގެ ގޮތުގައި ތިބި ކުދިންނަކީ މިއަދު ބޮޑެތިވެ، ރާއްޖޭގެ ކުރީ ސަފުތަކުގައި ހަރަކާތްތެރިވާ ހީވާގި ކެރޭ ވިސްނުންތެރި ޤައުމީ ޚިދުމަތްތެރިންނެވެ. މިއަދު އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް، ވެދިޔަތަނުގައި ހިނގާފައިވާ ކަންތައްތަކުން ޢިބުރަތް ހާސިލުކުރާ ބަޔަކަށް ވާންޖެެހެއެވެ. އަދި ދީނަށް ޓަކައި، ޤައުމަށް ޓަކައި ޤުރުބާންވެ ޝަހީދުވި ބަޠަލުންގެ ޒިކުރާއާއި ހަނދާންތައްް އާކުރަންޖެހެއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ވެސް މިފަދަ ބަޠަލުންނަކީ ރަންއަކުރުން ފެވި ހަނދާނުން ފޮހެވިގެން ނުދާނެ ފަދަަ ގޮތަކަށް ގިނަ ބިނާތަކެއް ކުރެވި އަދި އެ ބައެއްގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ކުރެވިފައިވާ ބައެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ކޮންމެ އަހަރަކު ޝަހީދުންގެ ދުވަސް ފާހަގަކުރެއެވެ. އަދި 3 ނޮވެންބަރު 1989 ވަނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހުގެ ގޮތުގައި ވެސް އަންނަނީ ދުވަހެއް ފާހަގަކުރަމުންނެވެ. ނަސްރުގެ ދުވަހަކީ 3 ނޮވެންބަރު 1988 ގެ އުދުވާނީ ޙަމަލާގައި ދިވެހި ސިފައިން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއެކު ހޯއްދެވި ފަޚުރުވެރި ކާމިޔާބީގެ ދުވަހެވެ. އެ ދުވަހު ޝަހީދުވި ޝަހީދުންގެ ހަނދާނުގައި ގިނަ ބިނާތަކެއް ކުރެވިފައި ނެތްނަމަވެސް ސިފައިންގެ ތެރޭގައި، އެ ދުވަހު ޝަހީދުވި ސިފައިންގެ ފޮޓޯ ބަހައްޓައި، ބިނާއެއް ހެދިފައި އެބަހުއްޓެވެ. އަދި ޝަހީދުންގެ ނަމުގައި ޝަހީދު ޙުސައިން އާދަމް ބިލްޑިންގް ފަދަ އިމާރާތެއް ވެސް ހެދި، ޝަހީދު ޒުހޭރު ޢަބްދުﷲ ހިނގުން ފަދަ ނަންނަމުގައި ޝަހީދުންގެ ނަމުން ނަންދެވިފައި ހުރި މަގުތައް އެބަހުއްޓެވެ. އަދި ޝަހީދުންގެ ނަމުން ނަންދެވި ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ އެވޯޑް ފަދަ އެވޯޑް ވެސް ދެއްވައެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް ނަޒަރު ހިންގާލިކަމުގައި ވިއަސް މި ކަންތައްތައް އޮންނަނީ މިކަހަލަ ގޮތަކަށެވެ. އެކިއެކި ހަނގުރާމަތަކުގައި ޝަހީދުވެފައިވާ މީސްމީހުންގެ ނަމުގައި ބޮޑެތި ބިނާތައް ހެދި އަދި އެކިއެކި ހަނގުރާމަތަކަށް ނިސްބަތްކޮށް މިއުޒިއަމް (ދާރުލްއާޝާރު) ހަދާފައި ހުރެއެވެ. އަދި ހަނގުރާމަތަކާ ބެހޭގޮތުން ފޮތްތައް ލިޔެ ޝާއިޢުކޮށް ސްކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެއެވެ. އަޅުގަޑުމެންގެ ތެރޭގައި ވެސް ބޮޑުތަކުރުފާނު އަދި ޝަހީދު ޢަލީރަސްގެފާނު ފަދަ ބޭފުޅުންގެ ވާހަކަތައް ލިޔެޝާއިޢު ކުރެވިފައި އެބަހުއްޓެވެ. އަދި ކުރިމަގުގައި ޝަހީދު ޙުސައިން އާދަމް ފަދަ ބޭފުންގެ ވާހަކަ ވެސް ލިޔެވި ލައިބްރަރީތަކުން ލިބެން ހުރުމަކީ ދުރުކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ ވާހަކަތައް ލިޔެވިދާނެއެވެ. އެހެންނަމަވެސް އެ ބޭފުޅުން އެ ކުރެއްވި ޖިހާދުގެ އަގެއް ނުދެވޭނެއެވެ. ކުރެވިދާނެ ކަމަަކީ ގިނަގުނަ ހަނދާންތަކެއް ރައްކާކޮށް ބެހެއްޓުމެވެ. އެއީ ކުރިއަށް އޮތް ޖީލުތަކުގެ ވިސްނުމަށް އެ ބޭފުޅުން ގެނައުމަށް ޓަކައެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް އެ ޝަހީދުންގެ ހަނދާނުގައި ތަފާތު ޑްރާމާތަކާއި ތަމްސީލުތައް ވެސް ކުޅެވޭނެއެވެ. އަދި މިހާރު ވެސް ދަނީ ކުޅެވެމުންނެވެ. މިހާރަށް ވުރެ ގިނަ ބިނާތަކާއި މޮނިއުމަންޓްތައް ވެސް ހެދޭނެއެވެ. އަދި 3 ނޮވެންބަރު 1988 ގެ ނަމުން ނަންދެވި މިއުޒިއަމެއް ހެދުމަކީ ވެސް މުސްތަގުބަލަށް ޓަކައި ކުރެވިދާނެ ރަނގަޅު ކަމެކެވެ.
އެ ދުވަހު ސިފައިންގެ ތެރޭން ޝަހީދުވި 8 ބޭފުޅުންނަށް މަޤާމުގެ ކުރިއެރުމާއި މެޑެލިތައް ދެއްވާފައިވެއެވެ. މެޑެލިތަކާއި މަޤާމުގެ ކުރިއެރުންތަކަކީ، އެ ޝަހީދުންގެ ޔުނީފޯމްތަކުން ފެންނަން ނެތްކަމުގައިވިއަސް ލިޔެ ޝާއިއު ކުރާ ލިޔުންތަކުން ފެންނާނެ އެއްޗެކެވެ. އަދި ތާރީޚުގެ ތެރޭގައި ރައްކާކުރެވޭނެ މަޢުލޫމާތުތަކެކެވެ. މިއުޒިއަމެއް ހަދާފަ ބަހައްޓާ އެއްޗެއްސަކީ، މަޢުލޫމާތުގެ ޚަޒާނާއެއްގައި ބެހެއްޓިފައިހުރި މުހިންމު ތާރީޚީ އެއްޗެއްސެވެ. ޝަހީދުންގެ އަގުވަޒަންކުރުމަކީ މަރުގެދިޔަ (ބައިވަރު ފައިސާތަކެއް) ދިނުމެއް ނޫނެވެ. ޝަހީދުންނަކީ ދީނަށް ޓަކައި، ޤައުމަށް ޓަކައި ޝަހީދުވި ބަޔަކަށްވާތީ އަންނަންއޮތް ޖީލުތަކަށް އެ ބައެއްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. އެބައެއްގެ ހަނދާންތަކަކީ އެ ފަސްގަނޑަކުން ފުހެވިގެން ނުވާނެ ހަނދާންތަކެވެ. އަދި ޝަހީދުންގެ ޤުރުބާނީތަކަކީ އަބަދުވެސް އާކޮށް ޒުވާން ޖީލުތަކުގެ ހިތްތަކުގައި އަށަގަންނުވަންޖެހޭ މުހިންމު ކަމެކެވެ.
އަޅުގަނޑުގެ ނަޒަރުގައި 3 ނޮވެންބަރު 1988ގެ ހަނދާނުގައި، އެެ ދުވަހު ދީނަށް ޓަކައި އަދި ޤައުމު ދިފާއުކުރުމުގައި ޝަހީދުވި ބޭފުޅުންނަކީ ވަރަށް މަތިވެރި ޖިހާދެއްކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ ޖިހާދު ރަމްޒުކުރުމުގެގޮތުން ހަނދާނީ ބިނާއެއް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެ ބިނާއަކުން އެ ޝަހީދުންގެ ކުރު މަޢުލޫމާތު ލިބެން ހުރުމަކީ ވެސް މުހިންމު ކަމެކެވެ. ބިނާ ހެދިފައި ހުންނަން ޖެހޭނީ ފަސޭހަކަމާ އެކު މީހުންނަށް ފެންނާނެ ގޮތަކަށެވެ. އެ ބިނާއަކީ އިބުރަތްތެރި ފާހަގަކޮށްލެވޭ ބިނާއަކަށް ވުމަކީ ވެސް މުހިންމު ކަމެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ސްކޫލުކުދިންނަށް އެ ތަނަކީ މުހިންމު ތަނަކަށް ވާންޖެހެއެވެ. އަދި އެ ތަނަކީ ރަނގަޅަށް ބަލަހައްޓާ، ގިނަ ދުވަހަށް ދެމިހުންނާނެ ރީތި ތަނަކަށް ވެސް ވާންޖެހެއެވެ.
ސިފައިން ފަދަ ދިފާޢީ ލަޝްކަރުތަކުގައި މަސައްކަތްކުރާ ޤައުމީ ޚިދުމަތްތެރިންނަކީ ދީނަށް ޓަކައި އަދި ޤައުމު ދިފާޢުކޮށް ހިމާޔަތްކުރުމުގެ މަތިވެރި ޚިދުމަތުގެ ކަމަރު ބަނދެލައިގެން ތިބޭ ބައެކެވެ. މިއަދު އަޅުގަނޑުމެން، ޝަހީދު ޙުސައިން އާދަމް ފަދަ ހިތްވަރުގަދަ ކެރޭ ކުޅަދާނަ ޝަހީދުންގެ ޒިކުރާތައް އާކުރަމުން ދާއިރު އަޒުމު ކަނޑައަޅަންވީ އެފަދަ ދުވަހެއް އަތުވެއްޖެނަމަ އަޅުގަނޑުމެން މިތިބީ ޝަހީދު ޙުސައިން އާދަމް ފަދަ ބަޔަކަށް ވުމަށެވެ. މާތް ﷲ ގެ އިރާދަފުޅާއި ވާގިފުޅުން އެެފަދަ ދެވަނަ ދުވަހެއް މި ފަސްގަނޑުގައި ނުލައްވާށިއެވެ. އާމީން.