1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލަ ނާކާމިޔާބު ކޮށްލުމުގައި ދިވެހި ސިފައިން ދައްކައިދިން ސާބިތުކަމާއި ނުގުޑާފަދަ ޢަޒުމާއި ހިތްވަރުގެ ވާހަކައަކީ އަބަދުވެސް ތަޢުރީފު ކުރެވޭނެ ވާހަކަތަކެކެވެ. ތިނެއް ނޮވެންބަރުގެ ހާދިސާގައި ދިވެހިންނަށް ނަސްރާ ނަސީބު ލިބުނީ މާތްﷲ ގެ ވާގިފުޅާއެކު ދިވެހި ސިފައިން އެ ދުވަހު ޤައުމަށް ޓަކައި ކުރި މަތިވެރި ޖިހާދުންނެވެ. އިންޑިއާ ސިފައިންގެ އެހީތެރިކަމާއި މަދަދު އެ ދުވަހު ލިބުނު ކަމަށް ވިޔަސް އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު ޓެރަރިސްޓުން ދިވެހި ސިފައިން އަތުން ބަލިވެގެން ފިލަން ދިއުމަށް މާލޭ ބަނދަރުން ފުރައިފިއެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލަ ކުރިމަތިވިއިރު، އެ ހަމަލައަކީ ކޮންބަޔަކު، ކިހިނެތް، ކޮން ގޮތަކަށް، ދެމުންދާ ހަމަލާއެއްކަމެއް ނޭނގެއެވެ. އެހެންނަމަވެސް ހަމަލަދޭން ފެށިދާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިފައިންގެ ހުޅަނގުދެކުނުން ތަންގަނޑެއް ގޮއްވާލުމާ އެކު ދުޝްމިނުންގެ ބާރު ސިފައިންނަށް އަންދާޒާކުރެވުނެވެ. ހަމަލާ ދެވެމުންދަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ މައިކަރުކަޒަށް ކަމަށްވާތީ މިއީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ނަގާލުމަށް ދެމުންދާ ހަމަލާއެއް ކަމާމެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ. ދުޝްމިނުންގެ ފުރަތަމަ ހަމަލައާއެކު ވެސް ރައްދުގައި ސިފައިން ހަމަލަދޭން ފަށައިފިއެވެ. ސިފައިންގެ މަރުކަޒުގައި ތިބި ސިފައިން ތައްޔާރީ ހާލަތަށް އައިސް، ދުޝްމިނުންނާ ދެކޮޅަށް ކުރަމުންދިޔަ ޖިހާދުގައި އެންމެ ހިތްވަރުގަދަ ޢަމަލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ދުޝްމިނުންގެ ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ރެކީއަށް ނިކުތް ނިކުތުމެވެ. ހަނގުރާމައިގައި ދުޝްމިނުންގެ ހިތްތަކަށް ބިރުވެރިކަންވަދެ، އެބައިމީހުން ފިނޑިވެ، ފިލާ ރައްކާވުމަށް މަސައްކަތް ފެށީ ސިފައިންގެ ތެރެއިން ހަތިޔާރާ އެކު ބަޔަކު ނިކުމެއްޖެކަން އެނގުމުންނެވެ. ދުޝްމިނުންނަށް ސިފައިންގެ ތެރެއިން ނިކުތީ ކިހާ އަދަދެއްގެ ބައެއްކަމާއި ސިފައިންގެ ތެރެއަށް އަނބުރާ ވަނީ ކިހާ އަދަދެއްގެ ބައެއްކަން ވަނީ ނޭނގިފައެވެ. ދުޝްމިނުންނަށް ފެނުނީ ކުއްލިއަކަށް ސިފައިންގެ ތެރެއިން ބަޔަކު ނިކުތް ތަނެވެ. ދެކޮޅުން މެދުނުކެނޑި ހަމަލާ ބަދަލުކުރެވެމުން ދަނިކޮށް އެފަދަ ޖެހިލުންކުޑަ ޢަމަލެއް ސިފައިން ހިންގުން ވެގެންދިޔައީ ހަނގުރާމައިގައި ޖެހިލުންކުޑަ ކަމަށް މަޝްހޫރުވެފައިވާ ތަމަޅަ ހަނގުރާމަވެރިން ވެސް ސިއްސުވާލި ޢަމަލަކަށެވެ.

ސިފައިން ބޭރަށް ނިކުތުމަށް ފުރަތަމަ ކުރި މަސައްކަތް

ދުޝްމިނުންގެ ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ސިފައިންގެ ތެރެއިން ބަޔަކު ބޭރަށް ނިކުތުމަށް ފުރަތަމަ މަސައްކަތް ކުރީ ބަހުގައެވެ. އެގޮތުން ދެ ބަހެއްގައި ބޭރަށް ނިކުތުމަށް ތައްޔާރުވިއެވެ. ބޭރަށް ނިކުތުމަށް ދެ ބަސް ތައްޔާރުކޮށް، ބޭރަށް ނިކުތުމަށް ގޮސް ސިފައިންގެ މައިގޭޓު ހުޅުވަން އުޅެ ހުޅުވޭގޮތް ވަނީ ނުވެފައެވެ. ދުޝްމިނުން ސިފައިންގެ މައިގޭޓަށް ދީފައިވާ ހަމަލާތަކާ ގުޅިގެން ގޭޓު ހުރީ ތާށިވެފައެވެ. ބަހުގައި ބޭރަށް ނިކުތުމަށް ތައްޔާރުވެގެން ބަހުގައި ބޭރަށް ނިކުތުމަށް ދިޔަ ހިތްވަރުގަދަ ސިފައިންގެ ތެރޭގައި އެ ދުވަހު ސިފައިންގެ އެތެރޭގެ އިންތިޒާމުތައް ބަލަހައްޓާ، ހަނގުރާމައިގެ އެންމެ އިސް ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރެއްވި ދެ ބޭފުޅުންކަމަށްވާ މޭޖަރ މުޙައްމަދު ޒާހިރާއި، ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލު ހިމެނިވަޑައިގަންނަވައެވެ. ގޭޓު ތާށިވެގެން ބޭރަށް ނުނިކުމެވިގެން ތިއްބާ ސިފައިންގެ ވެރިޔާގެ ނާއިބު އޮނަރަބުލް އިލްޔާސް އިބްރާހީމް ފޯނު ކުރައްވައި ސިފައިންގެ އެތެރޭގެ އިންތިޒާމުތައް ބެލެހެއްޓުމަށް އެތެރޭގައި މޭޖަރ މުޙައްމަދު ޒާހިރު މަޑުކުރެއްވުމަށް އެންގެވިއެވެ. އޭގެފަހުން ބޭރަށް ނިކުންނާނެ އެންމެ އިސް ދެ ބޭފުޅުންނަކީ ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލާއި ލެފްޓިނެންޓް އާދަމް އިބްރާހީމް މަނިކު (ބިލާލު) ކަމަށް މޭޖަރ މުޙައްމަދު ޒާހިރު ހަމަޖެއްސެވިއެވެ.

ސިފައިންގެ މައިގޭޓު ވައްޓާލައިގެން ވެސް ބަހުގައި ބޭރަށް ނިކުމެވޭތޯ ސިފައިން މަސައްކަތް ކުރިއެވެ. އެކަމަކު އެކަން ވަނީ ކާމިޔާބު ނުވެފައެވެ. ގޭޓު ވައްޓާލުމަށް މަސައްކަތް ކުރެވެމުން ދަނިކޮށް ގޭޓަށް ދުޝްމިނުން ދިން މޯޓަރސެލްގެ ހަމަލާއެއްގައި ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވެއެވެ.

ފައިމަގުގައި ބޭރަށް ނިކުތުން

ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލުގެ ކޮމާންޑަރ ކަމުގެ ދަށުން އޭނާއާއެކު ފައިމަގުގައި ހަތިޔާރާއެކު ބޭރަށް ނިކުތުމަށް ފުރަތަމަ ނެގުނީ 11 މީހުންނެވެ. ބޭރަށް ނިކުތުމަށް ފުރަތަމަ ނެގުނު މީހުންނަކީ:

  1. ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލު  (ސނ: 601)
  2. ކޯޕްރަލް ޙުސައިން ޢަލީ (ފުއްކަފަ ދޮންތުއްތު) (ސނ: 133)
  3. ލާންސް ކޯޕްރަލް އާދަމް ނަޞީރު (ސނ: 635)
  4. ލާންސް ކޯޕްރަލް ޢަބްދުﷲ ނަސީމް (ސނ: 347)
  5. ޕްރައިވެޓް މުޙައްމަދު އިބްރާހީމް (ސނ: 606)
  6. ޕްރައިވެޓް މުޙައްމަދު ޙަސަން (ސނ: 821)
  7. ޕްރައިވެޓް ޢަބްދުﷲ މުފީދު (ސނ: 733)
  8. ޕްރައިވެޓް އިބްރާހީމް ޝަރީފް (ސނ: 704)
  9. ޕްރައިވެޓް ޙުސައިން މަނިކު (ސނ: 502)
  10. ޕްރައިވެޓް މުޙައްމަދު ޢަލީ (ސނ: 853)
  11. ޕްރައިވެޓް ޢަލީ މާހިރު (ސނ: 531)

ބޭރަށް ނިކުތުމަށް ނެގުނު މީހުން ހަތިޔާރު ނެގުމުން މިޝަން ބްރީފު ކޮށްދެއްވީ ބޭރަށް ނިކުތުމަށް ހަމަޖެހުނު މީހުންގެ ކޮމާންޑަރ، ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލެވެ. ދެން ފެނިގެން ދިޔައީ އަސަރުން ފުރިގެންވާ ވަގުތުކޮޅެކެވެ. ބޭރަށް ނިކުތުމަށް ނެގުނު މީހުންނާ ސިފައިންގެ އިސްބޭފުޅުންނާއި އެހެނިހެން ސިފައިން ސަލާންކޮށް ހިތްވަރުދީ ހަދަމުންދިޔަ އަސަރުގަދަ ވަގުތެވެ. ބޭރަށް ނިކުތުމަށް ނެގުނު މީހުންނާ ސިފައިންގެ އިސްބޭފުޅުންނާއި އެހެނިހެން ސިފައިން ވެސް އައިސް ސަލާންކޮށް ހިތްވަރުދީ ހަދަމުންދިޔަ އަސަރުގަދަ ވަގުތެވެ. ބޭރަށް ނިކުތުމަށް ތައްޔާރުވަމުން ދިޔަ ސިފައިން އެކިއެކި ވަސިއްޔަތްތައް ކުރި ވަގުތުކޮޅެވެ. އެ ވަގުތު ނަސޭހަތުގެ ގޮތުން މޭޖަރ މުޙައްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި މިއީ ސިފައިންގެ ޤައުމީ ވާޖިބުކަމަށާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ހިތްވަރާއި ސާބިތުކަމާއި އެންމެ ފަހު މީހާއާ ޖެހެންދެން ވެސް ޖިހާދު ކުރުމަށް އަސަރާއެކު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ފައިމަގުގައި ސިފައިން ބޭރަށް ނިކުތީ ފުލުސް އޮފީހުގެ ގޭޓުންނެވެ. ބޭރަށް ނިކުތުމަށް ނެގުނު 11 މީހުން ފުލުސް އޮފީހުގެ ދޮރުން ބޭރަށް ނިކުމެ ފުރަތަމަ ތިބީ ހަތަރު ވަރަކަށް އުސްމިނުގެ މަގުމަތީފާރުން ކަވަރު ނަގައިގެން އެތެރޭގައެވެ. މަގުމަތީ ފާރުން ބޭރަށް (މަގުމައްޗަށް) ފުރަތަމަ ނިކުންނެވީ ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލެވެ. ފައިލް ފޯމޭޝަނުގައި ބޭރަށް މީހުން ނިކުން ތަރުތީބަކީ :-

  1. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލު (ސނ: 601)
  2. ލާންސް ކޯޕްރަލް ޢަބްދުﷲ ނަސީމް (ސނ: 347)
  3. ޕްރައިވެޓް ޙުސައިން މަނިކު (ސނ: 502)
  4. ޕްރައިވެޓް ޢަބްދުﷲ މުފީދު (ސނ: 733)
  5. ލާންސް ކޯޕްރަލް އާދަމް ނަޞީރު (ސނ: 635)
  6. ޕްރައިވެޓް މުޙައްމަދު ޙަސަން (ސނ: 821)
  7. ޕްރައިވެޓް މުޙައްމަދު އިބްރާހީމް (ސނ: 606)
  8. ކޯޕްރަލް ޙުސައިން ޢަލީ (ފުއްކަފަ ދޮންތުއްތު) (ސނ: 133)
  9. ޕްރައިވެޓް އިބްރާހީމް ޝަރީފް (ސނ: 704)

ބޭރަށް ނިކުތުމަށްދިޔަ ހިތްވަރުގަދަ 11 މީހުންގެ ތެރެއިން ޕްރައިވެޓް މުޙައްމަދު ޢަލީ (ސނ: 853) އާއި ޕްރައިވެޓް ޢަލީ މާހިރު  (ސނ: 531) ދެ ބޭކަލުންނަށް މަގުމައްޗަށް ނިކުމެވޭގޮތެއް ނުވިއެވެ. ސިފައިންގެ ތެރެއިން ބަޔަކު ބޭރަށް ނިކުތްކަން ދުޝްމިނުންނަށް އެނގުމާއެކު އެ ދިމާލަށް ބަޑިތައް އަމާޒުކޮށް ހަމަލާތައް ވަރުގަދަކުރިއެވެ. އޭރުވަނީ ދުޝްމިނުންގެ ހަމަލާތައް ވަރުގަދަވެ، ބޭރަށް ނިކުތް މީހުންގެ ތެރެއިން ބައެއް މީހުންގެ ގަޔަށް ވަޒަންއަރާފައެވެ. ފަސްވަނައަށް ބޭރަށް ނިކުން ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) އާއި ހަވަނައަށް ނިކުތް ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލި) އާއި ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) ގަޔަށް ވަޒަން އަރައި އަމީރުއަޙުމަދުމަގަށް ވެއްޓުނެވެ. މި ތިން ބޭފުޅުން ވެސް ވަނީ ޝަހީދުވެފައެވެ. ސިފައިންގެ ތެރެއިން ނިކުތް ހިތްވަރުގަދަ ސިފައިންގެ ނުވަ މީހުންގެ ތެރެއިން ދެން ތިބި ފަސްމީހުން އަނބުރާ ސިފައިންގެއަށް ކުޑައިރުކޮޅެއްގެ ފަހުން ވެންނެވީއެވެ. ބޭރަށް ނިކުތް ސިފައިން ވަނީ ދުޝްމިނުންނާ ދެކޮޅަށް ރައްދު ހަމަލާތަކެއް ދީފައެވެ. ބޭރަށް ނިކުތް ސިފައިން އެތެރެއަށް ވަނީ ކަނީރުހިނގުމުގައި ތިބި ދުޝްމިނުންނާ ދެކޮޅަށް ހަމަލާދީ އެމީހުން ފަހަތަށް ޖައްސާފައެވެ. މިއީ ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލަ ނާކާމިޔާބު ކޮށްލުމުގައި ދިވެހި ސިފައިން ދައްކައިދިން އެންމެ ހިތްވަރުގަދަ ޢަމަލެވެ.

ޝެއަރކުރެއްވުމަށް