1988 ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަހު މި ލޮބުވެތި ޤައުމާ ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ މިފަހަކަށްއައިސް ރާއްޖެއާ ކުރިމަތިވި އެންމެ ބިރުވެރި، އަނިޔާވެރި ޙަމަލާއެވެ. އެއީ، އެ ދުވަސް ދުށް އެއްވެސް ދިވެހި ފަރުދެއްގެ ހިތުން ފޮހެ ނުލެވޭނެ ދުވަހެކެވެ. އަދި ހަމައެހެންމެ އެ ދުވަހަކީ އެ ދުވަހުގެ ވާހަކަ އަޑުއެހި އެއްވެސް ދިވެއްސެއް އެކަމާމެދު ސަމާލުކަމަށް ނައިސް ނުދާނެ ދުވަހެއް ވެސް މެއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ނޮވެންބަރު 3 ގެ ހާދިސާއަކީ ދިވެހި ޚާއިނުންގެ ބަޔަކު އިސްވެ ތިބެގެން މި ޤައުމާ ކުރިމަތިކުރުވި ޓެރަރިސްޓް ޙަމަލާއެވެ. އެ ޚާއިނުން މަދަދު ހޯދާފައިވަނީ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ނަމުން ނަންދީފައިވާ ލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްގެ ފަރާތުންނެވެ. އެ ޖަމާޢަތުގެ 80 ވަރަކަށް ޓެރަރިސްޓުންނާއިގެން، ދިވެހި ޚާއިނުން ރާއްޖޭގައި އުފެދިފައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށް ހަނގުރާމައަށް އައީ އެމީހުންގެ އަމިއްލަ އެދުން ހާސިލު ކުރުމަށް، ކުރަންޖެހުނު ކޮންމެކަމެއް ކުރުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. އެކަމަށްޓަކައި ލޭ އޮހުރުވާލަން ޖެހުނު ކޮންމެ ދިވެހި ދަރިއެއްގެ ލެއިން މި ފަސްގަނޑު ރަތްކޮށްލުމަށް ފަސްނުޖެހުމަށް ތައްޔާރުވެގެންނެވެ. ޒަމާނީ ހަތިޔާރާއި ގިނަ ދުވަސްތަކެއްގެ ތަޖުރިބާއާއި، ރޭވުމުގެ ދަށުންނެވެ. އެމީހުން ހީކޮށްގެންތިބީ މި ޤައުމު އެމީހުންގެ ބާރުގެ ދަށަށް ގެނައުމުގައި ގިރާނުކުރެވޭނެ އެއްވެސް ހަރުފަތެއް ނުވާނެ ކަމުގައެވެ. އެ އަޒުމާއި ފޯރީގައި ބާޢީން ރާއްޖެ އައިސް ހަމަލާ ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ.
ތެދުތެދަށް ދަންނަވާނަމަ ދިވެހިން ތިބީ އެފަދަ ހަމަލާއަކަށް އެއްވެސް ވަރަކަށް ތައްޔާރު ވެގެނެއް ނޫނެވެ. އަދި އެފަދަ ހަމަލާއެއް އަތުވެދާނެކަމުގެ އިޝާރާތެއް ވެފައެއް ވެސް ނުވެއެވެ. އެހެންނަމަވެސް އެ ހަމަލާ ދިން ވަގުތުން ފެށިގެން ދިވެހިން ހަރަކާތްވެރިވީ ވަރަށް ހިކުމަތްތެރި ގޮތަކަށެވެ. ވަކިން ޚާއްޞަކޮށް ދިވެހި ސިފައިން ހަރަކާތްތެރި ވެފައިވަނީ ވަރަށް ވެސް ވިސްނުންތެރިކަމާ އެކުގައެވެ. ކުރިމަތިވި ކުއްލި ޓެރަރިސްޓް ހަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމަށް ޓަކައި އެމީހުން ވީ ޤުރުބާނީއަކީ މިދީބު ވުޖޫދުގައި ދެމިއޮތްހާ ދުވަހަކު ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނެ ހަނދާންތަކެއް ނޫނެވެ. ދިވެހި ސިފައިން ފުރާނައިން ޤުރުބާންވެގެން މި ވަޠަނަށް ނަޞްރު ހޯދައިދެއްވިއެވެ. އެ ދުވަހު ދިވެހިންނަށް ލިބިގެންދިޔަ ނަޞްރު ދެމެހެއްޓުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެކެވެ.
ޚާއްޞަކޮށް ދިވެހި ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ކުރީސަފުގައި ފައިތިލަ ސާބިތު ކޮށްގެންތިބޭ ބައެއްކަމަށް ވާހިނދު، ސިފައިންނަކީ އެފަދަ ކަންކަމަށް ހުޝިޔާރު، ގާބިލު ބަޔަކަށް ވާންޖެހެއެވެ. އަދި ސިފައިންނަކީ ތެދުވެރި، އިޚުލާޞްތެރި އަދި ވަފާތެރި ބަޔަކަށް ވާންޖެހެއެވެ. ކަމަށް ކަމޭހިތާ، ވެރިންގެ އަމުރަށް ފުރިހަމައަށް ބޯލަނބާ، ކިޔަމަންތެރި ބަޔަކުކަމުގައި ވާންޖެހެއެވެ. އަޤީދާ ވަރުގަދަ ޞާލިހު އަޅުން ކަމުގައި ވާންޖެހެއެވެ. ނޮވެންބަރު 3 ގައި ދިވެހިންނަށް ނަޞްރު ލިބުމުގެ ފަހަތުގައިވާ އެންމެބޮޑު ހިކުމަތަކީ މި ދެންނެވި ސިފަތައް ސިފައިން ކިބައިގައި ހަރުލާފައި ވުމެވެ. ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ މިއަދުގެ ބައެއް ޒުވާނުންނަކީ މި ދެންނެވި ސިފަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަރުލާފައިވާ މީހުން ކަމުގައި ނުވުމެވެ. ވުމާއެކު އަޅުގަނޑުމެންގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ދުޝްމަނުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. 3 ނޮވެންބަރުގެ ހަމަލާގައި ސިފައިންގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ބައެއް މީހުންގެ އެހީތެރިކަން ޚާއިނުންނަށް ލިބުނުކަމީ ހިތާމަހުރި ކަމެކެވެ. އެހެނީ އެފަދަ މީހުންނަށް ސިފައިންގެއާބެހޭ ވަރަށްގިނަ މަޢުލޫމާތު އެނގިފައި ވުމާއެކު، އެފަދަ މީހުންގެ އެހީ ދުޝްމިނުންނަށް ލިބިގެން ހަމަލާއެއް ދިނުމުގައި ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ފާއިތުވެގެން ދިޔަ ދުވަސްވަރަކީ ސިޔާސީގޮތުން ވަރަށް ވެސް ހަލަބޮލި ދުވަސްކޮޅެކެވެ. ސަރުކާރާ ދެކޮޅު އެތައް ހަރަކާތްތަކެއް ހިނގި ދުވަސްވަރެކެވެ. ވިސްނާ ވަޑައިގަންނަވާށެވެ. ނޮވެންބަރު 3 ގެ ޙަމަލާއަކީ ވެސް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ޓަކައި ހިންގި ޢުދުވާނެކެވެ. ވުމާއެކު މިފަދަ ދުވަސްވަރެއްގައި އެފަދަ ހަރަކާތެއް ނުހިންގާނެކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. ވުމާއެކު އަޅުގަނޑުމެން ތިބީ އެފަދަ ހަމަލާއަކަށް ވެސް ތައްޔާރަށެވެ. ނޮވެންބަރު 3 ގެ ޙަމަލާއިން ޢިބުރަތް ހާސިލު ކޮށްގެންނެވެ.
ވީމާ، އެ ހަމަލާއަކީ އަޅުގަނޑުމެންނަށް ލިބުނު މުހިންމު ފިލާވަޅެއް ކަމަށް ގަބޫލުކޮށް އަބަދުވެސް އެފަދަ ކަމަކަށް ތައްޔާރަށް ތިބޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާންޖެހޭނެއެވެ. އަބަދުވެސް އަޅުގަނޑުމެންގެ މޭތައް ވާންޖެހޭނީ ޤައުމާއި، ދީން ހިމާޔަތް ކުރުމަށް ދިއްކޮށްލެވޭ އައްޑަނަތަކަކަށެވެ. އަޅުގަނޑުގެ ދުޢާއަކީ ދިވެހި ސިފައިންނަކީ ޤައުމުގެ ސަލާމަތާއި އިސްތިޤުލާލު ރައްކާތެރި ކުރުމަށް ފަސްނުޖެހޭ ބަޔަކު ކަމުގައި މާތްﷲ މިންވަރު ކުރެއްވުމެވެ. އަޅުގަނޑުމެންނަށް ތާއަބަދުމެ ފުރިހަމަ ނަޞްރު ދެއްވާށިއެވެ! އާމީން!