އިންޑިޔާ ކަނޑުގެ މެދުގައި، ފެހި ދޫލައެއްހެން ފެތުރިފައިވާ ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ، އަމަންއަމާންކަމާއި ސުލުޙަ މަސަލަސްކަމުގެ ގޮތުން އެހެން ޤައުމުތަކަށް ނަމޫނާއެއް ކަމުގައި، ދުނިޔޭގެ ގިނަ ބަޔަކު ދެކެއެވެ. އަށްސަތޭކަ އެތައް އަހަރެއް ކުރިން ފެށިގެން، މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮތް މި ރާއްޖެއަކީ، ޤައުމާއި ވަޠަންގެ ޙައްޤުގައި ޖާނާއި މާލުން، ހަށިގަނޑާއި ފުރާނައިން ޤުރުބާންވަމުން އައިސްފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ތަނެކެވެ. އެއް ބަހަކުން ވާހަކަދައްކާ، އެއް ސަޤާފަތެއް ޙިއްސާކުރާ، އަމިއްލަވަންތަ ޚިޔާލަށް އިސްކަންދޭ ދުސްތޫރެއް ހިނގަމުން އަންނަ ތަނެކެވެ. އެތައްއެތައް އަބުޠާލުންނެއް އެ ބޭފުޅުންގެ އަގުހުރި ވަގުތުތައް މި ޤައުމުގެ ކީރިތިކަމާއި މޫރިތިކަމަށް ޓަކައި، ހޭދަކުރައްވައި ކުރެއްވި ވަރުގަދަ ޖިހާދުން މި ޤައުމަށް ނަޞްރާއި ފަތަޙައާއި، ކާމިޔާބީއާއި ކުރިއެރުން ގެނެސްދެއްވީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. މިއިން ކޮންމެ ނަޞްރާއި ފަތަޙައެއްގައި، ކޮންމެ ކުރިއެރުމެއްގައި، މާތް ﷲގެ މަތިވެރި މަދަދާއި ކާމިޔާބު އިންތިހާއަށް ވަނީ ލިބިގެން ގޮސް ފައެވެ.
ތާރީޚީ ނަޒަރަކުން ބަލާއިރު، މީލާދީން 1120 ނުވަތަ 1121 ހާތާނގައި އޭރު ތަޚުތުގައި އިންނެވި ރަސްގެފާނު ސްރީމަހާބަރަނަ މަހާރަދުން ޗޯޅާއިންނާ ދެކޮޅަށް ކުރެއްވި ހަނގުރާމައިން ދިވެހިންނަށް ނަޞްރު ލިބުނެވެ. އޭގެ އަހަރުތަކެއް ފަހުން 9 ވަނަ ޙަސަން ރަސްގެފާނުގެ ސަބަބުން މި ރާއްޖެއަށް ޕޯޗްގީޒުން އަރައިގަނެ 6 ވަނަ އަލީ ރަސްގެފާނު ޝަހީދުކޮށް، ދިވެހިރާއްޖެއަށް ޕޯޗްގީޒުން ވެރިވެގަތެވެ. ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ވެރިކަމެއް 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިންގަމުން ދަނިކޮށް، މީލާދީން 1573 ގައި އުތީމު ބޮޑުތަކުރުފާނު، ޕޯޗްގީޒުން ބަލިކުރައްވައި އެމީހުންގެ ކިބައިން ރާއްޖެ މިނިވަންކުރައްވަން ކުރެއްވި ވަރުގަދަ ޖިހާދުގައި ލިބިފައިވަނީ ވަރަށް މަތިވެރި ނަޞްރަކާއި ފަތަޙައެކެވެ. އަދި މީލާދީން 1753 ގައި ދޮންބަންޑާރައިން، ހޮޅިން ބަލިކުރައްވައި ހޯއްދެވީ ވެސް އެހާމެ މަތިވެރި ނަސްރަކާއި ފަތަޙައެކެވެ. މީގެއިތުރަށް ވެސް އެތައްފަހަރަކު ދިވެހިންނަށް ލިބިފައިވާ ގިނަގުނަ ކާމިޔާބީތަކަކީ އެކިގޮތްގޮތަށް ފާހަގަކުރެވޭ ކާމިޔާބީތަކެވެ. މި އަހަރަކީ 1988 ނޮވެންބަރު 3 ގެ ޢުދުވާނަށް 20 އަހަރު ފުރޭ އަހަރެވެ. މި ލިޔުމުގައި މި ބަލާލަނީ، އެ ޢުދުވާނުގައި ލިބުނު ނަޞްރާއި ފަތަޙައިގެ މައްޗަށެވެ.
1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނުގައި ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖެއަށް ކުލީސިފައިން ގެނައީ، ވަރަށް ބޮޑަށް ދުރާލައި ރާވައިގެން، އެކި ފަރާތްފަރާތުގެ އެހީތެރިކަމާއި މަދަދު ލިބޭނޭކަމުގެ އިތުބާރަކާއެކު، ފޮނި އުންމީދުތަކާ އެކީގައެވެ. ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ވަރަށް މޮޅަށް ތަދުބީރު ކޮށްގެންނެވެ. ވެރިކަމުގެ އާރާއިބާރުތައް ހިތަކަށް ލިބޭނޭކަމުގެ ހުވަފެންތައް ދެކެމުންނެވެ. މަސްތުވުމަށް ޓަކައި ބޯލާ، ކާލާ ހެދޭނެ މިނިވަންކަމެއް މި ޤައުމަށް ޢާންމުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައިވާ ހާލެއްގައެވެ.
ވޭތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި އިވިފައިވާ އަޑުތަކާ ފެންނަންހުރި ލިޔުންތަކަށް ބަލާއިރު ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލުމަށް އެންމެ ފުރަތަމަ ޚިޔާލު އުފެދިފައިވަނީ ތަމަޅައިން މާލެ އައުމަށް ޓަކައި ދަތުރު ފެށުމުގެ 2 އަހަރު ކުރިން، 1986 ވަނަ އަހަރު ގައެވެ.
މި ޢުދުވާނީ ޙަމަލާ ހިންގުމަށް ތަމަޅައިންނާ ދެމެދު އެއްބަސްވެގެން މި މަސައްކަތް ކުރުމަށް ޓަކައި، އެމީހުނަށް ތަމްރީނު ކޭމްޕެއް ހެދުމަށް ފަޅު ރަށެއް ދިނުމާއި، އެމީހުންގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށް ރާއްޖެއިން ރިސޯޓެއް ދިނުމާއި، އެމީހުން ބޭނުންވާ ހަތިޔާރު ސްރީލަންކާއަށް އެތެރެ ކުރުމަށް ރާއްޖެއިން އެހީތެރިވުމަށް އެއްބަސްވި އެއްބަސްވުން ފާހަގަކުރެވެއެވެ.
މި ދެންނެވި އެއްބަސްވުމުގެ ދަށުން ފެށުނު މަސައްކަތުގައި ރާއްޖޭގެ ސިފައިންގެ ހަރަކާތްތަކާއި، ގެންގުޅޭ ހަތިޔާރު ދެނެގަތުމަށް ޓަކައި ޖުލައި 26 ގައި ޕްލޯޓް ޖަމާއަތުގެ ބަޔަކު މާލެއައިސް މާލޭގައި ތިބިތިބުމުގައި ރަސްމީ ޕެރޭޑާއި، ދިފާޢީ މަރުކަޒާއި ފުލުސްއޮފީހުގެ ގޭޓާއި، އެތަން ހުންނަގޮތް ބަލައި ހެދިއެވެ. ސިފައިން ޑިއުޓީތަކުގައި ގެންގުޅޭ ހަތިޔާރާ ބެހޭ މަޢުލޫމާތު ވެސް ދެނެގަތެވެ. މި ހޯދި މަޢުލޫމާތުގެ އަލީގައި އެމީހުންނަށް އެނގިގެން ދިޔައީ “5 ބަޑި ހިފައިގެން މާލެ އެރިޔަސް” މާލެ ހިފައި، ވެރިކަން ބަދަލުކޮށްލެވިދާނެ ކަމެވެ. މި ތަޖުރިބާގެ އަލީގައި އެމީހުންގެ ލަޝްކަރު ޙަރަކާތްތެރިވާނެ ގޮތް އެ ޓީމުން ނިންމިއެވެ. އެ ޓީމުގެ އިސްމީހަކަށް ހުރީ ވެސް ޕްލޯޓް ޖަމާޢަތުގެ ސިކުނޑިކަމުގައިވާ ޓެރަރިސްޓް ހަނގުރާމައިގެ ކޮމާންޑަރ، ވަސަންތީއެވެ. އޭގެފަހުން މި އޮޕަރޭޝަނަށް ބޭނުންވާ ޗާޓުތައް ކުރަހައި ޙަމަލާ ދޭނެ ތަންތަނާއި ބައިތައް، އަދި ހަރަކާތްތެރިވާނެ ހުރިހާ ގޮތެއް ވަނީ ދުރާލައި ރާވައި ނިމިފައެވެ. މި ޢުދުވާނުގެ އިސްކޮމާންޑަރަކީ ވެސް ވަސަންތީއެވެ. އޭނާގެ ދަށުން ބާބޫއެވެ. ބުނެވޭގޮތުން ވަސަންތީއަކީ އިންޑިޔާ ސިފައިން ވެސް އަތުލައިގަންނަން ވަރަށް ބޮޑަށް މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. ނަމަވެސް ވަސަންތީގެ ހުރި ކުޅަދާނަކަމާއި މަކަރުވެރިކަމުން އެމީހުންނަށް ވެސް އޮތީ އޭނާ އަތުލައި ނުގަނެވިފައެވެ. ޕްލޯޓް ކޮމާންޑަރުންގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވުނީ 29 އޮކްޓޫބަރު 1988 ގައެވެ. މި ހުރިހާ ސައްލާތަކެއްގެ ތެރޭގައި، ސިފައިންގެ މައިމަރުކަޒު އަތުލައިގަތުމަށް ތަފާތު ޚިޔާލުތައް ކޮށް، އެކަން ވަރަށް ފަސޭހަކަމާއެކު ނިންމާލެވޭނެކަމަށް ޤަބޫލުކޮށް އެކަމުގެ ސިއްކަ ޖެހިފައެވެ. އަދި ވަރަށް ނުރައްކާތެރި ކަންކަން ކުރުމަށް ރާވައި ޚިޔާލުކޮށް ހެދިކަމަށް ވެސް ވެއެވެ. މިފަދަ ރޭވުންތަކެއް ރާވައި ސައްލާތަކެއް ކޮށްހެދިއިރު މި މީހުންނަށް ހެއްދެވި ފަރާތް ވާކަން ވެސް ނޭނގޭ ކަހަލައެވެ.
ކަންވީކީ އެމީހުން ހީކުރި ގޮތަކަށް ނޫނެވެ. މާތްﷲ މިންވަރުފުޅުން މި އަމާންކަމާއި ހިމޭންކަމުގެ ސުވަރުގެއަށް ހަތިޔާރާއެކު އަރަން އައި މި ހަތުރުވެރިންނަށް ކުރިމަތިވަމުން ދިޔައީ މުޅިން ވެސް ނާކާމިޔާބާއެވެ. މާލެއަށް ފުރަތަމަ އައި ލުޠުފީ އައި ބޯޓު، މާލޭގެ ކަނޑިންމައަށް ވަދެގެން އައިސް ތޮށިގަނޑާ ކައިރިކުރި ވަގުތު ތޮށިގަނޑުގައި ބޯޓު ވަރަށް ބާރަށް ޖެހުނެވެ. މި ޖެހުނުޖެހުން ވެގެން ދިޔައީ ތަމަޅައިންނަށް ވަރަށް ބޮޑު ކުއްލި ސިހުމެއް ލިބުނު ކަމަކަށެވެ. ފުރަތަމަ ވެސް އެމީހުންގެ ވިސްނުން އެހެން ކަމެއްގެ ތެރެއަށް ގެނބިގެން ދިޔައީ މި ސިހުމާ އެކުގައެވެ. އަދި ފުރަތަމަ ބޯޓުން މާލެއަށް ފުންމާލި މީހާ ވެއްޓުނުކަމަށް ވަނީ ތޮށިގަނޑުން ބޭރަށެވެ. އެހެންކަމުން އެމީހުން ބޯޓުން ފޭބުމުގައި ވެސް ކޮންމެވެސް ވަރެއްގެ ފަސްޖެހުމަކާ ކުރިމަތިވިއެވެ. މި ފެށުނު ތަރުތީބުގެ މަތީން މުޅިންހެން ކުރިމަތިލާންޖެހުނީ އެމީހުންގެ ޕްރޮގްރާމުގައި ނެތް އިތުރު ކުއްލި ސިހުންތަކަކާއެވެ. މިއީ އެމީހުންގެ ނާކާމިޔާބުގެ ސިލްސިލާގެ ކޮޅުމަތި ފެށުނު ހިސާބެވެ. އެމީހުންނަށް މާލެއާ ހަމައަށް އާދެވުނުއިރު ތިބީކީ މިފަދަ ހަނގުރާމައެއް އެންމެ ކުޅަދާނަކަމާއެކު ކުރެވޭފަދަ ޙާލަތެއްގައެއް ނޫނެވެ. ދަތުރުމަތީ ކެއިންބުއިން ހުރި ގޮތުންނާއި، ދިގު ދަތުރެއް ކުރުމުގެ ސަބަބުން މީހުން ތިބީ ވަރަށްބޮޑަށް ނުކުޅެދޭ ޙާލަތެއްގައެވެ. މިކަން ވެސް ވީ އެމީހުންނަށް ކުރިމަތިވި ނާކާމިޔާބަކަށެވެ.
މުޅި އޮޕަރޭޝަންގެ ކޮމާންޑަރ، ވަސަންތީ ރާވައިގެން ހުރީ ހުރިހާ ގުރޫޕެއް އެބައެއްގެ މަޤާމަށް ވާސިލުވުމާއެކު ވަށާލައިގެން ސިފައިންގެ މައިމަރުކަޒަށް ޙަމަލާދޭ ގޮތަށެވެ. ނަމަވެސް އެމީހުންގެ މުޅި ކޮމާންޑް ކޮންޓްރޯލް ގެއްލި، ސިފައިންނަށް ޙަމަލާއަށް ތައްޔާރުމަށް ގޮވާލިގޮވާލުމަކަށް މާތްﷲ މެދުވެރިކުރެއްވީ ރައީސްއޮފީހުގެ ޑިއުޓީގައި ހުރި ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުއަށް ދޭން މަޖުބޫރުވި ޙަމަލާއެވެ. ހަމައެއާއެކު ހެންވޭރު ދޯނި އެހެލާ ތަނުން ޑިއުޓީ ބަދަލުވެގެން ސިފައިންގެއަށް އައި ޕްރައިވެޓް މުޙައްމަދު އިބްރާހީމްގެ ގަޔަށް އަމާޒުކޮށް ފޮނުވާލި ޙަމަލާއެވެ. މި ދޭންޖެހުނު ޙަމަލާއިން އެހެން ގުރޫޕުތަކަށް ވާންވީގޮތް އޮޅި، އެމީހުންނަށް އެމީހުންގެ މަޤާމުތަކަށް ވާސިލު ނުވެވެނީސް ބަނޑޭރިގޭ ބޭރުގައި ތިބި މީހުންނާއި ސިފައިންގެ ތެރޭ ޑިއުޓީތަކުގައި ތިބި މީހުން، މަތިވެރި އިލާހީ ޙިކުމަތްފުޅުން ސަމާލުކަމަށް ގެނުވިއެވެ. މެއިންގޭޓުގައި ޑިއުޓީއަށް ތިބި މީހުން ޑިއުޓީ ސަރުދާރުގެ އޯޑަރަށް ތައްޔާރުވިއެވެ. އަދި މެއިންގޭޓާ ދިމާއަށް ދިޔަ ދުޝްމިނުންނަށް ޙަމަލާ ފެށުނީކަމަށް ހީކޮށް ގޭޓަށް ފުރަތަމަ ދިން ހަމަލައަށް އެ ވަގުތު ބަނޑޭރިގޭ ބޭރު ގޭޓުގެ ދެފަރާތުގައި ތިބި ޓާސްކް ފޯސް ދެމީހުން ވަގުތުން ދުޝްމިނުންނަށް ރައްދު ޙަމަލާ ދިނެވެ. އޭގެ ތެރެއިން އެކަކީ ހިތްވަރުގަދަ ޒުވާން ޙުސައިން އާދަމެވެ. އަނެއް ބޭކަލަކީ އޭރުގެ ޕްރައިވެޓް އާދަމް މުޙައްމަދު ގުލްބަކާއެވެ. މީގެ ތެރެއިން ވެސް ޝަހީދު ޙުސައިން އާދަމް އޭނާގެ ޤާބިލުކަމާއި، ދީނާއި ޤައުމުގެ ޙައްޤުގައި ޖިހާދުކުރުމުގެ ރޫޙުގައި ދޭން ފެށި ރައްދު ހަމަލާއިން ތަމަޅައިން ސިއްސުވާލައި ފަހަށްޖެއްސިއެވެ. އެމީހުން މެއިންގޭޓާ ކައިރިއަށް އާދެވޭނޭ ފުރުސަތެއް ނުދިނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އެންމެ ފަހުނޭވާ ލަމުން މި ޤައުމު އޭނާގެ ލަޝްކަރުގައި ދެންތިބި މުޖާހިދުންނާ ޙަވާލުކުރެއްވީ ވަރުގަދަ ޖިހާދަކާއި ހިތްވަރު ފަށެއް ތަމަޅައިންނަށް ދައްކައި، އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދުވާފައެވެ. މިއީ މި ހަނގުރާމައިގައި ދިވެހިންނަށް ލިބުނު މަތިވެރި ކާމިޔާބާއި ނަޞްރު ފެށިގެންއައި ހިސާބެވެ.
ރައީސްއޮފީހުގެ ހުޅަނގުގޯޅި “ކަނީރުހިނގުމުން” ވަސަންތީއާއި އޭނާގެ ގްރޫޕު ފުލުސްއޮފީސް ހިމެނޭ ސަރަހައްދަށް ޙަމަލާ ދޭން ފެށިއިރު އެމީހުންގެ އެއްބައި އަނެއް ބަޔަކާ މާބޮޑު ގުޅުމެއް ނެތެވެ. އެހެންކަމުން އެމީހުންނަކަށް ވާއެއްނުވާއެއް، ހަމަލާ އަންނަ ނާންނަ ދިމާލެއް އޮތީ ދަނެގަތުން ދަތިވެފައެވެ. އެބުނާ ކުޅަދާނަ ވަސަންތީ، ފުލުސްއޮފީސް ގޯތިތެރެއަށާއި އެތަންމިތަނަށް އަތުބޮންތައް އުކިއެވެ. ނަމަވެސް މަދު އެއްޗެއް ފިޔަވައި، ހުރިހާ ބޮމެއްހެން ހުރީ ނުގޮވައެވެ. ލަސްތަކެއްނުވެ ސިފައިންގެ މައިމަރުކަޒުން ދޭންފެށި ރައްދު ޙަމަލާގެ ވަރުގަދަކަމުން ތަމަޅައިންނަށް ބޭނުން ގޮތަކަށް ސިފައިންގެ މައިމަރުކަޒާ ދިމާލަށް އަންނާކަށް ފުރުސަތެއް ނުލިބުނެވެ. އަދި މާލަސްތަކެއްނުވެ “ކުޅަދާނަ” ވަސަންތީ، ސިފައިންގެ ޙަމަލާގެ އަމާޒުފަތްގަނޑަކަށްވެ މަރުވެގެން ވެއްޓިއްޖެއެވެ. އަދި އޭގެ ދަށުން ހަރަކާތްތެރިވި އެކަކު ކަމަށްވާ ޖޫލީ ސިފައިން ދިން ޙަމަލާއިން މަރުވެގެން ވެއްޓުނު އިރު ތަމަޅައިން ދަތުރުކުރި ދެވަނަ ބޯޓު މާލެ ކައިރިކޮށް އެމީހުން ކޮމާޝަލް ހާބަރަށް ކިރިޔާ ފައިބަނީއެވެ. އޭރު ހަނގުރާމައިގެ ރޭވުން މުޅިން ގެއްލި، ވާނުވާއެއްނޭނގި ތަމަޅައިން ތިބީ ސިފައިންގެ ވަރުގަދަ ރައްދު ޙަމަލާއިން ބިރު ހީވެ ގޮތްހުސްވެ ފަހަތަށް ޖެހެން ޖެހިފައެވެ. އެމީހުން އެތައް ދުވަހެއް ކުރިން ރާވައިގެން އައި މުޅި މިޝަން ފެއިލްވެފައެވެ. ނަމަވެސް އެމީހުން ސިފައިންގެ މައިމަރުކަޒުގެ ހުޅަނގުދެކުނު ކަނުން ތަންގަނޑެއް ގޮއްވާލިއެވެ. އަދި ދެން ވެސް ކުރިއްޔާ ކުރިކަމެއްގައި އެމީހުންނަށް ލިބެމުންދިޔައީ މުޅިން ވެސް ނާކާމިޔާބެވެ. ހިތްވަރާއެކު މި ޤައުމުގެ މޫރިތިކަމުގެ ދަހަނާ އަޅައިގެން ޖިހާދުކުރި މުޖާހިދުންގެ ވަރުގަދަ އަޒުމާއި ހިތްވަރުން ދިޔައީ ކެތްތެރިކަމާއެކު ކާމިޔާބު ހޯދަމުންނެވެ.
ކުލީސިފައިންގެ ރޭވުންތައް ވިއްސިވިހާލިވެ، ހުރިހާ ކަމެއް އެފުށް މިފުށަށްޖެހި ހެދޭނެ އެހެން އެއްވެސްގޮތެއް ނެތުމުން މާލެއިން ކަރަންޓް ކަނޑާލިއެވެ. ހަތިޔާރާއެކު ތަމަޅައިން ގޮވައިގެން މާލޭތެރޭގައި ގަދަބާރު ދައްކައި މީހުން ބިރުގަންނަވަން އުޅެން ފެށިއެވެ. މީސްމީހުންގެ ފިހާރަތައް ފަޅައިގެން ވަގަށް މުދާތައް ނެރެން ފެށިއެވެ. މީހުންތައް ރަހީނު ކުރިއެވެ. ހިތުހުރި މީހެއްގެ ގަޔަށް ބަޑިޖަހައި މަރާހެދިއެވެ. މީހުންތައް އައްޑަނައަކަށް ހަދައިގެން އެމީހުންގެ ފަހަތުގައި ތިބެ އެމީހުންގެ ބުރަކަށިތައްމަތީ ބަޑި ބާއްވައިގެން ސިފައިންގެއަށް ޙަމަލަދޭން ފެށީއެވެ. މި ބިރުވެރި ޙަމަލާގެ ސަބަބުން ރޭޑިޔޯ ސްޓޭޝަން ބަންދުވެ، ރާއްޖޭގެ ޚަބަރު ރައްޔިތުންނަށް ލިބޭނެގޮތެއް ނެތުމުން ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. މި ހުރިހާ ކަމެއްގައި އެމީހުންނާއި އެމީހުންގެ ބައިވެރިންނަށް ކުރިމަތިވީ ރައްޔިތުންގެ ނުރުހުމާއި ނަފުރަތެވެ. ކުށެއްނެތް އެތައް ރައްޔިތަކު ޝަހީދުކުރި ޤާތިލުންގެ ނަން މުޅިއުމުރަށް އެމީހުންނަށް ލިބިއްޖެއެވެ. އެތައް ދަރިންނެއް ޔަތީމުކޮށް އެތައް އަބިންނެއް ހުވަފަތްކުރި އަނިޔާވެރިންނަށް، އެކަމުގައި ބައިވެރިވިހާ ބަޔަކު ވެނިމިއްޖެއެވެ. މި ޤައުމުގެ އަމާންކަން ގެއްލުވާލައި ޤައުމަށް ޚިޔާނާތްތެރިވީ ޚާއިނުންގެ ހެދުން އެމީހުންގެ ގައިގާ ލެވިއްޖެއެވެ. އެކަމުން ދުވަހަކު މިންޖު ނުވެވޭނެ ފަދައަކުންނެވެ. ޙައްޤަށް ނަޞްރު ލިބޭ ފަދައިން، މިކަމުގައި ޤައުމަށް ޓަކައި ކެރިގެން ކުރިމަތިލެއްވި ޤައުމުގެ ފަޚުރުވެރި ސިފައިންނަށް މަތިވެރި ނަޞްރާއި ކާމިޔާބު މިންވަރުކުރެއްވިއެވެ. މި ޢުދުވާނުގައި ހިތްވަރުގަދަ ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމުންގެ ކުށެއްނެތް 11 މީހަކު ޝަހީދުވިއެވެ. މި ޢުދުވާނާ ދޭތެރޭ ވިސްނާ މީހަކަށް ވަރަށް ބޮޑު ޢިބްރަތެއް ޙާޞިލުވާނެއެވެ.
އެ ދުވަސްވަރު މި ޢުދުވާނާ ގުޅިގެން ތަފާތު ވާހަކަތައް ވެސް ދެކެވެމުން ދިޔައެވެ. އެ ވާހަކަތަކުން ވެސް ދޭހަވަނީ ދިވެހިންނަށް ލިބުނު ނަޞްރުގެ މަތިވެރިކަމެވެ. އިވެމުންދިޔަ އަޑުތަކަށް ބަލާއިރު އޭގެތެރެއިން ބައެއް ވާހަކަތައް ކިޔުންތެރިންނާ ޙިއްޞާ ކޮށްލަން ޤަސްދުކުރަމެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްވާހަކައަކީ، ބަޑިގުދަނުގެ ތަޅުދަނޑި ސިފައިންގެ ބޭކަލަކު ގެނެސް ސިފައިންގެ ދެކުނުފަރާތު ފާރުމަތިން އެއްލި ވާހަކައެވެ. އެތަޅުދަނޑި އޮތްތަނަށް ބަލާއިރު، ބޭރުން، އެހާ އުސްފާރެއްގެ މަތިން އަރާވަރަށް އެފަދަ ނާޒުކު ވަގުތެއްގައި އެއްލާއެއްޗެއް އެހާ ހަނި ދޭތެރެއަކުން ތިރިއަށް އައިސް އެ ތަޅުދަނޑި އޮތް ހިސާބަށް ދިއުމަކީ ޤަސްދުގައި މީހަކު ހަމަ ކުރި ކަމެކޭ ބުނަން ދައްޗެވެ. އެކަން ސިކުނޑީގެ ތަރާދުން ކިރާލެވޭނީ އެތަން ދުށުމުގެ ނަސީބު ލިބުނު މީހަކަށެވެ. މިކަމާމެދު ފުންކޮށް ވިސްނާ މީހަކަށް ބުނެލެވޭނީ، މާތްﷲ ގެ ކުޅަދުންވަންތަ ކަމެވެ. މިހެންނެވެ.
އަނެއް ވާހަކައަކީ ސިފައިންގެއަށް ދުޝްމިނުން ބޮންތައް އުކީމާ ނުގޮވާ ހުރި ވާހަކައެވެ. ބައެއް ތަންތާގައި ތަމަޅައިން ވާހަކަ ދެއްކިކަމަށް އިވިފައިވަނީ “އެމީހުން ހަނގުރާމައިގެ ތެރޭގައި އުޅުނު އިރު އެއްލާ ބޮން ފަދަ ތަކެތި ކޮންޓްރޯލްކުރާ، ހަށިގަނޑުން ބިޔަ ބަޔަކު ދުށީމޭ” ކިޔައިގެން ޖަލުގައާއި އަރުވާލެވުނު މީހުން އެމީހުން ތިބި ރަށްރަށުގައި ދެއްކި ވާހަކައެވެ. ކޮންމެއަކަސް އެމީހުންނަށް ފެނުނުކަމަށް އެ ބުނި ބިޔަ ބޮޑެތި މީހުންގެ އެ ވާހަކަތައް ދޮގުކަމުގައި ވީނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެކަމުގައި ވެއެވެ. އެއީ ގޮއްވާލަން ޕިން ނައްޓާލާފައި ތަމަޅައިން ސިފައިންގެ މަރުކަޒަށް އުކި ބޮމުގެ ވަރަށް މަދު އެއްޗެއް ނޫނީ ނުގޮވާ ހުރިކަމެވެ. މިކަމާ ވެސް ބުނެވެން އޮތީ މާތް ﷲ ދިވެހިންނަށް ދެއްވި ނަޞްރާއި ފަތަހަ ވަރަށް މަތިވެރިކަމުގައެވެ.
މި ދެންނެވިފަދަ އެތައްއެތައް ކަންތައްކެއް އެ ޢުދުވާނުގައި ދިމާވެފައި ވެއެވެ. މިއަދު އެ ޢުދުވާނަށް ވިހި އަހަރު ފުރޭއިރު ވެސް އެ ހަނދާންތަކަކީ އާވެއާވެ ހުންނަ ހިތުން ފޮހެލުން ދަތި ހަނދާންތަކެކެވެ. ސިފައިން އެ ވަރުގަދަ، ޤައުމީ ޖިހާދުގައި މާތްﷲ ދެއްވި ނަޞްރާއި ފަތަޙަ އަބަދުވެސް ހަނދާންކުރަން ޖެހޭނެއެވެ. އަނިޔާވެރި ޚާއިނުންނާއި އެމީހުންނަށް ވާގިދިން ގައްދާރުންނަށް އަބަދުވެސް ރައްކާތެރި ވާންޖެހޭނެއެވެ. އެފަދަ މީހަކަށް މި ފަސްގަނޑަކުން ޢިއްޒަތެއް، ޤަދަރެއް ދުވަހަކު ވެސް ދެވިގެން ނުވާނެއެވެ.