އެ ދުވަހަކީ ހަނދާން ނައްތާލައިގެން ވާނެ ދުވަހެއް ނޫނެވެ. އެ ދުވަހަކީ، އެ ދުވަހުގެ ހަނދާންތަކަށް ފަނޑުވުމެއް ގެނެވިގެންވާނެ ދުވަހެއް ނޫނެވެ. އަދި ކީއްތޯއެވެ. އެ ދުވަހަކީ، އެ ދުވަހުގެ ޙަޤީޤަތަށް ބަދަލު ގެނެވިގެން ވާނެ ދުވަހެއް ވެސް ނުމެ ނޫންމެއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަސް، ރާއްޖޭގެ ރައްޔިތުން ތަޖުރިބާކުރަން ޖެހުނީ އޭގެ ކުރީން ވެސް ދާދި މަދު ފަހަރަކު މެނުވީ ރާއްޖޭގެ ރައްޔިތުން މި ބާވަތުގެ ކަންތައް ތަޖުރިބާކުރަން ދިމާވެފައިވާ ގޮތާ ދާދި އެއްގޮތް ސަބަބެއް މެދުވެރިވެގެންނެވެ. ދާދި އެއްގޮތަކަށެވެ. އާދެ، އެއީ ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރާ މެދު ދާދި މަދު ދިވެހިންގެ ބައެއްގެ ހިތުގައި ނަފުރަތު އުފެދިގެންނެވެ. ބޭރު ބައެއްގެ އެހީ ހޯދައިގެންނެވެ. ހަތިޔާރު ބޭނުން ކޮށްގެންނެވެ. ނުވަވަނަ ޙަސަން ރަސްގެފާނު އިސްލާމްދީން ދޫކުރައްވައި، ނަޞާރާ އަންހެންކުއްޖަކާ ކައިވެނި ބައްލަވައިގަތުމަށްފަހު، ކްރިސްޓިއަން ދީނަށް ވެދެވަޑައިގެން، އިންޑިޔާގެ ގޯވާގައި ހުންނަވާފައި، ރާއްޖޭގެ މައްޗަށް ވެރިވެވަޑައިގަތުމަށް ޕޯޗުގީޒުން ފޮނުއްވި ފަދައިންނެވެ. ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުން، މަލަބާރީންގެ އަނިޔާވެރި ބާރުތަކާ ގުޅިގެން، ދިވެހި ފަސްގަނޑުގައި ޢުދުވާނުތައް ހިންގި ފަދައިންނެވެ.
3 ނޮވެންބަރުގެ ޢުދުވާނީ ހަމަލާގެ މަންޒަރު ދެކެފައިނުވާ މީހުން، ޚާއްޞަކޮށް ޤައުމާ ރައްޔިތުންގެ ދިފާޢުގައި ކަމަރު ބަންނަމުންދާ ޒުވާނުން، މިއަދު ވިސްނާލަންވީ ކަމެއް އެބަ އޮތެވެ. އެއީ މި ދުވަހުގެ ޙަޤީޤަތަށް އިޢުތިރާފު ނުވާ މީހުން މަދުމަދުން ފެންނަމުން ދާކަމެވެ. އަދި އެމީހުންގެ އަޑު، މަޑުމަޑުން ގަދަވަމުންދާ ކަމެވެ. އެ އަޑުތައް ގަދަކުރަމުން ގެންދާ ކަމެވެ. ޙަޤީޤަތާއި ދޮގު އެއްވެ އޮޅެމުންދާ ކަމެވެ.
ސިފައިންގެ ޢަދަދަށާއި، ސިފައިންނަށް ދެވޭ ތަމްރީނުތަކަށާއި، ސިފައިންގެ މުވާޞަލާތަށާއި، ސިފައިން ބޭނުންކުރަންޖެހޭ އެންމެހާ އާލާތްތަކަށް، މިއަދު ގެނެވިފައިވާ ހެޔޮ ބަދަލުތަކަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަހުގެ ނުރައްކާތެރި ޢުދުވާނުގެ ތަޖުރިބާ ޢަމަލީގޮތުން ކުރައްވާފައި ތިއްބެވި ބޭފުޅުން، އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި އެ ބޭފުޅުން ރާއްޖޭގެ ކުރިމަގުގެ ސަލާމަތަށް ވިސްނުންފުޅު އަމާޒުކުރެއްވުމުގެ އަގުހުރި މޭވާއެވެ.
އަޅުގަނޑުމެން އަބަދުމެ ހަނދާން ކުރަންވީ، އަޅުގަނޑުމެންގެ ދަރިންނާ ދަރީންގެ ދަރިންނަށް ވާރުތަކުރަން ގެންދަންވީ، އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދިނުމަށް ޓަކައި އެކުލަވައިލެވޭ މުޤައްރަރުގައި ހިމަނައި، ދިވެހި ތާރީޚުގައި ބިންވަޅު ނަގައި ލިޔަންވީ އެ ދުވަހު އެ ބަޔަކު އެ ހިންގި އަނިޔާވެރި ޢަމަލުތަކުގެ ޙަޤީޤަތްތަކެވެ. އެ ކުދިންގެ ލޯތަކާއި ހިތްތައް ހުޅުވައިދޭންވީ ގައުމީ ލޯބީގެ ދުނިޔެއަކަށެވެ. ޙަޤީޤަތާއި ތެދު ބަހުގެ ދުނިޔެއަކަށެވެ. ގައުމުގެ އަގުވަޒަންކުރާ އިޚުލާޞްތެރިކަމުގެ ރާއްޖެއަކަށެވެ. މިކަމަށްޓަކައި، 3 ނޮވެންބަރުގެ އިހުސާސްތަކާއި ޙަޤީޤަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނޭ ޚާއްޞަ ހަނދާނީ ބިނާއެއް މި ގައުމުގައި ހުންނަންޖެހޭ ކަމަށް އަޅުގަނޑަށް ވިސްނެއެވެ. އެފަދަ މަރުކަޒެއްގެ އަހަންމިއްޔަތު ވަރަށް ބޮޑުކަމަށް ގަބޫލު ކުރެވެއެވެ. ޝަހީދުންގެ ހަނދާނާއި، ޝަރަފަށް ޓަކައެވެ. ޤައުމުގެ ހައިބަތާއި، ދިފާޢަށް ޓަކައެވެ. އުންމަތުގެ ޙަޤީޤަތާއި، ތާރީޚަށް ޓަކައެވެ.
ދެކުނު އޭޝިޔާގެ މަޝްހޫރު ޓެރަރިސްޓް ޖަމާޢަތެއްގެ އެހީގައި ދިވެހީންގެ ބަޔަކު އެ ހިންގި ބިރުވެރި ޢުދުވާނުން ތަމުސީލުވެގެންދިޔަ މަންޒަރުތަކާއި ފަރުދާގެ ފުރަގަސް، ޒަމާންތަކުގެ ކުރިމަތީގައި ހާމަކުރެވެން ޖެހޭނެ ނޫންތޯއެވެ؟ އެއިން ފިލާވަޅު ލިބިފައިވާ ބަޔަކަށް މިއަދުގެ ޒުވާނުން ވާންޖެހޭނެ ނޫންތޯއެވެ. މިއަދުގެ ހުނަރުވެރި، ޢިލްމީ ދިވެހި ސިފައިންނަށް، ކަންހިނގައިދިޔަ ގޮތުގެ އަސްލު ސާފުވެ ފެންނަން އޮތުން ކިތަންމެހާ ވެސް މުހިންމެވެ. ރާއްޖޭގެ މުޅި ރައްޔިތުން 18 ގަޑިއިރު ވަންދެން ތަޙައްމަލުކުރަން ޖެއްސި ނާމާންކަމުގެ ނުރައްކާތެރި ކަމެވެ. ކަރުނަޔާއި ވޭނާއި ހިތާމައިގެ ފުންކަމެވެ. ޝަހީދުކޮށްލެވުނު ސިފައިންނާއި ޢާންމުންގެ ގައިން މި ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޠާހިރު ދިވެހި ލޭގެ އަގެވެ.
އާދެ! އެއީ ހިތްދަތިކަމުގެ އިންތިހާއީ ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަހެކެވެ. އެ ދުވަހު އެ ޝަހީދުންގެ ސަންދޯއްތައް ޤަބުރުސްތާނަށް ގެންދެވުނީ، އެ ޝަހީދުންގެ މައިބަފައިންނާއި އަނބިދަރިންނާއި އެއްބަނޑު ތިމާގެ މީހުން ގިސްލެވި، ލޮލުން ލޭކަރުނަ ފައިބަމުންދިޔަ ޙާލުގައި ސަންދޯކާ ދިމާއަށް އަތްދިއްކޮށްގެން ތިއްބައެވެ. އެ ޝަހީދުންގެ ރަޙުމަތްތެރިން ބަސްހުއްޓިފައި ވަނިކޮށެވެ.
މި ދެންނެވި 18 ގަޑިއިރުގެ ތެރޭގައި ނުހިނގަނީ އަނިޔާވެރިކަމާއި، ރަޙްމު ކުޑަކަމުގެ ކޮން ޢަމަލެއްތޯއެވެ. ފަޅުއޮޑިފަހަރުން މީހުން ބާލައިގެން ގެނެސް އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކުރިއެވެ. ސިފައިންގެއަށް ޙަމަލަ ދިނުމަށް ޓަކައި ބޭނުންކުރި ބަޑިތައް ބޭއްވީ އެ ކުށެއްނެތް ދިވެހި ރައްޔިތުންގެ ބުރަކަށި މަތީގައެވެ. ޙަމަލާދިނުމަށް މާލެއަށް އެރި ޓެރަރިސްޓުންނަށް ކާންބޯން ދިނުމަށް ބޭނުންކުރީ ބާޒާރުމަތީ ފިހާރަތައް ފަޅައިގެން ނެރުނު ބިސްކޯދާއި ދަޅެވެ. މުޑުދާރުކަމާ އެކު ޓެރަރިސްޓުން މިސްކިތަށް އަރައި، ބަންގިގޮވުމަށް ނޫނީ ދުވަހަކު ވެސް ބޭނުންނުކުރާ މައިކްރޯ ފޯން ބޭނުންކޮށްގެން ހަޅޭއްލަވައި، މިސްކިތްތަކުގެ ޙުރުމަތް ކެނޑިއެވެ. މިސްކިތުން މީހުން ބާލައިގެން ރަހީނުކޮށް، ބަނދަރުގައި އޮތް އާގުބޯޓެއް ހައިޖެކް ކުރިއެވެ. ޢުމުރުން ދުވަސްވީ މީހުން ލައިފް ޖެކެޓް އަޅުވައި، ކްލޯސް ރޭންޖްގައި ބަޑިޖަހައި މެރުމަށްފަހު ކަނޑަށް އުކިއެވެ. މި ދަންނަވާލެވުނީ ނުރައްކާތެރި ޢުދުވާނެއްގެ އިހާނެތިކަމުގެ ލިސްޓުން ދާދި މަދު ދެތިން ކަމެކެވެ.
ވުމާއެކު އަދުގެ ޒުވާނުންނާއި އަދި ކުރިމަގުގައި ސިފައިންގެ މަތިވެރި ޚިދުމަތާ ގުޅެމުންދާނެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ރާއްޖޭގެ ތާރީޚުގައި ހިނގާދިޔަ މިފަދަ ހާދިސާތަކުން ޢިބްރަތް ލިބިގަތުމަށެވެ. ޚާއްޞަކޮށް 1988 ނޮވެންބަރު 3 ގެ ޢުދުވާނެވެ. އެތައް ޒަމާނަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ރޭވުންތައް މި ޢުދުވާނުގެ ފަހަތުގައި އެބަހުއްޓެވެ. އެ ވާހަކަތަކަށް ދާކަށް ގަސްތެއް ނުކުރަމެވެ. ކުރިމަތިން ފެންނަންތިބި މޫނުތަކާއި، ފަހަތުގައި ބޮނދައިތިބި މޫނުތަކުގެ ޙަޤީޤީ މަޤުޞަދުގެ ތަފުޞީލަށް ދާކަށް ނެތީމެވެ. މިފަދަ ކަންކަމަކީ ޒަމާން ބަދަލުވުމަކުން އޭގެ ޙަޤީޤަތް ބަދަލު ކޮށްލެވޭނެ ކަންތައްތަކެއް ނޫނެވެ. އެކަން ކުރެވިގެން ވެސް ނުވާނެއެވެ. ހިތުގައި ބިންވަޅު ނެގި ކަށަވަރު ކުރެވޭ މިންވަރަށް މި ފަދަ ކަންކަންމުގެ މުލުން ފެށިގެން ބޮންތިޔަށް ތެދު މަޢުލޫމާތާއެކު، އުނގެނި ދަސްކުރައްވާށެވެ!
ﷲ ސުބުޙާނަހޫ ވަތަޢާލާ، މިފަދަ ނުރައްކާތެރި ކެހިވެރި ރޭވުންތަކާއި އަދި ތިމަތިމާމެންގެ އަމިއްލަ ޖާހު ފައިސާއަށް ޓަކައި ޤައުމު ވިއްކާލާ މީހުންގެ ނުބައިކަމުން ރާއްޖެ ސަލާމަތް ކުރައްވާށިއެވެ. އާމީން.