ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުރަމުންދާ ދާޚިލީ ހަނގުރާމަތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް ކަނޑިއާއި ބަޑިން ހަމަލާދީ މީހުން މަރަމުންދާ ޚަބަރާއި މަންޒަރު، މީޑިއާގެ ވަޞީލަތްތަކުން ފެންނަމުން ދިއަޔަސް، އެކަހަލަ ކަމެއް މި އަމާން ދިވެހިރާއްޖޭގައި ހިނގާފާނެކަމަށް އެއްވެސް ބަޔަކު ހިތަކަށް ނާރައެވެ. އެފަދަ ހިތްފަސޭހަ މިނިވަން ވެށްޓެއްގައި ރައްކާތެރިކަމާއި މިނިވަންކަމާއެކު ދިވެހިން ދިރިއުޅެމުން އައިސްތިއްބާ، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިސްދަމު ފަތިހުގެ އަރާމު ނިދީގައި ވަނިކޮށް، މާލޭގެ ރައްޔިތުން ހޭލައްވާލީ ރޮކެޓާއި ބަޑިއާއި ބޮމުގެ ނާމާން އަޑުފައްގަނޑާއެކު ޒަމާނީ ހަތިޔާރުތަކުން ސިފައިންގެ މައިމަރުކަޒަށް ހަމަލާދީ ދިވެހިންގެ ބަޔަކު އިސްވެ ތިބެ ދިވެހިން މަރަމުންދާ އަޑަށެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަކީ، ކުއްލި ސިހުމާއި ހައިރާންކަމާއެކު ދިވެހި ސިފައިން ކުރިމަތިލާން ޖެހުނު ނުރައްކާތެރި ރަޙުމްކުޑަ ޢުދުވާނީ ހަމަލާއެއް ނަމަވެސް، އެ ދުވަހު ދިވެހި ސިފައިން ދުޝްމިނުންނާއި ހަނގުރާމަކުރީ ސާބިތުކަމާއެކު ވަރުގަދަ ޢަޒުމެއްގައެެވެ. އެދުވަހު ހަނގުރާމަކުރި ސިފައިންގެ ޢަޒުމަކީ، މި ޤައުމާއި މި ފަސްގަނޑާއި މި ވަޒަނުގެ ޙައްޤުގައި އަދި ދިވެހި ރައްޔިތުންގެ ޙައްޤުގައި، އެ އަނިޔާވެރިންގެ ކިބައިން މި ޤައުމު ސަލާމަތްކުރުމަށް ޓަކައި އެންމެ ފަހު މީހަޔަށް ދާންދެން ހަނގުރާމަކުރުމެެވެ. ބޭރުގެ ޓެރަރިސްޓުންތަކެއްގެ އަތްމައްޗަށް މި ޤައުމުގެ ބިމުން އެންމެ ތަންފުކެއް ވެސް ދިޔަނުދިނުމަށް ޓަކައި ވާންޖެހެނު ކޮންމެ ޤުރުބާނީއެއް ވުމުގެ ޢަޒުމެވެ. މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ޓަކައި ފަސްނުޖެހި ފަހު ނޭވަޔަށް ދާންދެން ޖިހާދުކުރުމުގެ މަތިވެރި ޢަޒުމެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނާ ދިވެހި ސިފައިން ކުރިމަތިލާން ޖެހުނުއިރު ސިފައިންނަކީ އަސްކަރީ ޤާބިލުކަން ކުޑަ، އެކަށީގެންވާ އަސްކަރީ ތަމްރީނުތަކެއް ލިބިފައިނުވާ، މީސްކޮޅު މަދު ފައުޖެކެވެ. އަސްކަރީ މުއައްސަސާއަކަށް ތަޞައްރަފު ފުދުމަށް ބޭނުންވާވަރަށް އެއްވެސް ވަޞީލަތެއް ސިފައިންގޭގައި ނެތެވެ. އެއިރު ސިފައިންގޭގައި ތިބީ އަސްކަރީ ތަމްރީނު ހަދާފައިވާ ވަރަށް މަދު ބަޔެކެވެ. މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ލިބިފައިވާ ވަޞީލަތްތަކާއި އާލަތްތައް ވެސް އެހާމެ މަދެވެ. އެފަދަ ދަތިގޮތަކަށް ސިފައިން މަސައްކަތްކުރަމުން ދަނިކޮށް އަސްކަރީ ހުނަރުވެރިންނާއި ތަޖުބިރާކާރުންނާއި އާލާތްތަކާއި ވަޞީލަތްތައް ނެތި 1988 ނޮވެންބަރު 3 ވަނަ ދުވަހު، ބާޣީންނާއި ޓެރަރިސްޓުންނާ ދެކޮޅަށް ސިފައިން ކުރި ހަނގުރާމައިން ލިބުނު ނަޞްރު، ވެގެންދިޔައީ ސިފައިން މިއަދު މި ދެކެމުންދާ ތަރައްޤީއާއި ކުރިއެރުމާއި ތަހުޒީބުގެ އުސްމިންތަކަށް ވާސިލުވުމަށް އެޅިގެންދިޔަ ބިންގައުކަމުގައެވެ.

އެ ދުވަސްވަރު ސިފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުކަމަށް ހީވެފައިވަނީ ރާއްޖޭގައި ސުލްޙަ މަސަލަސްކަން ދަމަހައްޓާ އަމަން ބެލެހެއްޓުން ކަމެވެ. އަދި، ރާއްޖޭގައި ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒުކުރުމަށް ކަމާބެހޭ މުޢައްސަސާތަކަށް އެހީތެރިވުންކަމެވެ. ޤައުމުގެ މިނިވަންކަން ދިފާޢުކުރުމާއި، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ދަމަހައްޓާ ޤައުމީ ދިފާޢީ ލަޝްކަރުގެ ގޮތުން ޙަރަކާތްތެރިވާން ޖެހޭނެ ދުވަހެއް އަންނާނެކަން، އަދި ސިފައިންގެ އެންމެ ފުރަތަމަ އެންމެ އިސް މަސްއޫލިއްޔަތަކީ އެއީކަން ތަޞައްވުރުވެފައިވާ މިންވަރު ވަރަށް ކުޑަކަން އެނގެއެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަކީ އެދުވަހުގެ ކަންތައްތައް ފެނި އެ ތަޖުރިބާކުރެވުނު ބަޔެއްގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާފަދަ ނާމާން އަދި އެހާމެ ބިރުވެރި ހަމަލާއެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ލޮޅުން އަރުވާލި މި ހާދިސާއަށްފަހު، މި ޤައުމަށް ދިފާޢީ ލަޝްކަރެއްގެ މުހިންމުކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އިތުރުވެ، ކުރިން އަމާޒު ނުކުރާ ދިމަދިމާއަށް ސިފައިންގެ މަސައްކަތްތައް އަމާޒުކުރަން ޖެހުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޒަމާނާ ގުޅޭގޮތުން ސިފައިންގެ ކަންކަން ތަރައްޤީކޮށް ކުރިއަރުވަން އާ މަސައްކަތްތަކެއް ވަރަށް އަވަހަށް ފެށިގެން ދިޔުމެވެ. މިގޮތުން ސިފައިންގެ ލަޝްކަރަށް މީހުން އިތުރުކުރުމާއި ކުރިން ސިފައިންނަށް ދެމުން އައި ތަމްރީނުތައް ޒަމާނާ ގުޅޭގޮތުން އަލުން ފަރުމާކުރެވި، ސިފައިންނަށް ތަޢުލީމާއި ތަމްރީނު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދޭން ފެށުމެވެ. އަދި ސާނަވީ ތަޢުލީމް ފުރިހަމަކުރާ ކުދިން، ސަރުކާރަށް ޚިދުމަތްކުރަންޖެހޭ ބޮންޑުގެ ދަށުން ސިފައިންގެ ޚިދުމަތަށް ގެނެސް، ސިފައިންގެ ލަޝްކަރުގެ ސަފުތަކުގައި ތަޢުލީމީ ޒުވާނުން ރުކުރުވާލާ އެ ސަފުތައް ބަދަހިކޮށް ވަރުގަދަކުރަން ފެށުނެވެ. ހަމަމިއާއެކު ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ކޮންމެހެން ބޭނުންވާ އާލާތްތަކާއި ވަޞީލަތްތައް ހޯދައި، ހަމަކުރުމުގެ މަސައްކަތް ފެށިގެން ދިޔުމެވެ. ސިފައިންގެ ޚިދުމަތުގެ ދާއިރާތައް ކަނޑައެޅި އެ ދާއިރާތައް ކުރިއަރުވާ ތަރައްޤީކުރަން ފެށުމެވެ.

1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާ ވެގެންދިޔައީ، ސިފައިންނަށް ގިނަގުނަ ތަޖުރިބާތަކަކާއި ދަރުސްތަކެއް ލިއްބައިދިން ފިލާވަޅެއްގެ ގޮތުގައެވެ. އެ ދުވަހުގެ އެ ހާދިސާއާ ހަމައަށް ސިފައިންނަށް ރާއްޖޭގައި ދެވެނީ ހަމައެކަނި އަސާސީ ތަމްރީނު ކަމުގައި ވިޔަސް، އެ ހާދިސާއިން ދަސްކޮށްދިން ދަރުސްތަކުގެ އަލީގައި ސިފައިންނަށް ބޭނުންވާ އަސްކަރީ އެކިއެކި ތަމްރީނު ކޯސްތަކާއި، ސިފައިންގެ އެކި ދާއިރާތަކުން މީހުން ތަމްރީނުކުރާނެ މުދައްރިބުން ތައްޔާރުކުރުމުގެ ކޯސްތަކާއި ފަންނީ ދާއިރާއިން ވެސް އެކިއެކި ކޯސްތައް ހިންގަން ފެށުނެވެ. އެހާ ހިސާބުން ސިފައިންނަށް އަސްކަރީ ތަމްރީނުދިނުން މެކުހަށްޖަހާ ކޮންމެ އަހަރަކު ވެސް ތަފާތު ތަމްރީނު ކޯސްތައް ސިފައިންގެ ޓްރޭނިންގ ސެންޓަރުގައި އަންނަނީ ހިންގަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި އެކި ދާއިރާތަކުން ސިފައިން ތަމްރީނުކުރުން އިތުރުކޮށް، ރަޙްމަތްތެރި ޤައުމުތަކުގެ އަޝްކަރިއްޔާތަކާ ގުޅިގެން ތަމްރީނު ޕްރޮގްރާމުތަކާއި ފަރިތަކުރުންތައް ބާއްވަން ފެށްޓުން ވެގެންދިޔައީ ސިފައިން މިއަދު މިދެކޭ ކުރިއެރުމާއި ޤާބިލުކަން ލިއްބައިދިން އަޞްލުކަމުގައެވެ. މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިފައިން ތަމްރީނު ކުރާނެ 4 މަރުކަޒެއް ވަނީ ޤާއިމްކުރެވިފައެވެ. ސިފައިން ތަމްރީނުކުރުމަށް ހިންގާ އެކި ދަރަޖައިގެ ކޯސްތަކުގެ މުޤައްރަރުތަކާއި މަންހަޖުތައް އެކުލަވާލައި، މުދައްރިބުންނަކީ ވަކި ފެންވަރެއްގެ ބަޔަކަށް ހެދިފައިވާއިރު، މަރުކަޒީ ތަމްރީނު ދޭ މައިދާރެއްގެ ގޮތުގައި ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން ހަމަޖެހި، މި އިންސްޓިޓިއުޓް ރަޖިސްޓްރީ ކުރެވި، މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކެއް ހިންގަމުން އަންނަ ތަނެއްގެ ގޮތުގައި މި ތަން ވަނީ ތަރައްޤީކުރެވިފައެވެެ.

1998 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާ ސިފައިން ކުރިމަތިލިއިރު، ސިފައިންގޭގައި ތިބީ އަސްކަރީ ތަމްރީނު ހަދާފައިވާ ކިތަންމެ މަދު ބަޔަކު ނަމަވެސް، އެ ހާދިސާއަށްފަހު ސިފައިންނަށް އަސްކަރީ ތަމްރީނު ދިނުމަށްކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެންމެ އަސާސީ ފެންވަރުން ފެށިގެން އެންމެމަތީ ފެންވަރުގެ އަސްކަރީ ތަމްރީނު ފުރިހަމަކޮށްފައިވާ ޤާބިލު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ޢާންމުވެއްޖެއެވެ. ތަފާތު ފީލްޑްތަކުން ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ، ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ނަންގަވާފައިވާ ފަންނީ މީހުން އެބަތިއްބެވެ. މިއީ ހައްތަހާ ވެސް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ސިފައިންގެ އިންސާނީ ވަޞީލަތް ތަރައްޤީކުރެއްވުމަށް ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭގައި، ދެއްވި ޚާއްޞަ އިސްކަމުގެ ތެރެއިން ދިވެހި ސަރުކާރުން ކުރި ބުރަ މަސައްކަތުން ލިބުނު ފޮނި މޭވާކަމުގައި ނޫނީ ނުވާނެކަން ޔަޤީނެވެ. ނަތީޖާއަކީ، ސިފައިންނަކީ މިއަދު ތަޢުލީމާއި ތަމްރީނުގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ހަކަތާގައި ދުއްވައިގަނެވޭފަދަ ބަޔަކަށް ވަނީވެފައެވެ.

1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާއަށްފަހު، ކޯސްޓްގާޑުގެ ދުވެއްޔަށް އިތުރު ހަލުވިކަމެއް ގެނެސްދިނުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށްޓިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙައްދާއި އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ޕެޓްރޯލްކުރުމުގެ މަސައްކަތް އިތުރުކޮށް، ކޯސްޓްގާޑަށް އިތުރު އުޅަނދުފަހަރު ހޯދާ، މިއަދު މިދެކޭ ކޯސްޓްގާޑް ފްލީޓް ޤާއިމްކޮށްދެވުނެވެ. ކުދިކުދި ލޯންޗްތަކުގައާއި މަސްބޯޓްތަކުގައި ބަޑި ބަހައްޓައިގެން މާކަނޑުތަކަށް ނުކުމެ އުޅުނު ޒަމާން ދޫކޮށް ކޯސްޓްގާޑުން ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އާލަތްތައް ލިބިފައިހުރި އުޅަނދުފަހަރުތަކަށް ބަދަލުވެފައެވެ. މި އުޅަނދުތަކުގައި މިއަދު މަސައްކަތްކުރަން ތިބީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ނޭވީއާއި ކޯސްޓްގާޑުގެ ދާއިރާއިން ތަމްރީނުވެފައިވާ ޤާބިލު މީހުންނެވެ.

ހަމަ އެހެންމެ ސިފައިންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ކަނޑައެޅިފައިވާ އަލިފާން ނިއްވުމާއި އެފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމުގެ ޚިދުމަތް ދިނުމަށް ޒަމާނީ އާލާތާއި ވަޞީލަތްތައް ހޯދައި، އެ ޚިދުމަތް ވެސް އިތުރަށް ފުޅާކުރެވުނެވެ. އަދި މި ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ މީހުންނަކީ ތަމްރީނުކުރެވިފައިވާ، ކަމަށް ޤާބިލު ބަޔަކަށް ހެދުމަށާއި މި ދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތުން ފަޔަރ އެންޑް ރެސްކިޔުގެ ދާއިރާއިން ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މީހުން ތަމްރީނުކޮށް، ފަޔަރމަނުންނަށް ތަމްރީނުދިނުމުގެ ޤާބިލުކަން ސިފައިންގެ ތެރޭގައި ވެސް ވަނީ ޤާއިމްކުރެވިފައެވެ.

1988 ނޮވެންބަރު 3 ގެ އުދުވާނާ ސިފައިން ކުރިމަތިލިއިރު މައިގަނޑު ގޮތެއްގައި ސިފައިން ކުރަމުން އައީ ފުލުހުންގެ މަސައްކަތްކަމަށް ވެފައިވާތީ އޭރު ސިފައިންގޭގައި ދުޝްމަނުންގެ ހަމަލާއަކާ ކުރިމަތިލުމަށް ވަކި ޚާއްޞަ ޔުނިޓްތަކެއް ޤާއިމްކުރެވިފައެއް ނުވެއެވެ. ނަމަވެސް އެ ނުރައްކާތެރި ޙަމަލައަށްފަހު، ސިފައިންގޭގައި މިފަދަ ޙާލަތްތަކާއި ކުރިމަތިލާނެ ޔުނިޓްތައް އުފައްދާ އެ ޔުނިތްތަކަށް ވަކިވަކި ޓާސްކްތަކާއި މިޝަންތައްދީ އަސްކަރީ ޔުނިޓްތަކެއްގެ ގޮތުގައި މި ޔުނިޓްތައް ތަރައްޤީކުރަން ފެށުނެވެ. މިގޮތުން މިއަދު ސިފައިންގޭގައި ފައިޓިންގ ޔުނިޓްތަކުގެ ގޮތުގައި ވަކި ޔުނިޓްތަކެއް ވަނީ ކަނޑައެޅި، އެ ޔުނިޓްތަކުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެ ޔުނިޓްތައް ތަރައްޤީކުރެވިފައެވެ. ހަމައެހެންމެ، ސިފައިންގެ ޚިދުމަތުގެ މައިބަދައަކީ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސަޕޯޓް ސަރވިސްގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ވާތީ، މި ދާއިރާ ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ވެސް ފެށިފައިވަނީ 3 ނޮވެންބަރުގެ ޢުދުވާނީ ހަމަލާއަށް ފަހުއެވެ. އޭރު ސިފައިންގޭގައި ސަޕޯޓް ސަރވިސްގެ ދާއިރާއިން ޒަމާނީ އާލަތްތަކާއި ވަޞީލަތްތައް ހޯދިފައި ނުވިޔަސް، މިއަދު ސިފައިންގޭގައި މި ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިގަނެވޭނެ ބާރު ވަނީ ލިބިފައެވެ. މިގޮތުން މުވާޞަލާތީ ގޮތުންނާއި  ޓެކްނޮލޮޖީގެ ގޮތުން ލިބިފައިވާ އާލަތްތަކާއި ވަޞީލަތްތަކާއި ކުރިއެރުމާއި ތަރައްޤީއަކީ އޭރާ ބަލާއިރު އަޅާކިޔޭ ވަރަށްވުރެ ބޮޑު ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަންކަމެވެ. ހަމައެހެންމެ މި ދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކުރެވިފައިވާ މިންވަރަށް ބަލާއިރު، މި ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުންނަކީ އެންމެމަތީ ފެންވަރުގައި ރާއްޖޭގައި މި މަސައްކަތްކުރަން ދަންނަ ހުނަރުވެރި ފަންނުވެރި އިންޖިނޭރުންނާއި ޓެކްނީޝަނުންނެވެ.

ސިފައިންނަކީ، ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ ބަޔަކަށް ވުމާއެކު، ހިތްފަސޭހަ މަސައްކަތުގެ ވެށްޓެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި ސިފައިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތްތަކާއި ތަންތަން ހަދާ ޢުމުރާނީ ތަރައްޤީއަށް ޓަކައި ވެސް އިތުރު މަސައްކަތްތަކެއް ފެށުނެވެ. ހަމައެހެންމެ، ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ވެސް އިތުރު މަސައްކަތްތަކެއް ފެށިގެން ދިޔައެވެ. 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާއި ސިފައިން ކުރިމަތިލިއިރު، ހަތިޔާރާއެކު ދުޝްމިނުންގެ ބަޔަކާ ކުރިމަތިލެވޭނެ ސިފައިން ތިބީ ހަމައެކަނި މާލޭގައެވެ. އެހެންކަމުން ސިފައިންގެ ޚިދުމަތް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދެއްވުމަށް ފަށްޓަވާފައިވާ މަސައްކަތް، އެ ހާދިސާއިން ކުރެވުނު ތަޖުރިބާގެ އަލީގައި އިތުރަށް ހަލުވިކޮށް މުޅިރާއްޖެ 5 ސަރަޙައްދަކަށް ބަހާލައިގެން އެ ސަރަޙައްދުތަކުގައި ސިފައިންގެ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ފެށުނެވެ.

ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، މިއަދު މި ދެކޭ ސިފައިން، ސިފައިންނަށް ހަދައިދިނީ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާ ދެކޮޅަށް ސިފައިން ކުރި ހަނގުރާމައިން ލިބުނު ނަޞްރާއެކު، ސިފައިންގެ ތަރައްޤީއަށް ޓަކައި ސިފައިންގެ ވެރިންނާއި އެންމެހާ ސިފައިން ކުރި ބުރަ މަސައްކަތުންނެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހި ސިފައިންގެ ނައު ތަރައްޤީގެ މަންޒިލަށް މިޞްރާބު ނެގި މާލިމީއަކީ ވެސް، އަދި، މި މުހިންމު ރޭވުންތަކުގެ މޭސްތިރިއަކީ ވެސް، ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއެވެ. އެހެންކަމުން، އެމަނިކުފާނަށް، ދިވެހި އެންމެހާ ސިފައިންގެ ނަމުގައި ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ހަމައެހެންމެ، ސިފައިން މިއަދު މިދެކޭ ތަރައްޤީގައި ހިއްސާވެދެއްވާފައިވާ އެންމެހާ ފަރާތްތަކަށް ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އަދި ހަމަ މިއާއެކު 3 ނޮވެންބަރުގެ ޢުދުވާނުގައި ދުޝްމަނުންގެ އަމާޒު ފަތްގަނޑުތަކަށްވެ މި ޤައުމާއި ވަޠަނުގެ މިނިވަންކަމަށް ޓަކައި ޖިހާދުކޮށް ޝަހީދުވެގެންދިޔަ ހިތްވަރުގަދަ މުޖާހިދުންގެ ޒިކުރާ އައުކޮށް، އެ ޝަހީދުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާކުރަމެވެ. އެ ޝަހީދުންނަކީ ދިވެހި ސިފައިންގެ ފަޚުރެވެ. އެ ޝަހީދުންނަކީ، މި ޖީލުގެ މި ޤައުމުގެ ޤައުމީ ބަޠަލުންނެވެ. އެއީ އަންނަން އޮތް ޖީލުތަކަށް މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކަމާއެކު ވާރުތަކޮށްދެއްވުމަށް ހަނގުރާމަކޮށް ޝަހީދުވި އަބުޠާލުންނެވެ. އެހެންކަމުން އެ ބަޠަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފެހެއްޓުމަށް އެންމެހާ ސިފައިންނަށް އަޅުގަނޑު ގޮވާލަމެވެ. ޤައުމީ ރޫޙާއި ވަޠަނީ ލޯބިން ހިތްވަރު ލިބި ޢަޒުމް އައުކުރާ ބަޔަކަށް ވުމަށް ގޮވާލަމެވެ.

މާތްﷲ ދިވެހި ސިފައިންނަކީ، މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ބޭއްވުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް ފަސްނުޖެހޭ، ޤައުމަށް ޓަކައި ދީނަށް ޓަކައި ކެރިގެން ޖިހާދު ކުރުމުގައި ހުޝިޔާރުކަމާއެކު ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި ލައްވާށިއެވެ.

އާމީން.

ކުރިއަށް ދިވެހި ޤައުމު، ކުރިއަށް ދިވެހި ސިފައިން.

 

ަ

ޝެއަރކުރެއްވުމަށް