ކޮންމެ ޤައުމެއްގެ އަސްކަރިއްޔާއެއްގައި ވެސް އަންހެން ސިފައިންގެ ޚިދުމަތަކީ މުހިންމު ބޭނުންތެރި ޚިދުމަތަކެވެ. ސިފައިންގެ ޚިދުމަތަށް އަންހެނުން ބޭނުންވާކަމަށް ސަރުކާރުން އެންމެ ފުރަތަމަ ޢިއުލާނު ކުރެއްވީ މީލާދީ ސަނަތުން 1962 ވަނަ އަހަރު ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެފަހަރު ކުރިމަތިލެއްވި މަދު އަދަދެއްގެ އަންހެނުންނަށް އެ ފުރުޞަތު ދެއްވާފައެއް ނުވެއެވެ.

ފުރަތަމަ އަންހެނުންނަށް ސިފައިންގެ ތެރެއިން ފުރުޞަތު ލިބިގެން ދިޔައީ 1988 ވަނަ އަހަރު ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކާއެކު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކުން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅިގެންނެވެ. މިގޮތުން 1988 ނޮވެންބަރު 20 ވަނަ ދުވަހު ސިފައިންގެ ޚިދުމަތަށް އަންހެނުން ބޭނުންވާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން އިޢުލާނު ކުރެއްވިއެވެ. މި ޢިއުލާނާ ގުޅިގެން ދިވެހިންގެ މި ލޮބުވެތި ފަސްގަނޑާ މެދު ދިވެހިރާއްޖޭގެ އަންހެނުންގެ ހިތްތަކުގައި އުފެދިފައިވާ ޤައުމީ ލޯތްބާއި ޖޯޝް ހާމަވެގެން ދިޔައެވެ. އެފަހަރު ސިފައިންގެ ޚިދުމަތަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން ބަޔަކު ހޮވާލެއްވުމަށްފަހު 65 ބޭކަނބަލަކަށް ސިފައިންގެ ވަޒީފާ ދެއްވައި، ސިފައިންގެ އަސާސީ ތަމްރީނު ދެއްވިއެވެ. އެއަށްފަހު އަންހެން ސިފައިންގެ ޚިދުމަތް އަވަސް ފިޔަވަޅުތަކާއެކު ކުރިއަރަން ފެށިއެވެ.

އަންހެން ސިފައިންގެ ޚިދުމަތް މި މުއައްސަސާއަށް ލިބެންފެށި ދުވަހުން ފެށިގެން ފާއިތުވި ނަވާރަ ވަރަކަށް އަހަރުގެ ތެރޭގައި ތަފާތު އެތައް ދާއިރާއަކުން އަންހެން ސިފައިން ވަނީ ކުރިއެރުންތައް ހޯދާފައެވެ. މިއަދު ސިފައިންގެ ތެރޭގައި އަންހެން ޑޮކްޓަރުންނާއި، ނަރުހުންނާއި، އަންހެން ފަޔަރ ފައިޓަރުންނާއި، އިންޓީރިއަރ ޑިޒައިނަރުންނާއި، އިލެކްޓްރޯނިކް ޓެކްނީޝަނުންނާއި، ފެހުންތެރިންނާއި ވިޔަފާރީގެ ދާއިރާއިންނާއި ނެވިގޭޝަންގެ ދާއިރާއިން މަތީފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭކަނބަލުންނާއި، ބައިނަލްއަޤްވާމީ ފެންވަރުގެ މޮޅު އެތުލީޓުންނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސް އެތައް ބޭކަނބަލެއް އެބަތިއްބެވިއެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ބްރައުންޒް މެޑަލް ހޯއްދަވާދެއްވާފައިވާ ހުނަރުވެރި ޝޫޓަރުން އެބަތިއްބެވިއެވެ.

އަސްކަރީ ދާއިރާއަށް ނަޒަރު ހިންގާލައިފިނަމަ ވެޕަން އިންސްޓްރަކްޓަރުންނާއި، ޑްރިލް އިންސްޓްރަކްޓަރުންނާއި، ބޮޑީގާޑުންނާއި، ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރުންނާއި، ސިގްނަލް އިންސްޓްރަކްޓަރުން ވެސް އަންހެން ސިފައިންގެ ތެރޭގައި އެބަތިއްބެވިއެވެ. އެ ބޭކަނބަލުންގެ ޚިދުމަތް އިންސާނީ ވަޞީލަތް ބިނާކުރުމުގައި ކެނޑިނޭޅި އަންނަނީ ލިބެމުންނެވެ. މިގޮތުން ހުނަރުވެރި ފާހަގަކޮށްލެވޭ ބައެއް އަންހެން ސިފައިންގެ މަޢުލޫމާތު އަޅުގަނޑު މިބައިގައި ހިމަނާލާނަމެވެ. މިއީ އެހެން އަންހެން ސިފައިންނަށް ކުރެވޭ ބޭއިންސާފެއްކަމުގައި އަޅުގަނޑު ނުދެކެމެވެ.

ސާޖަންޓް ޝަމްހާ ޔޫސުފް

1998 ވަނަ އަހަރު މާލޭ އިންގްލިޝް ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ސާޖަންޓް ޝަމްހާ ޔޫސުފަކީ އޭނާގެ ކުޅަދާނަކަމާއި ޤާބިލުކަން އަސްކަރީ މައިދާނުގައި ފިރިހެން ސިފައިންނަށް ދޫނުކޮށް މި މުއައްސަސާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުނަރުވެރި ހީވާގި ބޭކަނބަލެކެވެ. ޝަމްހާއަކީ މި މުއައްސަސާގައި މިއަދު ތިއްބެވި އަންހެން މުދައްރިބުންގެ ތެރެއިން އެންމެ ތަޖުރިބާކާރު މުދައްރިބެވެ. ރާއްޖޭގައި ހިންގޭ އަސްކަރީ ކޯސްތަކުގައި އެންމެ ގިނަފަހަރަށް އަންހެން މުދައްރިބެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވާ ޝަމްހާއަކީ އަންހެން ސިފައިންގެ ތެރެއިން އެންސީއޯ ކޭޑަރ ކޯސް ފުރިހަމަ ކުރައްވާފައިވާ ހަމައެކަނި ފަރާތް ވެސް މެއެވެ. ސާޖަންޓް ޝަމްހާ، މިލިޓަރީ ދާއިރާއިން އުސް ހަރުފަތްތަކެއް ގިރާ ކުރައްވަން ފަށްޓަވާފައިވަނީ އެސްޕީޖީގައި އުޅުއްވުމަށްފަހު ޑައިޓަށް ބަދަލުވީ ހިސާބުން ފެށިގެންނެވެ.

އަސްކަރީ ދާއިރާއިން ސާޖަންޓް ޝަމްހާ ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި 9 ވަނަ އެސްޓީއެފް، 9 ވަނަ އެންސީއޯ ކޭޑަރ ކޯސް، 5 ވަނަ ވެޕަން އިންސްޓްރަކްޓަރ ކޯސް އަދި ފުރަތަމަ ގަނަރީ ކޯސް ހިމެނެއެވެ. މީގެ އިތުރުން ޝަމްހާ ވަނީ 2 ވަނަ އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް ފުރިހަމަ ކުރައްވާފައެވެ. އެތައް ފިރިހެން ސިފައިންނާ ވާދަކޮށް ޝަމްހާ ވަނީ އަސްކަރީ ދެ ތަމްރީން ކޯހަކުން ގަދަ ދިހައަކުން ޖާގަ ހޯއްދަވައި، އޭނާގެ އަސްކަރީ ހުނަރުވެރިކަން ދިވެހި ސިފައިންނަށް ހާމަ ކޮށްދެއްވާފައެވެ. ސާޖަންޓް ޝަމްހާއަށް ލިބިލެއްވި އަސްކަރީ ތަމްރީނުތަކުގެ އަލީގައި އޭނާ ވަނީ އެތައް ކޯހެއްގެ މުދައްރިބުކަން ކުރައްވާފައެވެ. މިގޮތުން އެސްޓީއެފް ހަ ކޯހާއި، އެންސީއޯ ކޭޑަރ ކޯހެއްގެ ވެޕަން އިންސްޓްރަކްޓަރެއްގެ ގޮތުގައްޔާއި، 14 އަސާސީ ތަމްރީނު ކޯހެއްގެ މުދައްރިބެއްގެ ގޮތުގައި އަދި ވެޕަން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ވެޕަން އިންސްޓްރަކްޓަރ ތިން ކޯހެއްގައި ޝަމްހާ ވަނީ މުދައްރިބެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ.

ސާޖަންޓް ޝަމްހާއަކީ ސިފައިންގެ ލެވެލްގައި ގުނާލެވޭ ކުޅަދާނަ މޮޅު އެތުލީޓެއް ވެސް މެއެވެ. ސިފައިން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ 100 މީޓަރ އެއްވަނަ، އަދި 400 މީޓަރ ރިލޭއިން ޝަމްހާ ވަނީ 3 ވަނަ ހޯއްދަވާފައެވެ. ޝަމްހާ ހާމަކުރައްވާ ގޮތުގައި އޭނާއަށް ލިބެމުންދާ ކޮންމެ ކުރިއެރުމެއްގެ ފަހަތުގައި ޔުނިޓްގެ އިސްވެރިންނާއި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުދައްރިބުންގެ ފުރިހަމަ އެއްބާރުލުން ހިމެނެއެވެ. މީގެ އިތުރުން ސިފައިންގެ އެކި ލެވެލްގެ ވެރިން ޝަމްހާ ކުރައްވާ މަސައްކަތް ބަލައިގަނެ، ދެއްވާ ތަރުޙީބާއި އިރުޝާދަކީ ޝަމްހާ ކުރައްވަމުން ގެންދަވާ ޤައުމީ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ލިއްބައިދޭ ކަމެއްގެ ގޮތުގައި ދެކިލައްވައެވެ. އަދި މިއީ ޤައުމީ މި އަގުހުރި، ވާޖިބު އަދާކުރުމަށް ޝަމްހާއަށް ލިބިގެންދާ އިތުރު ހިތްވަރަކާއި ޢަޒުމެއްކަމުގައި ދެކިގެން ކުރިޔަށްދާ ކަމަށް އުފަލާއެކު ފާހަގަ ކުރައްވައެވެ.

ކޯޕްރަލް ރަމްޒިއްޔާ ޢަބްދުﷲ

ގަލޮޅު މަދަރުސާއިން ތަޢުލީމް ހާސިލުކުރެއްވުމަށްފަހު ކޯޕްރަލް ރަމްޒިއްޔާ ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 9 މޭ 1999 ގައެވެ. ކޯޕްރަލް ރަމްޒިއްޔާގެ ހިތްވަރުގަދަ ކަމާއި ކެރޭކަމީ އަންހެން ހުރިހާ ސިފައިން ވެސް ފަޚުރުވެރިވާނެ ކަމެކެވެ. ކޮންމެ ޔުނިޓެއްގައި މަސައްކަތް ކުރިނަމަވެސް އަބަދުވެސް މަސައްކަތް ކުރަނީ އެވަގުތަކު ކުރަންޖެހުނު ކޮންމެ ކަމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ކޯޕްރަލް ރަމްޒިއްޔާ އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އޭނާގެ ހިތްވަރުގަދަކަމާއި ކެރޭކަން ސާބިތުކަމާއެކު ދައްކަމުންނެވެ.

ކޯޕްރަލް ރަމްޒިއްޔާ މިހާތަނަށް ހައްދަވާފައިވާ ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި 32 ވަނަަ އަސާސީ ތަމްރީނު ކޯސް، 10 ވަނަ އެސްޓީއެފް، 7 ވަނަ ޕީޓީއައި އަދި 3 ވަނަ އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް، އަދި މީގެ އިތުރުން ސެޓްފިކެޓް 2 އިން މައިކްރޯސޮފްޓް އޮފީސް އަދި އެޑްވާންސް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯސް 1 ހިމެނެއެވެ. އެސްޓީއެފް ހައްދަވާފައިވާ މަދު އަންހެން ސިފައިންގެ ތެރޭގައި ގުނާލެވޭ ކޯޕްރަލް ރަމްޒިއްޔާއަކީ ކުޅަދާނަ ޕީޓީއައިއެކެވެ. މޮޅު ފިލްމުސްޓާރެކެވެ. ބުންވަރުގަދަ އެތުލީޓެއް ވެސް މެއެވެ. ކޯޕްރަލް ރަމްޒިއްޔާ ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ޕީޓީއައި ކޯހުން 3 ވަނަ، މީގެ އިތުރުން އެހެނިހެން ހަރަކާތްތަކުން ވަނަތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި އޮފީސްތަކުގެ ޑްރާމާ މުބާރާތުން އެއްފަހަރު ސަޕޯޓިންގ އެކްޓްރެސް އަދި އެއްފަހަރު އެންމެ މޮޅު އެކްޓްރެސްގެ މަޤާމު ލިބިފައިވެއެވެ. އަދި މީގެ އިތުރުން ޤައުމީ ކަސްރަތު މުބާރާތުންނާއި އަދި އެކިއެކި ދިގު ދުވުމުގެ މުބާރާތްތަކުން (މެރަތަން، ހާފް މެރަތަން، ތާޒާ 10 ކޭ، ދިރާގް ބްރޯޑްބޭންޑް ރޯޑްރޭސް، ލަންކާ މޯލްޑިވްސް ފްރެންޑްޝިޕް ރަން) ފަދަ މުބާރާތްތަކުން ފާހަގަ ކުރެވޭފަދަ ރަންވަނަތައް ލިބިފައިވާކަމަށް މިހާރު ކޯސްޓްގާޑްގެ ދަށުން ބަލަހައްޓަމުންދާ ހުޅުމާލޭ މެޑިކަލްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކޯޕްރަލް ރަމްޒިއްޔާ ބުނުއްވައެވެ.

ސިފައިންގޭގައި ކޮށްފައިވާ އެންމެ ޚާއްޞަ މަސައްކަތަކީ ކޮބައިތޯ ދެންނެވުނު، ކޯޕްރަލް ރަމްޒިއްޔާ ބުނުއްވަނީ “މިތަނުގައި ކުރާ ކޮންމެ ކަމަކީ ވެސް ޚާއްޞަ ކަންތައް، މީގެ ތެރެއިން ވެސް އަޅުގަނޑަށް ފާހަގަ ކުރެވޭ ފާއިތުވެ ދިޔަ އެންމެ ފަހުގެ ފިޓްޔުނިޓް ހޮވުމުގެ މުބާރާތް، އެ މުބާރާތުގައި މެޑިކަލްގެ ޓީމް ގޮވައިގެން ކުރެވުނު މަސައްކަތް އަދި ނިމިގެން އެދިޔަ 10 ވަނަ ހެވިކަމުގެ މުބާރާތް ފެށްޓުމުގެ ރަސްމިއްޔާތުގައި ހެވިކަން ދައްކާލުމަށް ބައިވެރިކުރެވުނު އަންހެން ގެމައިގެ ކޮމާންޑަރުކަން ކުރުން އެއީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވޭ ދެ ކަންތައް.”

ޑީއައި ކޯހެއް ފުރިހަމަ ނުކޮށް ހުރިކަމުގައި ވިޔަސް ނިމިގެން ދިޔަ 10 ވަނަ ހެވިކަމުގެ މުބާރާތް ފެށްޓުމުގެ ރަސްމިއްޔާތުގައި އަންހެން ގެމައިގެ ކޮމާންޑަރުކަން ރަމްޒިއްޔާ ކުރައްވާފައިވަނީ ވަރަށް ފުރިހަމަ އަށެވެ. އޭނާގެ އެ ކުޅަދާނަކަން ވެގެންދިޔައީ ދިވެހި ހުރިހާ ސިފައިން ސިއްސުވާލި ކަމަކަށެވެ. އެ ދައްކާލަދެއްވީ ދިވެހި އަންހެން ސިފައިންގެ ތެރޭގައި ވެސް ހެވިއެދުރުންނަށް ވެވިދާނެފަދަ ޤާބިލު ބޭކަނބަލުން ތިއްބެވި ކަމެވެ. ކޮމާންޑަރުކަން ކުރެއްވުމަށް ފުރުޞަތު ލިބިލެއްވީ ކިހިނެއްތޯ އަހާލެވުނު ސުވާލުގެ ޖަވާބުގައި ކޯޕްރަލް ރަމްޒިއްޔާ ބުނުއްވަނީ “އެއީ ސްޓާފް ސާޖަންޓް ޙަސަން މޫސާ (ޙަސަންބެ) އަޅުގަނޑަށް ދެއްވި ފުރުޞަތެއް. ގާތްގަނޑަކަށް ދެ ހަފުތާއަށް ވެފަ އޮއްވާ ޙަސަންބެ އަޅުގަނޑު ގާތު ބުނީ ނިކުންނާށޭ ކޮމާންޑްކުރަން. ދެން ޙަސަންބެގެ މަސައްކަތުންނޭ އަޅުގަނޑު ދަންނަވާނީ މިވަރު މިވީ. މި ފުރުޞަތުގައި އަޅުގަނޑު ޙަސަންބެއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން.”

ކޯޕްރަލް ރަމްޒިއްޔާ ފާހަގަކުރާ ގޮތުގައި އޭނާގެ މި ހިތްވަރުގަދަކަމާއި ކުރިއެރުމުގެ ފަހަތުގައި އެތައް ބައެއް ހިއްސާވާނެއެވެ. ޔުނިޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ފަރާތުން އަދި ޚާއްޞަކޮށް ޔުނިޓްގެ ވެރިންގެ ފުރިހަމަ ސަޕޯޓް އަބަދުވެސް ލިބިލައްވައެވެ. “އަޅުގަނޑު ކުރާ ކަންތައްތަކުގައި އަޅުގަނޑުގެ ވެރިން އަޅުގަނޑަށް އެއްބާރުލުން ދެއްވާ، އަދި އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ހިތްވަރު ދެއްވަނީކީ ހަމައެކަނި އަޅުގަނޑުގެ މަސައްކަތްކުރާ ދާއިރާގައި އިސްކޮށް ތިއްބަވާ ވެރިން އެކަންޏެއް ނޫނޭ، ސިފައިންގެ އެހެނިހެން ޔުނިޓްތަކުގެ ވެރިން ވެސް އަޅުގަނޑަށް ހިތްވަރު ދެއްވާ، އަދި އަޅުގަނޑު ދަންނަވާނީ ސިފައިންގޭގައި އަޅުގަނޑަށް ހިތްވަރު ނުދެއްވާ ހަމަ އެކަކު ވެސް ނޫޅެޔޭ، އެންމެންގެ ފަރާތުން ވެސް އަޅުގަނޑަށް ކޮމެންޓް ލިބެޔޭ.”

އަލަށް ސިފައިންގެ ވަޒީފާޔާ ގުޅިލައްވާ އަންހެން ސިފައިންނަށް ދެއްވަން އޮތްް މެސެޖަކީ ކޮބައިތޯ ކުރެވުނު ސުވާލުގެ ޖަވާބެއްގެ ގޮތުގައި ރަމްޒިއްޔާ ބުނުވަނީ “މި ދާއިރާއަކީ އަންހެން ކުދިން މަސައްކަތް ކުރަން ވަރަށް ރަނގަޅު ދާއިރާއެކޭ، މިއަދުގެ އަންހެނުންނަކީ މަސައްކަތުގެ ދާއިރާގައި ފިރިހެނުންނާއި އެއްސަފެއްގައި ފައިތިލަ ސާބިތު ކުރަމުންދާ ބަޔަކަށް ވާއިރު މި ދާއިރާއަކީ ވެސް ގިނަ ފުރުޞަތުތަކެއް ހުރި ދާއިރާއެކޭ، މި ދާއިރާއަށް ނިކުންނަކަމުގައި ވާނަމަ ނިިކަން ކެރިގެން ނިކުންނާށޭ، އެއްވެސް ކަމެއް ނުކޮށް ހުރެފަ މަށަކަށް ނުވާނޭ ނުބުނާށޭ، ގިނަ ކަންތައްތަކަކީ މަސައްކަތް ކުރީމަ ކާމިޔާބުވާނެ ކަންތައްތަކޭ.”

ލާންސް ކޯޕްރަލް ޒިޔާނާ ޢަބްދުލް މަޖީދު

އަންހެނުންގެ ތެރެއިން ކަނޑުމަތީގައި މަސައްކަތް ކުރެވޭނީ ވަރަށް ހިތްވަރުގަދަ ކެރޭ ހުޝިޔާރު މީހުންނަށެވެ. ސިފައިންގޭގައި އަދި ރާއްޖޭގައި ވެސް ނިޔަމި ކަމުގެ ކޯސްތައް ހަދާފައިހުރި ހަމައެކަނި އަންހެނަކީ 2000 މޭ 5 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް ޒިޔާނާ ޢަބްދުލް މަޖީދެވެ. ސެންޓަރ ފޮރ މެރީޓައިމް ސްޓަޑީޒް (ސީއެމްއެސް)ގައި ލާންސް ކޯޕްރަލް ޒިޔާނާ ހައްދަވާފައިވާ ނިޔަމި ކަމުގެ ކޯސްތަކުގެ ތެރޭގައި ކޯސްޓަލް ނެވިގޭޝަންއާއި ޕާސަނަލް ސޭފްޓީ ސޯޝަލް ރެސްޕޮންސިބިލިޓީއާއި އެޑްވާންސް ސެޓްފިކެޓް އިން މެރިން އޮޕަރޭޝަންއާއި ގްލޯބަލް މެރީޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި އަދި ޕާސަނަލް ސަވައިވަލް ޓްރޭނިންގ ހިމެނެއެވެ. މީގެ އިތުރުން ފަސްޓްއެއިޑް ބޭސިކް އަދި އެޑްވާންސް ކޯސް ވެސް ސީއެމްއެސްއިން އޭނާވަނީ ފުރިހަމަ ކުރައްވާފައެވެ.

ކޯސްޓްގާޑް ބޭސިކް ކޯސް ފުރިހަމަ ކުރައްވާފައިވާ ޒިޔާނާ ޢަބްދުލް މަޖީދު ވަނީ މި ދާއިރާއިން ޢަމަލީ ތަޖުރިބާ ހޯއްދެވުމުގެ ގޮތުން ބޭރު ދަތުރުކުރާ ބޯޓެއްގައި އެއްއަހަރު ދުވަހުގެ ކެޑޭޓްޝިޕް ޓްރޭނިންގ ޕްރޮގްރާމެއް ވެސް ފުރިހަމަ ކުރައްވާފައެވެ. ކޯސްޓްގާޑް އުޅަނދުފަހަރުތަކުގައި އެތައް ދަތުރެއްގައި ބައިވެރިވެ ހިތްވަރުގަދަކަން ސާބިތުކޮށްދެއްވާފައިވާ ޒިޔާނާއަކީ އެތައް ފަންނެއްގެ ހުނަރުވެރިއެކެވެ. އޭނާއަކީ ފަޔަރ ފައިޓަރެއް ވެސް މެއެވެ. ލާންސް ކޯޕްރަލް ޒިޔާނާ ވަނީ އެފްއާރުއެސްއިން ހިންގެވި ފަޔަރ ފައިޓިންގ ބޭސިކް ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ. އެމްއީއެސްއިން ތަޢުލީމް ޙާސިލްކުރެއްވި ޒިޔާނާއަކީ ކުޅިވަރުގެ މައިދާނުގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. މިގޮތުން ޒިޔާނާގެ ކެޕްޓަން ކަމުގެ ދަށުން އެމްއީއެސްގެ ވޮލީ ޓީމަށް ވަނީ ޗެމްޕިއަންކަން ވެސް ހޯއްދަވާ ދެއްވާފައެވެ. ސްކޫލް ދައުރުން ފެށިގެން ހުނަރުވެރި ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޒިޔާނާ ވަނީ ރާއްޖޭގެ ނޭޝަނަލް ޖޫނިއަރ އަންހެން ވޮލީ ޓީމްގައި ދެއަހަރު ދުވަހު ހިމެނިލައްވާފައެވެ. އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތުގައި އެސްއާރުސީގެ އަންހެން ޓީމެއް ވާދަކުރި ފުރަތަމަ ފަހަރު ޒިޔާނާ ވަނީ އެ މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމް ވެސް ހާސިލުކުރައްވާފައެވެ. ލާންސް ކޯޕްރަލް ޒިޔާނާ ޢަބްދުލް މަޖީދު މިހާރު މަސައްކަތް ކުރައްވަމުންދަނީ ކޯސްޓްގާޑް ޓްރޭނިންގ އެންޑް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގައެވެ.

ވޮރަންޓް އޮފިސަރ ގުރޭޑް 2 ޑރ. ފާޠިމަތު ތަޙްސީނާ

ޑޮކްޓަރަކަށްވުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކުރެވޭނީ ނިކަން އޯގާތެރި ހަމްދަރުދީއާއި އިޚްލާޞްތެރިކަމުން ފުރިގެންވާ ހިތެއްގެ އަހުލުވެރި ބަޔަކަށެވެ. އަދިހަމަ އެހެންމެ ކޮންމެ ގަޑިއެއްގައި ގޮވާލެވުނު ނަމަވެސް އިންސާނީ އެ މަތިވެރި ޚިދުމަތަށް ތައްޔާރުވެގެން އެއްވެސް ފަސްޖެހުމެއްނެތި ނުކުންނަންކެރޭ ހީވާގި މުރާލި މީހުންނަށެވެ. ސިފައިންގެ މި ލަޝްކަރުގައި މީގެ ކުރިން ދުވަހަކު ވެސް އެމްބީބީއެސް ހައްދަވާފައިވާ އަންހެން ބޭކަނބަލަކު ހިމެނިލައްވާފައެއް ނުވެއެވެ. ނަމަވެސް އެ ޝަރަފް ވޮރަންޓް އޮފިސަރ 2 ޑރ. ފާޠިމަތު ތަޙްސީނާ ވަނީ ހޯއްދަވާފައެވެ.

ސިފައިންގެ 48 ވަނަ އަސާސީ ތަމްރީނު ކޯހުން ފާސްވެ ޢަމަލީ ދާއިރާއަށް ނުކުންނަވާފައެވެ. “އަޅުގަނޑު މި ޚިދުމަތާ ގުޅުނީ ސްކޫލް ބޮންޑުގެ ދަށުން 2000 ވަނަ އަހަރު. ސިފައިންގެ ވަޒީފާ ލިބުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނޯޕޭ ލީވެއްގައި އެމްބީބީއެސް ހެދުމަށް ރަޝިޔާއަށް އަޅުގަނޑު ދިޔައީ. ފަހުން ޕޭލީވް ވެސް ހަމަޖެހުނު. އޭރު ހީވެފައިއޮތީ މިއީ އަންހެންކުދިން އުޅެންވާވަރުގެ ތަނެއް ނޫނޭ. ނަމަވެސް ދުވަސްކޮޅެއްފަހުން ވިސްނުނީ ސިފައިންގެ ޚިދުމަތަކީ އަންހެން ކުދިންނަށް އަދާކުރެވިދާނެ މުހިންމު ޤައުމީ ޚިދުމަތެއްކަން. ފަހުން ވަރަށް ޝަޢުޤުވެރިވި މި ދާއިރާއަށް.” ސީއެޗްއެސްއޭއިން އޭލެވެލް ހެދުމަށްފަހު ސިފައިންގެ ޚިދުމަތާ ގުޅުނު ޑރ. ފާޠުމަތު ތަޙްސީނާ ސިފައިންގެ ވަޒީފާއަށް ޝައުޤުވެރިކަން އުފެދުނުގޮތް ކިޔާދެއްވިއެވެ.

މާލެއަށް އުފަން ޑރ. ފާޠުމަތު ތަޙްސީނާ އެމްބީބީއެސް ހައްދަވާފައިވަނީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް މެޑިކަލް ކޮލެޖުންނެވެ. އޭނާ ވަނީ މި ކޯހުން ދެވަނަ ހާސިލުކުރައްވާފައެވެ. “ކޮންމެ ކަމަކީ ވެސް ހިތްވަރާއެކު ކެރިގެން ކުރިމަތިލައިފިނަމަ ކާމިޔާބު ކުރެވޭނެކަމެއް.” ވޮރަންޓް އޮފިސަރ 2 ޑރ. ފާޠުމަތު ތަޙްސީނާގެ ފަހުބަހަކީ މިއީއެވެ. އެކަން އޭނާ ވަނީ ޢަމަލީ މައިދާނުގައި ވަރަށް ރަނގަޅަށް ސާބިތު ވެސް ކޮށްދީފައެވެ.

ސްޓާފް ސާޖަންޓް އައިމިނަތު ޢަލީ

އެމްއެންޑީއެފަކީ ތަފާތު އެތައް ހުނަރުވެރިންނެއް ހަރަކާތްތެރިވަމުންދާ ދާއިރާއެކެވެ. އަންހެން ސިފައިންނަކީ ވެސް ތަފާތު އެކި ފަންނުތަކުން ހުނަރާއި ޢިލްމު ހޯއްދަވާފައިވާ ބައެކެވެ. އިމާރާތް ކުރުމުގެ ދާއިރާއަކީ ވަރަށްމަދުން ނޫނީ އަންހެނުން ހަރަކާތްތެރިވާ ދާއިރާއަކަށް ނުވިނަމަވެސް މި ދާއިރާގައި އަންހެން ސިފައިން ހަރަކާތްތެރިވަމުންދާކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އޭގެ ތެރެއިން ސްޓާފް ސާޖަންޓް އައިމިނަތު ޢަލީއަކީ އިމާރާތްކުރުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލުކުރައްވާފައިވާ ހުނަރުވެރި އަންހެން ބޭކަނބަލެކެވެ. އަދި ބެޗްލާސް ޑިގްރީއެއް ހޯއްދަވައިގެން އެމްއެންޑީއެފްގައި ޢަމަލީ ދާއިރާއަށް އެންމެ ފުރަތަމަ ނުކުންނެވި އަންހެން ބޭކަނބަލުންގެ ތެރޭގައި އޭނާ ހިމެނިލައްވައެވެ. ސީއެޗްއެސްއީން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު 1999 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި އައިމިނަތު ޢަލީ ވަނީ ބީޓެކް ޑިގްރީ އިން ސިވިލް އިންޖިނިއަރިންގ ކޯސް އިންޑިއާއިން ފުރިހަމަ ކުރައްވާފައެވެ. އެމްއެންޑީއެފްގެ މަރުކަޒުތަކުގައި އިމާރާތްކުރެވޭ އެތައް އިމާރާތްތަކެއްގައި އެސްޓިމޭޓްތައް ހެދުމާއި އަދި ޑިޒައިންކުރުމުގައި ވެސް ސްޓާފް ސާޖަންޓް އިއިމިނަތު ޢަލީގެ ޙިއްސާވުން ފާހަގަކޮށްލެވެއެވެ. ޕީޕީއައިއެމްއެސްގެ ސްޓްކްޗަރަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވަމުންގެންދަވާ އައިމިނަތު އަލީ ވަނީ ދާދިފަހުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ހަ ޔުނިޓް އިމާރާތް ހެދުމުގެ މަސައްކަތުގައި ހިނގަމުންދިޔައިރު އެތަނުގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އޭނާއަކީ އެމްއެންޑީއެފްގެ އަންހެން ކޮމެޓީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި ނިމިގެންދާ ދައުރުގެ އަންހެން ކޮމެޓީގެ ރައީސަކީ ވެސް އައިމިނަތު ޢަލީއެވެ.

ޝެއަރކުރެއްވުމަށް