ލުއިސް 14 ވަނަ ރަސްކަން އިނގިރޭސިވިލާތުގައި ނިމިގެން އައިއިރު، އިނގިރޭސިވިލާތަކީ ދުނިޔޭގައި ވިޔަފާރީގައި އެންމެ ކުރި އަރާފައިވާ ޤައުމެވެ. އެތަކެއް ޤައުމެއް އަޅުވެތި ކުރެވިފައިވާއިރު، އިނގިރޭސިންގެ ކަނޑުގެ ލަޝްކަރު އެއްވެސް ޖެހިލުމެއްނެތި ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ދަތުރުކުރުމުގެ ޤާބިލުކަން އޮތީ ހޯދާފައެވެ. ރޫސީވިލާތުގެ އެޑްމިރަލް ސާރޖީ ގޮޝްކޯފް ލިޔުއްވާފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ރޫސީވިލާތް ވުމަށް ޓަކައި ވަރުގަދަ ބާރުހުރި ކަނޑުގެ ލަޝްކަރެއް ބޭނުންވެއެވެ.

ނޭވަލިސްޓުން ދެކޭ ގޮތުގައި ޤައުމުތައް އިސްތިޢުމާރުކުރަން ބޭނުންނަމަ އަދި ވިޔަފާރީގައި ބާރުހުރި ޤައުމެއްގެ ގޮތުގައި އޮންނަން ބޭނުންނަމަ ކަނޑުގައި ބާރު ހިންގޭ ފަދަ އަސްކަރިއްޔާއެއް އޮންނަން ޖެހެއެވެ. ސާރ ޖޫލިޔަން ކޮރްބެޓް ފާހަގަކުރައްވާފައިވާ ގޮތުގައި، ދުނިޔޭގެ ކުޑަ ޤައުމެއް ކަމުގައިވާ ބްރިޓެންގައި ބަލިކަށި އެއްގަމުގެ ލަޝްކަރެއް އޮތް ނަމަވެސް ދުނިޔޭގެ އެކި ހިސާބުން ތިޔާގި ބިންތަކެއް ހޯދައި، ދުނިޔޭގެ ބާރުތަކަށް ގޮންޖަހާލެވިފައިވަނީ ކަނޑުގެ ބާރެއްގެ ގޮތުގައި ބްރިޓެން އޮތުމުންނެވެ.

15 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔޭގެ އިރުމަތީ ފަރާތަށް ހުޅަނގު ޤައުމުތައް މިސްރާބު ޖަހައި، އިންޑިޔާ ކަނޑުގެ ތެރޭގައި ބާރު ހިންގަން ފަށާފައިވެއެވެ. ހަމަމިފަދައިން ދެކުނު އިރުމަތީ އޭޝިޔާއާއި ސައުތު ޗައިނާ ސީގައި ބާރު ހިންގަން ފަށާފައިވެއެވެ. މިގޮތުން މި ދެންނެވި ސަރަހައްދުގެ މުއްސަނދިކަމުގެ ފައިދާތައް ހުޅަނގު ޤައުމުތަކުން ނަގަން ފަށާފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސިންނާއި، ޕޯޗުގީޒުންނާއި، ފަރަންސޭސިން ފާހަގަކޮށްލެއެވެ. މި ސަރަޙައްދުގެ ގިނަ ޤައުމުތައް އަސްކަރީ ގޮތުން ބަލި ޒަމާނެއްގައި މަދު ގުރާބުތަކެއްގެ އެހީގައި ޤައުމެއް އަޅުވެތިކޮށްލުން ވެފައިވަނީ ފަސޭހަ ކަމަށެވެ.

ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގަތުމާއެކު އަނދިރިއަނދިރިންނާއި ޕޯޗުގީޒުންގެ އަތްމައްޗަށް ދިވެހިރާއްޖޭގެ ރަސްކަން ފުރޮޅިގެން ދިޔައެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީއެވެ. މަޑުމަޑުން ދިވެހިންގެ އަމިއްލަވަންތަކަން ގެއްލެމުންދިޔައިރު، ދިވެހިން އިސްލާމްދީނުން ބޭރުކޮށް، މި ފަސްގަނޑުން އިސްލާމްދީނުގެ މަތިވެރި ނޫރު ފަނޑުކޮށްލައި އަދި ކާފަރުން ބޭނުންވާ ގޮތްތަކަށް ދިވެހިން އުޅުމަށް މަޖުބޫރު ކުރުވަން ފެށުނެވެ. ދިވެހިން މި ބިރުވެރިކަމުގެ ތެރޭގައި ތިއްބާ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު މި ދިވެހިރާއްޖެ މިނިވަންކޮށް، އިސްލާމްދީނުގެ ޙައްޤުގައި ތެދުވާނެ ބަޠަލުންތަކެއް އުފެދުމުގެ ވަގުތު އައިސްޖެހުނީ ޕޯޗުގީޒުން ދިވެހިރާއްޖެ ފިސާރި ރަނގަޅަށް އަޅުވެތިކޮށްފައިވާ ދަނޑިވަޅެއްގައެވެ. އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ މުޙައްމަދު ތަކުރުފާނުގެ މަތިވެރި ޖިހާދު ފެށިގެން އައީއެވެ.

ތިލަދުންމަތީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނު ރާއްޖޭގެ އުތުރުގެ ބިތުގައި ގިނަ ރަށްތަކުގެ މީހުން ދަނެއެވެ. އެހެނީ ޙުސައިން ޚަތީބު ތަކުރުފާނަކީ އޮޑިއެއް ދުއްވާ އަދި ވިޔަފާރީގެ ބޭނުންތަކަށް ޓަކައި ރަށްތަކަށް ދަތުރުކުރައްވާ ބޭފުޅެއް ކަމުގައި ވާތީއެވެ. މިހެންކަމުން މި ދަތުރުތަކުގައި މުޙައްމަދު ތަކުރުފާނަށް ވެސް ބައިވެރިވެލެއްވުމުގެ ފުރުޞަތު ލިބިވަޑައިގެން ގޮސްފައިވެއެވެ. އުތުރުގެ ހަތަރު އަތޮޅުގެ ވެރިކަން ކުރައްވާ ވިޔަޒޯރު ހުންނަވަނީ ހއ. ބާރަށުގައި ކަމަށްވާތީ، ޢީދުގެ ކުޅިވަރުތަކުގައި ބައިވެރިވެލެއްވުމަށް ޓަކައި ހއ. އުތީމުން ފުރައިގެން ހއ. ބާރަށަށް މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު ފަޅުވެރިންނާއެކު ދަތުރުފުޅު ކުރައްވައެވެ. މިގޮތުން ކުރެއްވި ދަތުރުފުޅެއްގައި މުޙައްމަދު ތަކުރުފާނުގެ އިސްތަށިފުޅަށް “ޢީދު ބޮލަށް ގޮން” ޖެހި ބާރަށު ބޯށިވަލު ބުޅާ ފާތުމައިދި ރެހެންދި ގޮއްޔެއާ އިންނަން އަތާއަތާ ޖެހުމަށްފަހު އަނެއް އަހަރުގެ ޢީދުގެ ކުޅިވަރަށް ބާރަށަށް ވަޑައިގެން ބުޅާފާތުމައިދި ރެހެންދި ގޮއްޔެއާ ވަނީ ކައިވެނިފުޅު ބައްލަވައިގެންފައެވެ. މިކަމާ ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނު ހިތްޕުޅު ހަމަޖެހިވަޑައިގެންފައި ނުވާތީއާއި ރަށްމެދަށް ދޫކުރައްވާފައިވާތީ، މުޙައްމަދު ތަކުރުފާނު އުތީމުން ކަނދުފައްޗެއްގައި ހދ.ނޮޅިވަރަމްފަރު ކަނޑިންމައިން ވަދެ އޮޅުދޫ ކަރަޔަށް ފުރަންއޮތް ސީރާޖީ ފަނޑިޔާރުކަލޭފާނުގެ އޮޑީގައި އޮޅުދޫ ކަރަޔަށް ވަޑައިގެންފައިވެއެވެ. އޮޅުދޫ ކަރައިގައި އަހަރެއްހާ ދުވަސް ހުންނަވާފައި މުޙައްމަދު ތަކުރުފާނު ވަނީ ބޭދާޅީއަށް ވަޑައިގެންފައެވެ. ބޭދާޅީގައި ހުންނެވި ދުވަސްވަރު މުޙައްމަދު ތަކުރުފާނު ވަނީ އެދުރުބޭގެ ގާތުން ޤުރުއާން ކިޔަވައި އަވަދިކުރައްވައިގެން މަޢުލޫދު ޢިލްމު ނަޙުފް އުނގަންނަވައި ހެވިކަން ފަށްޓަވައި، ހެވިކަންތަކާއި އަސްކަރީ އުކުޅުތައް އުނގެނިވަޑައިގެންފައެވެ. ދުވަސްތަކަށްފަހު މުޙައްމަދު ތަކުރުފާނު ވަނީ ބޭދާޅީން އޮޅުދޫކަރަޔަށް ވަޑައިގެން އަދި އޮޅުދޫކަރައިން ރާއްޖެއަށް ވަޑައިގެންފައެވެ. މި ކުޅަ ދަތުރުތަކުން މުޙައްމަދު ތަކުރުފާނު ވަނީ ނިޔަމިކަން ވަރަށް ރަނގަޅަށް އުނގެނިވަޑައިގެންފައެވެ. މިގޮތުން އޮޅުދޫކަރައިން ފުރާވަޑައިގެން ރާއްޖެއަށް ނައު ދަތުރުކުރިއިރު، އޮޑީގެ ނެވިކަލޭގެ ކޮންމެފަހަރަކު ފިލާ އަޅައި ނިންމާ ނިޔެމިގެޔަށް ވަނުމުން މުޙައްމަދު ތަކުރުފާނު ފިލާ އަޅުއްވައެވެ.

އުތީމު ޙުސައިން ޚަތީބު ތަކުރުފާނު އަވަހާރަވުމުން މުޙައްމަދު ތަކުރުފާނު ވަނީ ޢަލީ ރަސްގެފާނު ދުވަސްވަރު ދެއްވި ޚަތީބު ފަތްކޮޅު އޮތްގޮތެއް ސާފުކުރެއްވުމަށް ޓަކައި އުތީމުން މާލެއަށް ދަތުރުކުރައްވައި، އަނދިރިއަނދިރިންނާ ބައްދަލުކުރައްވާފައެވެ. މިގޮތުން މާލެއަށް ދަތުރުކުރެއްވުމާއި މާލެއިން އެނބުރި އުތީމަށް އެތެރެވަރިން ދަތުރުކުރައްވައި، އަތޮޅުތަކުގެ ފަރުތަކާއި ގިރިތަކާއި ރަށްތައް އުފެދިފައިވާގޮތް މުޙައްމަދު ތަކުރުފާނު ގެންދެވީ އުނގެނިވަޑައިގަންނަވަމުންނެވެ. އެއްފަހަރަކު ވިޔަޒޯރު، ގޯވާ ރަސްގެޔަށް ހަދިޔާ ގެންދިޔުމަށް ޓަކައި ނައުގައި ދަތުރުކުރާނެ މާލިމީއެއް ނުލިބިގެން މިކަމަށް އެންމެ އެކަށޭނައީ އުތީމު މުޙައްމަދު ތަކުރުފާނު ކަމުގައި އަނދިރިއަނދިރިންގެ ގާތުގައި ހާމަކޮށްފައިވެއެވެ. އަދި އަނދިރިއަނދިރިން މިކަމަށް ހުއްދަ ދިނުމާ ގުޅިގެން މުޙައްމަދު ތަކުރުފާނާ ވިޔަޒޯރު ބައްދަލުކޮށް، ރާއްޖެއިން ހަދިޔާ، ގޯވާ ރަސްގެފާނަށް ވެދުންކުރުމަށް ޓަކައި ދަތުރުކޮށްދެއްވުމަށް މުޙައްމަދު ތަކުރުފާނުގެ އަރިހުގައި ވިޔަޒޯރު އެދިފައިވެއެވެ. މިގޮތުން ގިނަ އަހަރުތަކެއްގައި މުޙައްމަދު ތަކުރުފާނު ވަނީ ވިޔަޒޯރުގެ އެދުމަކަށް އޮޅުދޫކަރަޔަށް ވިޔަޒޯރުގެ އޮޅުދޫ އޮޑީގަައި މާލިމީއެއްގެ ގޮތުން ދަތުރުފުޅު ކުރައްވާފައެވެ.

މުޙައްމަދު ތަކުރުފާނު ސިއްތިމާވާ ރަނިކިލެގެފާނާ ކައިވެނިފުޅު ބައްލަވައިގެންނެވި ފަހުން، އެއްބަފާ ބޭބޭފުޅު މާރަންދޫ ޢަލީ ޚަޠީބުގެފާނު އުތީމަށް ވަޑައިގެން ރާއްޖެ އިސްލާމުކުރެއްވުމަށް ޓަކައި މަސައްކަތްޕުޅު ކުރެއްވުމުގެ ސައްލާ، މުޙައްމަދު ތަކުރުފާނުގެ އައު ގަޑުވަރުގައި ކުރެއްވިއެވެ. މިގޮތުން ރާއްޖެ އިސްލާމް ކުރެއްވުމަށް ޓަކައި އޮޑިއެއް ބަންނަން މަޝްވަރާކުރައްވައި، ޙުސައިން ޚަޠީބު ތަކުރުފާނު ވިޔަފާރިއަށް ޓަކައި ގެންގުޅުއްވި އޮޑި ބައުވެއްޖެއޭ ކިޔައި، ވިޔަޒޯރު މެދުވެރިކޮށް އަނދިރިއަނދިރިންގެ ކިބައިން އޮޑިއެއް ބަނުމަށް ޓަކައި ރާއްޖެއިން ލަކުޑި ކެނޑުމުގެ ހުއްދައަކަށް އެދިވަޑައިގެންނެވިއެވެ. އަނދިރިއަނދިރިން ހުއްދަ ދިނުމާ ގުޅިގެން ރާއްޖޭގެ އުތުރު އަތޮޅުތަކުގެ ރަށްތަކުން ރުކާއި ލަކުޑި ކަނޑުއްވައި، ބާރަށަށް އެއްކުރެއްވުމަށްފަހު އޮޑި ބަނުމުގެ މަސައްކަތް ފެށްޓެވިއެވެ. މި މަސައްކަތް ފެށްޓުމަށް ޓަކައި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާއި ދަންޑަހެލު، އުތީމުން މެދުރާއްޖެތެރެއަށާއި ދެކުނަށް ދަތުރުކުރައްވައި، އޮޑި ބަންނާނެ މާވަޑިން ހޯއްދެވިއެވެ. މިގޮތުން އިސްދޫ އިސްމާޢިީލް މާވަޑިކަލޭގެޔާއި ހިމިތީ މާވަޑި ތަކުރުފާނާއި ރަސްދޫ ބޮޑުމާވަޑި ކަލޭގެޔާއި ކާށިދޫ ބޮޑުމާވަޑި ކަލޭގެޔާއި ކެލާމާ ވަޑިކަލޭގެޔާއި އުތުރު އަތޮޅުތަކުން ވަޑާންކުރާ މީހުންނާއެކު ޖުމްލަ 40 މީހުންނާއެކު ބާރަށުގައި އޮޑި ބަނުމުގެ މަސައްކަތް ފެށްޓެވިއެވެ.

22 ރިޔަނުގެ މިއޮޑި ބަނދެފައިވަނީ ރާއްޖެ އިސްލާމްކުރުމުގެ މަތިވެރި ނިޔަތުގައި ކަމުން މި އޮޑި ބަންނަން ފެށި އިރު ވެސް މާވަޑިކަލޭގެ ކައިރީގައި މުޙައްމަދު ތަކުރުފާނު ވިދާޅުވީ މިއީ މުދާ ހިފައިގެން ދަތުރުކުރާ އުޅަނދެއް ނޫން ކަމަށާއި ރާއްޖެ އިސްލާމްކުރެއްވުމަށް ބަންނަވާ އުޅަނދެއް ކަމަށްވާތީ، އޮޑި ބާރަށް ދުވާނެ ފަދަ ގޮތަކަށް ބެންނެވުމަށެވެ. އޮޑި ބަނުމުގެ މަސައްކަތް ކުރެވެމުންދިޔަ އިރު މުޙައްމަދު ތަކުރުފާނު ވަރަށް ގިނައިން ބާރަށާއި އުތީމާ ދެމެދު ވަނީ ދަތުރުކުރައްވާފައެވެ. ހަމައެހެންމެ އޮޅުދޫ އޮޑީގައި އޮޅުދޫކަރަޔަށް ވެސް ވަނީ ދަތުރުފުޅު ކުރައްވާފައެވެ. އޮޑި ބަނުމުގެ މަސައްކަތް ނިމުމުން މުޙައްމަދު ތަކުރުފާނު ވަނީ ބައު އޮޑީގައި ދަތުރުކުރައްވައި، އެ މާވަޑިއެއްގެ ރަށަކަށް އެ މާވަޑިއެއް ގެންދަވާފައެވެ.

މުޙައްމަދު ތަކުރުފާނުގެ ދެބެއިންނަށް ބެންނެވި އޮޑި ބާރަށުން ބޭލުމަށްފަހު، ދެބެއިންނާއި ދަންޑަހެލު އޮޑީގެ ދުވެލި ބަލާލުމަށް ޓަކައި ރާއްޖެ އޮބާ ހިސާބު ބޭރަށް ދަތުރުކޮށް، ކަޅުއޮށެއް އެމަކަށް ލައިގެން ނަނު ދޫކޮށްލިއިރު އެމަށް ބޭނުންކުރި ކަޅުއޮށް ފުންމާ ވާހަކަ ޙަސަން ތަކުރުފާނު ދެންނެވުމުން މުޙައްމަދު ތަކުރުފާނު ވިދާޅުވީ، “ޙަސަން ތަކުރުފާނު ތިޔަ ވިދާޅުވީ އޮޑިޔަށް ކިޔާނަން” ކަމުގައެވެ. އެހެންނަމަވެސް މި އޮޑިޔަށް ކިޔާނީ “ނަޞްރު ޝަހާ” ކަމުގައި ވެސް މުޙައްމަދު ތަކުރުފާނު ވިދާޅުވިއެވެ. މިހެން މުޙައްމަދު ތަކުރުފާނު ވިދާޅުވެފައި ވިޔަސް މި އޮޑިޔަށް ދެވިފައިވާ ނަމަކީ އަދި އެންމެން ވެސް ދަންނަ ނަމަކީ “ކަޅުއޮށްފުންމި” އެވެ.

ކަޅުއޮށްފުންމި ބޭލުމާއެކު ދިވެހިރާއްޖެ އިސްލާމް ކުރެއްވުމަށާއި މިނިވަންކަން ހޯއްދެވުމަށް ޓަކައި މުޙައްމަދު ތަކުރުފާނުގެ ޖިހާދުގެ ފެށުން އައީއެވެ. އަދި މި ޖިހާދު އަވަސްކުރެއްވުމަށް މުޙައްމަދު ތަކުރުފާނަށް މަޖުބޫރުވެވަޑައިގެންނެވި އެއް ސަބަބަކަށް ވެގެން އައިސްފައިވަނީ އަނދިރިއަނދިރިން މުޙައްމަދު ތަކުރުފާނު ދެބެއިންގެ ބޯކަނޑާލަން ނިންމުމާ ވެސް ވިދިގެންނެވެ.

އުތީމު ދެބެއިންގެ ބޯކަނޑާލައިގެން ނޫނިއްޔާ މާލެއަށް ނޭރުމަށް އުތުރު ހަތަރު އަތޮޅުގެ އަތޮޅުވެރިން ކަމުގައިވާ ވިޔަޒޯރަށް އަނދިރިއަނދިރިން އެންގުމާ ގުޅިގެން އުތީމު ދެބެއިންގެ ބޯކަނޑާލުމަށް ވިޔަޒޯރު މަސައްކަތްކުރަމުންދާތީ، ވިޔަޒޯރުގެ ކަރަށް ފިޔޮހި ޖެހުމަށް ޓަކައި މުޙައްމަދު ތަކުރުފާނު ކުރެއްވި މަސައްކަތްޕުޅަކީ ހަނގުރާމައިގެ ޑިސެޕްޓިވް ރަނގަޅު ޓެކްޓިސް އެކެވެ. މިގޮތުން އަތޮޅުވެރިންނަށް ކުރުނބައެއް މަށާލަން ދަންޑަހެލު ގާތުގައި ބުނުމުން ވަޅިއެއް ނުގެންނަ ވާހަކަ ހާމަކުރަން ދަންޑަހެލު ގާތު މުޙައްމަދު ތަކުރުފާނު ވިދާޅުވިއެވެ. އަދި ވަޅިއަށް ކިޔުމުން ތިމަން ވެސް ވަޅިއެއް ނުގެންނަ ކަމަށާއި ޙަސަން ތަކުރުފާނަށް ވަޅިއަށް ކިޔުމުން ޙަސަން ތަކުރުފާނު ވެސް ވަޅި ނުގެންނަކަމަށް ހާމަކުރެއްވުމަށް މުޙައްމަދު ތަކުރުފާނު ޙިޔާލުފުޅު ދެއްވިއެވެ. މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނުގެ ބޯ އަނދިރިއަނދިރިންނަށް ވެދުންކުރުމަށް ޓަކައި މާލެއަށް ވިޔަޒޯރާއެކު ދަތުރުކުރުމަށް ޓަކައި ބާރަށަށް މި ދެބެއިން ވަޑައިގެންނެވިއެވެ. މީގެކުރިން ވިޔަޒޯރު ގާތުގައި މުޙައްމަދު ތަކުރުފާނު ވިދާޅުވެފައިވަނީ ބޯ ކަނޑާލައިގެން މާލެއަށް ގެންދާނަމަ އަނދިރިއަނދިރިންނަށް ބޯ ލިބޭއިރު، ބޯ އޮންނާނީ ކުނިވެފައިކަމުން މާލެއަށް ވަންނަމުން ބޯ ކަނޑާލުން އެއީ މާރަނގަޅު ކަމެއް ކަމުގައެވެ. އަދި މިއީ ވަރަށް ރަނގަޅު ޚިޔާލެއްކަމުގައި ވިޔަޒޯރު އެއްބަސްވެ، މާލެއަށް މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާއި ދަންޑަހެލާއެކު ދަތުރުކުރުމަށް ވިޔަޒޯރު ނިންމިއެވެ. ވިޔަޒޯރު ގޮވައިގެން މާލެއަށް ދަތުރުކުރި މަގުމަތީގައި ވިޔަޒޯރަށް ކުރުނބައެއް ހަދައިދިނުމަށް ދަންޑަހެލު ކައިރީގައި މުޙައްމަދު ތަކުރުފާނު ވިދާޅުވުމުން ކުރުނބާ ހެދުމަށް ޓަކައި ވަޅިއެއް ގެންނަން ހަނދާނެއް ނެތްކަމަށް ދަންޑަހެލު ބުންޏެވެ. ހަމައެހެންމެ ޙަސަން ތަކުރުފާނުގެ އަތްޕުޅުގައި އަދި މުޙައްމަދު ތަކުރުފާނުގެ އަތްޕުޅުގައި ވެސް ވަޅިއެއް ނެތްކަމަށް ވިޔަޒޯރަށް އަޑުއިވޭގޮތަށް އަޑުހަރުކޮށް ވާހަކަފުޅު ދެއްކެވިއެވެ. ވިޔަޒޯރު އޮށޯވެލައިގެން އޮތްއިރު މި ވާހަކަ އަޑުއިވުމުން މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނުގެ ބޯކަނޑައިލުމަށް ގެނައި ވަޅި ވިޔަޒޯރު ނަގައި، މި ވަޅިން ހަމަގައިމު ވެސް ކުރުނބައެއް ކަނޑާލެވޭނެޔޭ ވިޔަޒޯރު ބުނެ ދަންޑަހެލަށް ވަޅި ދިނެވެ. މި ވަޅި ވެގެންދިޔައީ ވިޔަޒޯރުގެ ބޯކަނޑާލަން ވިޔަޒޯރު އަމިއްލައަށް މުޙައްމަދު ތަކުރުފާނަށް ކުޅަ ހަދިޔާއަކަށެވެ.

އުތީމު ދެބެން އުތީމުގައި އަދި ރާއްޖޭގައި ވެސް ތިބުމަކީ ރައްކާތެރިކަމެއް ކަމުގައި ނުވާނެތީ، ދަންޑަހެލާއި ރާވެރިބެއާއި އުތީމު ދެބެއިން އާއިލާއާއެކު މަލިކަށް ދަތުރުކުރެއްވިއެވެ. މަލިކަށް ކަޅުއޮށްފުންމި ވަދެގެން އަންނަތަން ދެކެފައި، މަލިކު ބޮޑުން އަތިރިމަތީ ތިބެފައި ކިޔަމުން ދިޔައީ އެ އޮޑި އަންނަނީ މަލިކު ނެއްވެއްގެ ބެލުމުގެ ދަށުން ކަމުގައެވެ. އެހެންނޫނީވިއްޔާ އެހާ ފަރިތަކަމާއެކު ނެރުން ވަދެގެން އަންނަން ނުކެރޭނެ ކަމަށެވެ. މިއިން ވެސް ހާމަކޮށްދެނީ މުޙައްމަދު ތަކުރުފާނު މީގެކުރިން މަލިކަށް ދަތުރުފުޅު ކުރައްވާފައިވާ ކަމާއި، މަލިކުގެ ފަރާއި، ނެރާއި ފަޅުތެރެ ރަނގަޅަށް އެނގިވަޑައިގެންފައިވާ ކަމުގައެވެ. މަލިކަށް މުޙައްމަދު ތަކުރުފާނު ވަޑައިގެން ފަހުން އުތީމު ދެބެއިންނާއި ދަންޑަހެލާއި ތިމަރަފުށީ ދެ ހާޖީންނާ އެކު ބާރަށަށް ދަތުރުކުރައްވައި، ސިއްތިމާވާ ރަނިކިލެގެފާނު ވަނީ މަލިކަށް ކަޅުއޮށްފުންމީގައި ގެންދަވާފައެވެ.

ރާއްޖެ އިސްލާމް ކުރެއްވުމަށް ޓަކައި މުޙައްމަދު ތަކުރުފާނު ކަޅުއޮށްފުންމީގައި ރޭގަނޑާއި ދުވާލު، އަތްވާއި ވާރޭގައި ކުރައްވާފައިވާ ދަތުރުތަކަކީ މި ޒަމާނުގެ ކަނޑުދަތުރާއި އެ ދުވަސްވަރުގެ ކަނޑުދަތުރުގެ ހާލަތަށް ބަލާއިރު އަޖައިބުވާންޖެހޭ ފަދަ ދަތުރުތަކެކެވެ. ރޭގަނޑު ރަށްތަކަށް އަރުއްވައި، ފަހަރަކު ރަށެއް އިސްލާމް ކުރައްވަމުން ރޭގަނޑު ރާއްޖެ ނުފެންނަ ހިސާބަށް ދަތުރުފުޅުކުރައްވައި، ކޮންމެ އަށްޑުވަހުން ފަންރިޔާ ބަދަލުކޮށް، ޕޯޗުގީޒުންގެ އަދި، އަނދިރިއަނދިރިންގެ ނުރައްކާތަކަށް ފަރުވާތެރިވެ ރާއްޖޭގެ އެންމެ އުތުރުގެ ސަރަޙައްދުގައި ދަތުރުކުރެއްވުމަކީ ޔަޤީނުން ވެސް ފަސޭހަކަމެއް ކަމުގައި ނުވާނެއެވެ. ދޭތެރެދޭތެރެއިން މަލިކަށް ދަތުރުކުރައްވާ އަދި ބޭދާޅީއަށް ދަތުރުކުރައްވާ އެދުރުބެގެ ކައިރިން އަނދިރިއަނދިރިންގެ ކަރަށް ބަޑިޖެހުމަށް ޓަކައި އަމާޒަށް ބަޑިޖެހުމުގެ ހުނަރު އުނގެނިވަޑައިގަންނަވާ، ފިސާރި ރަނގަޅަށް ކުރައްވަން އޮތް ހަނގުރާމައަށް މުޙައްމަދު ތަކުރުފާނު އައީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

މުޙައްމަދު ތަކުރުފާނަކީ މޮޅު މާލިމީއެއްކަން އިސްވެދިޔަ ކަންކަމުން ހާމަވެފައިވާއިރު، ތާރީޚުގައި އެންމެ ފާހަގަކޮށްލެވިގެންދާ އެއްކަމަކީ މަލާބާރީންގެ އެތަކެއް ގުރާބުތައް މުޙައްމަދު ތަކުރުފާނު ހުންނެވި ކަޅުއޮށްފުންމި ފަހަމުންދިޔައިރު، އެ ގުރާބުތަކަށް ފިއްލެވުމަށް ޓަކައި ފެންނަން އޮތް ދެ ކޮމަންޑޫ ދޭތެރެއަށް ދިމާކުރެއްވި ކުރެއްވުމާއި، މަތިކޮމަންޑޫއާއި ދަށުކޮމަންޑޫ ދޭތެރެއިން ސަލާމަތްތެރިކަމާ އެކު ދަތުރުކުރެއްވިކަމީ އެ ސަރަޙައްދުގެ ނިޔަމިކަމުގެ މަޢުލޫމާތު، މުޙައްމަދު ތަކުރުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަން ހާމަކޮށްދޭ ކަމެކެވެ. ކޮންމެއަކަސް ކަޅުއޮށްފުންމި ފަހަތުން މަލާބާރީންގެ ގުރާބުތައް ދެކޮމަންޑޫ ދޭތެރެއަށް ދިމާކޮށް ހުރިހާ އޮޑިއެއް ވެސް ފަރަށް އަރައި އެތަކެއް ގެއްލުމެއް އެ ގުރާބުތަކަށް ލިބިގެން ދިޔައީއެވެ.

ހަނގުރާމައެއް ކާމިޔާބު ކުރެއްވޭނީ ރަނގަޅު އިންޓެލިޖެންސް ވިޔުގައެއް ޤާއިމުކުރެވިގެން ކަމުގައިވާތީ، މުޙައްމަދު ތަކުރުފާނު ވަނީ މިކަން ވެސް ރަނގަޅަށް ކުރައްވާފައެވެ. މިގޮތުން ރޭގަނޑު ރަށްތަކަށް އަރުއްވައި އަނދިރިއަނދިރިންނާ ބެހޭ މަޢުލޫމާތާއި، ޕޯޗުގީޒުންގެ ލަޝްކަރަށް އެހީތެރިކަން ފޯރުވައިދިނުމަށް ޓަކައި ޕޯޗުގީޒުން ކުރާ އަދި ކުރާނެ މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވައި، ލިބިވަޑައިގެންނެވި މަޢުލޫމާތު ދިރާސާކުރައްވައި، އަދި ހަމައެހެންމެ ކުރިމަތިލުންތަކަށް އައީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. މިގޮތުން މަލާބާރީން އަނދިރިއަނދިރިންނަށް އައްޑަނަޔާއި ރަން ފޮނުވި ނަވެއް ރާއްޖޭގެ ބޭރުން ހުއްޓުވައި، ކާފަރުން މަރައި އަދި އެ ސާމާނުތައް ވަނީ ބެއްލެވުމުގެ ދަށަށް ގެންނަވާފައެވެ. މިގޮތުން ކަނޑުމަތީގެ ހަނގުރާމައިގައި “ބްލޮކޭޑް” އަކީ މުހިންމު ކަމެއްކަމުގައި ވާތީ، މުޙައްމަދު ތަކުރުފާނުގެ ކަޅުއޮށްފުންމީގައި ކޮންމެވެސް މިންވަރަކަށް އުތުރުގެ ސަރަޙައްދުގައި، އޮޅުދޫކަރަޔާއި ބޭދާޅީން ރާއްޖެއަށް އަންނަ އުޅަނދުފަހަރުތައް ހުއްޓުވުމަށް ޓަކައި ދުވާލު ވަނީ މަސައްކަތްކުރައްވާފައެވެ. އެންމެ އުޅަނދަކަށް “ޓޯޓަލް ބްލޮކޭޑެއް” ހާސިލު ނުކުރެވޭނެކަން އަޅުގަނޑު ވެސް ޤަބޫލުކުރާއިރު، އެ ޒަމާނުގައި މި ޓެކްޓިކްސް ވެސް ވަނީ ކޮންމެވެސް މިންވަރަކަށް ބޭނުންކުރެވިފައިކަމުގައި ދެކެން އެބަޖެހެއެވެ.

އުތީމު ދެބެއިންނާއި ދެ ހާޖީންނާއި ދަންޑަހެލާއެކު މާލެއަށް ކަޅުއޮށްފުންމި ދަތުރުކޮށް، އަނދިރިއަނދިރިންނާއި ޕޯޗުގީޒުންގެ ލަޝްކަރު ހަނގުރާމައިގެ މައިދާނުގައި ބަލިކޮށްލުމަކީ ފަސޭހަކަމެއް ކަމުގައި ނުވާނެކަން މުޙައްމަދު ތަކުރުފާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ބެކަޕް ފޯހެއްގެ ގޮތުގައި އަދި ރާއްޖެ އިސްލާމްކުރުމުގެ ޖިހާދުގައި މުޙައްމަދު ތަކުރުފާނަށް އެހީތެރިކަން ބޭނުން ވެދާނެކަމަށް ދެކިވަޑައިގެން ކަންނަންނޫރު ޢަލީ ރާޖާއާ ބައްދަލުކުރައްވައި އެހީތެރިކަމަށް އެދިވަޑައިގެންފައިވެއެވެ. ކަންނަަންނޫރަށް ކަޅުއޮށްފުންމީގައި ދަތުރެއް ކުރެއްވުމީ ވެސް ފަސޭހަކަމެއް ނޫނެވެ. އެހެނީ ފަންރިޔަލުގައި މި ހިސާބަށް ދަތުރެއް ކުރުމަށް ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދާނެތީއެވެ. ރާއްޖެ އިސްލާމް ކުރުމުގެ ޖިހާދުގެ އެންމެ މުހިންމު ބޮޅު ކަމުގައިވާ ވެރިރަށް މާލެއަށް މުޙައްމަދު ތަކުރުފާނު އަރުއްވައި، އަނދިރިއަނދިރިންނާއި ޕޯޗުގީޒުން މެރި ފަހުން ކަންނަންނޫރު އަލީރާޖާގެ ނައުފަހަރު މާލެއަށް އައިސްފައިވާތީ، މުޙައްމަދު ތަކުރުފާނުގެ ޖިހާދުގައި ކަންނައްނޫރުގެ މީހުންގެ އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާކަން ދަންނަން އެބަޖެހެއެވެ. އެހެންކަމުން މި ޖިހާދަކީ މުޙައްމަދު ތަކުރުފާނު އިސްވެ ހުންނަވައިގެން، ރާއްޖޭގެ ރައްޔިތުންގެ މަދަދާއި އެހީތެރިކަމާއެކު ކުރައްވާފައިވާ މަތިވެރި ޖިހާދެކެވެ. މި ޖިހާދުގައި އެންމެ މުހިންމު ރޯލެއް އަދާކުރައްވާފައިވަނީ ޝައްކެއް ވެސް ނެތް ގޮތެއްގައި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާއި ދުވާފަރު ދަންޑަހެލާއި، މަލިކުން ކަޅުއޮށްފުންމިއަށް އެރުއްވި ކޮޅުމަޑުލު ތިމަރަފުށީ ޢަލީހާޖީއާއި ޙަސަން ޙާޖީއެވެ.

ޝެއަރކުރެއްވުމަށް