މުޅި ތަން ގުގުމާފައި ވަނީ ސައިރަންގެ އަޑުންނެވެ. ކޮޅުކޮޅަށް ސިފައިންތައް ދުވެއެވެ. ފެންޑާތެރޭ ނިދާފައި ތިބި މީހުން ޔުނިފޯމްގެ ގޮށް އަޅުވަމުން ބޫޓަށް ފައި ކޮށްޕާލައިގެން ދުވެފައި ނިކުންނަނީއެެވެ. ހީވަނީ ހިނި ދަރުފަޔަކުން ހިނި އުތުރޭހެނެވެ. އެއްބަޔަކު ބަޑިގުދަނުން ހަތިޔާރު ނަގައި މެގަޒިން ފީޑްކުރަނީއެވެ. އަނެއް ބަޔަކު މީހުންތައް ބައިބަޔަށް ބަހައި ޓާސްކު ހަވާލުކުރަނީއެވެ. ކޮމާންޑަރުން އެމީހުންގެ ބްރީފިންގ، ލަޝްކަރުތަކަށް ދެނީއެވެ. ފެންނަމުން ދަނީ އެންމެ ފަހު ތައްޔާރީތަކެވެ. ދުޝްމިނުންނާ ކުރިމަތިލުމުގެ ވަގުތު ދަނީ ކައިރިވަމުންނެވެ. ސިފައިންގެ އަނބިދަރިންނާއި އާއިލާތައް ވީ ގޭގައެވެ. ދިވެހިރާއްޖޭގެ މުވާސަލާތީ ގުޅުންތައް ވަނީ ކެނޑިފައެވެ. ވީގޮތެއް، ވާންއުޅޭ ގޮތެއް ވެސް ގިނަ ބަޔަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ދިވެހިންގެ މިނިވަންކަން ފޭރިގަތުމަށް ދުޝްމިނުންގެ ބަޔަކު ރާއްޖޭގެ އުތުރަށާއި ދެކުނަށް އެއްފަހަރާ ހަމަލާ ދީފިކަމެވެ. ދިވެހިންތަކެއްގެ ލޭ އޮހޮރުވާލައިފި ކަމެވެ. ސަރުކާރުގެ އޮފީސްތަކެއް ހިފައިފި ކަމެވެ. ސަރުކާރުގެ ވެރިންތަކެއް ހައްޔަރުކޮށްފި ކަމެވެ.

ކޯސްޓްގާޑުގެ ޒަމާނީ ފްލީޓްގައި ހިމެނޭ ވަރުގަދަ އުޅަނދެއް ކަމަށްވާ ޝަހީދުޢަލީ ގާދޫކޮޅުން ނުކުތީ ހަމަދާދި ދެންމެއަކުއެވެ. ކަނޑުގެ ބިޔަ ރާޅުތައް ކަފަމުން ފުރިހަމަ ދުވެލީގައި އޮވެގެން ކުރިއަށްދެއެވެ. އެ އުޅަނދަށް އެރި ސިފައިންގެ ލަޝްކަރު ތިބީ ތައްޔާރީ ހާލަތުގައެވެ. ވަރުގަދަ ހަތިޔާރާ އެކުއެވެ. ފުރިހަމަ ޖޯޝާއެކުގައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އަޒުމުގެ ވަރުގަދަކަމާއި ކާމިޔާބުކުރުމުގެ ރޫޙެވެ. ޑިއުޓީތަކުގައި ތިބި މީހުން ސާބިތުކަންމަތީ ޑިއުޓީގައި ތިއްބެވެ. އުޅަނދުގެ އެކި ދިމަދިމާލުގައި ބޮނޑިބޮނޑިއަށް ތިބި މީހުން ކޮންމެވެސް ވަރަކަށް ސަކަ ޖަހައެވެ. އެހެނަސް މާބޮޑު އުފާވެރިކަމެއް ނެތެވެ. ސަބަބަކީ ހަނގުރާމައިގެ ވިލާގަނޑެއް އައިސް ބޯމަތިވިއިރު އާއިލާއާ ގުޅޭނެ ފަދައެއް ނެތީމައެވެ. ފޯން އަތުގައި އޮވެ އޭގެ ބޭނުމެއް ހިފޭނޭ ގޮތެއް ނެތީމައެވެ. ހަނގުރާމައަކަށް ދާއިރު އަނބިދަރިންނާއި ވާހަކަ ދައްކާލަން ބޭނުންވާނެއެވެ. މައިންބަފައިންނާ ބައްދަލުވާން ބޭނުންވާނެއެވެ. އެމީހުންގެ ހާލަތު އެނގެން ބޭނުން ވާނެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ ތަޤްދީރު އެކަމަށް ފުރުސަތެއް ނުދިނެވެ. މުޅި ރާއްޖޭގެ މުވާސަލާތީ ގުޅުންވަނީ ދުޝްމިނުން ކުރި މަސައްކަތުން ފެއިލުކޮށްލާފައެވެ.

ސާޖަންޓް ޖުމާނާ ޖަމީލު އެއްފަރާތަކަށް ޖެހިލިއެވެ. އޭނާގެ ހަރަކާތްތައް ވަރަށް ވެސް އަވަހެވެ. ކޮމްބެޓް ފަޓްލޫންގެ ޖީބުން ނޯޓް ފޮތަކާއި ގަލަމެއް ނަގައިފިއެވެ. ގަނޑުގައި ބިސްމި އަޅައިފިއެވެ. “ލޯބިވާ މަންމައާއި ބައްޕައަށް” މިހެން ލިޔުމަށްފަހު ލިޔަން ފެށިއެވެ. “ގިނައިން ސަލާމަށްފަހު ބުނަމެވެ. ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ. މިއީ ތިޔަ މަންމައާއި ބައްޕަގެ ދަރިފުޅުގެ އަތުން ލިޔާ އެންމެ ފަހު ސިޓީއަށް ވެސް ވެދާނެއެވެ. ތިޔަ ލޮބުވެތި މަންމައާއި ބައްޕައާ ބައްދަލު ކޮށްނުލައި މިފަދަ ކަމަކަށް ދާން ޖެހުމުން ވަރަށް އަސަރު ކުރެއެވެ. ވަރަށް ދެރަވެއެވެ. މިއީ މަންމަމެން އަބަދުވެސް ބުނާހެން ހިތްވަރުގަދަ، ހިތްވަރުކުރަން ދަންނަ މަންމަމެންގެ ކުޑަ ޖުމާއެވެ. މަންމާއެވެ. ދުޝްމިނުންގެ ވަޒަންތަކުގެ ކުރިމައްޗަށް މިދަނީ މަންމަމެން ދެކެ ލޯބި ނުވާތީކީ ނޫނެވެ. މަންމަމެން ދެކޭހިތް ނުވާތީއެއް ވެސް ނޫނެވެ. އަހަރެން ހަނގުރާމައިގެ މައިދާނަށް މި ނުކުންނަނީ އަހަރެން ހައްދަވާ ބޮޑުކުރެއްވި މާތް ﷲގެ މަގުގައެވެ. ޖިހާދުގެ މަގުގައެވެ. އަހަރެމެންގެ ދީނާއި ޤައުމުގެ ޙައްޤުގައެވެ. އައްސަތޭކަ އެތައް އަހަރެއް މާތް ވެގެންވާ އިސްލާމުދީނުގައި ވޭތުކޮށްފައިވާ މި ދިވެހިން އެހެން ދީނަކަށް ބޯލަނބަން މަޖުބޫރުވިޔަ ނުދިނުމަށެވެ. މިނިވަންކަމާ އެކު ވިހުރެމުންމިދާ ދިވެހި ދިދަ ވެއްޔާ މޮޑެވުނަ ނުދިނުމަށެވެ. މަންމާއެވެ. މިއީ އަހަރެންގެ ޤައުމެވެ. މި ޤައުމު ހިމާޔާތްކުރާނީ އަހަރެންގެ އަތުންނެވެ. މިކަން ކޮށްދޭކަށް ބޭރުން މީހަކު ނާންނާނެކަން މަ ދަންނަމެވެ.

މަންމާއެވެ. އަހަރެން މި ހަނގުރާމައަށް މި ނުކުންނަނީ މަރަށް ބިރެއް ސިހުމެއް ނެތިއެވެ. އެއްގޮތަކުން ވިއްޔާ މަރެވެ. އަނެއް ގޮތަކުން ވިއްޔާ ކާމިޔާބެވެ. ކޮންމެ ގޮތަކަށް ނިމުނަސް ނިމިގެން ދާނީ އަހަރެންގެ ދެލޯ ނޭދި އެދޭ ތިޔަ މަންމައާއި ބައްޕަގެ ނަން ދިރުވަމުންނެވެ. މަންމަމެންގެ ޤަދަރު އުފުލަމުންނެވެ. ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ. އަހަރެންގެ މި ހަށީގައި ފުރާނަ ހުރިހައި ހިނދަކު މި ދިވެހި ބިމުން އެންމެ ވެލިފޮއްޗެއް ވެސް އެ ދުޝްމިނުންނަކަށް ނުދޭނަމެވެ. މި ދިވެހި ޤައުމުގެ މިނިވަންކަމުން އެންމެ ސޫތެއް ވެސް ދުލެއް ނުކުރާނަމެވެ.

މަންމާއެވެ. މިއީ އަހަރެންގެ ހިތުގެ އަޒުމެވެ. މި އަޒުމު ގުޑުވާލެވޭނެ އެއްވެސް އިންސާނަކު ދުނިޔެއަކު ނުހުންނާނެއެވެ. ބައްޕާއެވެ. އަހަރެން ސިފައިން ތެރެއަށް ވަދެގެން ހުވާކުރަން ޖެހުނު ދުވަހު ބައްޕަ ބުނިވާހަކަ އަހަރެން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. “ދަރިފުޅާއެވެ. މާތް ﷲ ގަންދީ ތިޔަކުރާ ހުވާގެ މަތީގައި ފަހުނޭވަޔަށް ދަންދެން ހުންނައްޗެވެ. ހުވަޔާ ޚިލާފުވުމަކީ ﷲ އަށް އުރެދުމެކެވެ.” ބައްޕާއެވެ. މިއީ ބައްޕަގެ ބަސް ޤަބޫލުކުރާ، އަޒުމު ނުގުޑާ ކުއްޖެއްކަން ބައްޕައަށް އެނގޭނެއެވެ. މަންމާއެވެ. މިއީ ތިޔަ މަންމަ 24 ގަޑިއިރު މި ދަރިފުޅަށް ޓަކައި ވޭތުކުރި ވޭތުކުރުމުގެ ފޮނި މޭވާއެވެ. މަންމާއެވެ. އަދިވެސް މިއީ މަންމަމެންގެ ކުޑަ ޖުމާ ދޯއެވެ. އަދިވެސް މަށަށް ހަމަ އެންމެ މީރީ ތެއްލި ފަތާއި ރިހާކުރު އަޅައިގެން މަންމަގެ އަތުން މޮޑެލާފައި ހުންނަ ބަތްތަށްޓެވެ. މަންމާއެވެ. އެންމެ ފަހުން މި ފުރުސަތު މަށަށް ލިބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދޯއެވެ. އެރޭ މަންމަ އަހަރެންގެ ގައިގައި ބައްދާލާފައި ބުނި ވާހަކަ އަދިވެސް ހަނދާން އެބަހުއްޓެވެ. “މަގޭ ދެ އިސްކޮޅު މިހާރު އެބަހުރި، އެކަމަކު އަދިވެސް މަންމަ އަތުން ތިކަނީ. މަންމަ ނެތް ދުވަހަކުން ދަރިފުޅު ވަރަށް ހަނދާންވާނެދޯ.” އެރޭ މަންމަ އެހެން ބުނުމުން އަހަރެންނަށް ރޮވުނީ އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ ލިބޭނެ އެކަނިވެރިކަން ހިތަށް އަރާފައެވެ. މަންމާއެވެ. މަންމަ ބުނާހެން އެއްވެސް މީހަކީ އަބަދަކު ދުނިޔޭގައި ހުރެވޭނެ މީހެއް ނޫނެވެ. މަންމައަށްވުރެ ކުރިން މި ދުނިޔެއިން ވަކިވެގެން ދާން ޖެހެނީ އަހަރެންނަށް ކަމަށް ވެސް ވެދާނެއެވެ. އެއްވެސް މީހަކަށް ތަޤުދީރަކާ ނުކުޅެވޭނެދޯއެވެ. މަންމާއެވެ. ހިތްވަރުކުރައްޗެވެ. އަހަރެންނަށް ރަނގަޅުގޮތް ވޭތޯ ދުޢާކުރައްޗެވެ. އަހަރެންގެ ހުރިހާ ވެސް އެއްޗަކީ މަންމައާއި ބައްޕައެވެ. އަހަރެންގެ އުމުރުން 15 އަހަރުވީ ފަހުން ވެސް ބައްޕައާ އެއްކޮށް ނޫނީ ނުނިދާން ބޮޑާހޭކި ރެއެއްގެ މަތިން އަހަރެން ވަރަށް ހަނދާންވެއެވެ. “ދަރިފުޅު މިހާރު ތިއީ ބައްޕަ ކައިރީ ނިދާ ވަރަށްވުރެ ބޮޑު ކުއްޖެކޭ” ބުނެގެން އަހަރެން ހިތުގައި ޖެހިގެން ރޮވުމުން އެންމެ ފަހުން ކައިރިއަށް ލައިގެން ބޮޑިކޮށްގެން އޮއްވާ ނިދުނުއިރު ބައްޕަ ކިޔައިދިން ވާހަކަ “ހުސްބޯ ވަޒީރު ވާހަކަ” އަހަރެން ވަރަށް ހަނދާން ހުރެއެވެ. ވަޒީރުގެ އަސްލު ފެންނަނީ ބޮލުގެ ތޮށިގަނޑު އަންދާލީމަދޯއެވެ. ބައްޕާއެވެ. އަހަރެންނަށް ބައްޕަމެން ދީފައިވާ ތަޢުލީމާއި ތަރުބިއްޔަތު ވެސް ފެނިގެން ދާނީ މި ހަނގުރާމައިންކަން ކަށަވަރެވެ. ދުޝްމަނުންނާ މި ކުރިމަތިލާ ކުރިމަތިލުމުގައި މުޅި އުމުރަށް މި ޖުމާނާ ޖަމީލުގެ ނަން ދިވެހި ތާރީޙުގައި ލިޔެލާނަމެވެ. ފުރިހަމަ ޝަހީދެއްގެ ގޮތުގައެވެ. ނުވަތަ ވަރުގަދަ މުޖާހިދެއްގެ ގޮތުގައެެވެ. ބައްޕާއެވެ. މިއީ ބައްޕަދެކެ ލޯބިވާ ކުޑަ ޖުމާއެވެ. ބައްޕަގެ ބަސް އަހާ ކުޑަ ޖުމާއެވެ. ތިއީ ކުޑަ ޖުމާގެ ބަސް އަހާ ބައްޕަ ދޯއެވެ. ބައްޕަ ސިނގިރޭޓް ބުއިން ހުއްޓާލީ “ސިނގިރޭޓް ނުބޯތި މަރުވެދާނެ” ޖަހާފައިވާ އަހަރެން ކުރެހި ޕޯސްޓަރު ކޮޓަރީގައި ހިއްޕި ދުވަހުކަން ހަނދާން އެބަހުއްޓެވެ.

ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ. އަހަރެން ދެކެ ލޯބިވާ ޝީން ކައިރީ ބުނެދޭށެވެ. “އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭތާ މިވީ އަދި އެންމެ އަށް މަހާއި ތޭރަ ދުވަހެވެ. އެކަމަކު ޝީންގެ ވަފާތެރިކަން އަހަންނަށް ފެނިއްޖެއެވެ. ތިއީ ވަރަށް ތެދުވެރި ރަނގަޅު އަޙުލާޤެއްގެ ކުއްޖެކެވެ. އަހަރެންގެ ފިރިއެއްގެ މަޤާމަށް ޝަރުތު ހަމަވާ އަހަރެންދެކެ ވަރަށް ލޯބިވާ ކުއްޖެކެވެ. އަހަރެން ކައިވެންޏަކަށް ޓަކައި މިހުރީ ކެތްމަދުވެފައެވެ. މި ހަނގުރާމަ ﷲ ގެ ރަޙުމަތްފުޅާ އެކު ކާމިޔާބުވެއްޖެ ނަމަ އެންމެ ފުރަތަމަ އެއް ކަމަކީ ކައިވެންޏެވެ. މި ހަނގުރާމާގައި އަހަރެން ޝަހީދުވެއްޖެ ނަމަ ދެން އަހަރެމެން ބައްދަލު ވާނީ މަޙްޝަރު ބިމުންނެވެ.”

ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ. މާމަޔަށް ވަރަށް ގިނައިން ސަލާމް ބުނެދޭށެވެ. ޖަމިއްތަގޭ ނިސްކޮއަށް އަހަރެންގެ ފަރާތުން ވަރަށް ބާރު އުއްމައެއް ދޭށެވެ. އަދި ނިސްކޮ އުރައިގެން އެފްޑީއައިގައި ނަގާފައިހުރި ފޮޓޯ ބޮޑުކޮށްފައި އޭނައަށް ފަސްއަހަރު ފުރޭ ދުވަހު ބާތުޑޭ ޕްރެޒެންޓަކަށް ދޭށެވެ.

ލޯބިވާ މަންމާއެވެ. ގަޑީގެ ކަށި އަންނަނީ އެނބުރެމުންނެވެ. ވަގުތު ދަނީ ކުޑަވަމުންނެވެ. ލ.އަތޮޅުގެ މަލަމަތި ފެންނަން ފަށައިފިއެވެ. ދެން މާކަގިނައިރެއް ނެތެވެ. އެ ނުލަފާ ދުޝްމިނުންނާ ކުރިމަތިލާން މިދަނީ ތިޔަ މަންމަ ލޯބިން ގެންގުޅެ ބޮޑުކުރި ކުޑަ ޖުމާއެވެ. މަންމަމެންގެ ކުރިމައްޗަށް އަހަރެން ދެންދާނީ ޣާޒީ މުޙައްމަދު ތަކުރުފާނު ފަދަ ހިތްވަރުގަދަ ބަޠަލެއްގެ ގޮތުގައެވެ. ނުވަތަ މަންމަމެންނާ ބައްދަލުވާނީ ސުވަރުގޭގެ ދާޢިމީ ނިޢުމަތުގެ ތެރެއިން ފުރިހަމަ ޝަހީދެއްގެ ޝަރަފާއެކުގައެވެ. ތިޔަ ލޯބި މަންމަގެ އުނގު ތެރެއަށް އަހަރެން އަދިވެސް ޝައުޤުވެރިވަމެވެ. ބައްޕަގެ ފިރުމުންތަކަށް އަހަރެން އިންތިޒާރު ކުރަމެވެ. އަހަރެން ޝަހީދުވެއްޖެނަމަ ލެއިން ރަތްވެފައިވާ ޔުނިފޯމް މަންމަމެންނާ ހަމައަށް ފޮނުވައި ދިނުމަށް، އަހަރެންގެ ވެރިންނަށް ވަސިއްޔަތްކުރާނަމެވެ. މަންމާއެވެ. ހިތްވަރު ކުރާށެވެ. ﷲ އަށް ހަމްދު ކުރާށެވެ. އަހަރެންނަށް ދުޢާ ކޮށްދޭށެވެ. ވަގުތު ކުޑަތަން ވަނީއެވެ. ލޯތްބާއެކު ފަހުގެ ސަލާމް ކުރަމެވެ.”

ސިޓީ ލިޔެ ނިމުނުއިރު ސާޖަންޓް ޖުމާނާ ޖަމީލުއަށް އިނީ ރަނގަޅަށް ރޮވިފައެވެ. ޖުމާނާ ރަނގަޅަށް ލޯ ފޮހެލަމުން ޖީބުން ނެގި މިނަރަލް ވޯޓަރ ފެންފުޅީގައި ހުރި ފެންފޮދު ބޯލުމަށްފަހު އެ ފުޅި ހުސްކޮށްލިއެވެ. ސިޓީގެ ތިރީގައި “މަންމައާއި ބައްޕަދެކެ ލޯބިވާ ކުޑަ ޖުމާ” ޖެހުމަށްފަހު ސިޓީ އޮޅާލިއެވެ. އަދި އެ ފުޅީގެ ތެރެއަށް ސިޓީލައި މަތި ޖަހައިފިއެވެ. މާތް ﷲ އަށް ދުޢާ ކުރަމުން އެ ސިޓީފުޅި ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ދޫކޮށްލިއެވެ. “ހައްދަވާ ބޮޑު ކުރެއްވި މާތް ރަސްކަލާކޮ! މި ސިޓީ މިއަޅާގެ މަންމައާއި ބައްޕައަށް ރައްދު ކޮށްދެއްވާންދޭވެ.” އުޅަނދުގެ ބާރު ދުވެއްޔާއެކު ކަފަމުންދިޔަ ފޮނުގަނޑުގެ ތެރެއިން ފުޅިގޮސް ގެއްލިއްޖެއެވެ.

ޝެއަރކުރެއްވުމަށް