ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަޙުނިޔާއާއި މުބާރަކުބާދީ ސިފައިންގެ ހުރިހާ ރޭންކުތަކެއް ސިފައިންނަށާއި އެބައިމީހުންގެ އާއިލާތަކަށް އިޚްލާސްތެރިކަމާ އެކު ފޮނުވަމެވެ. މި އުފާވެރި މުނާސަބަތުގައި އަޅުގަނޑު ވެސް ތިޔަބޭފުޅުންނާ އެކު ވަމެވެ. އާދެ! ބަދަލުވަމުން މިދާ ހަލަބޮލި ދުވަސްތަކުގައި މިފަދަ މުނާސަބަތުތައް ފާހަގަކުރުން ފަހަރެއްގައި ކުލަ ފަނޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ މިއިން ކޮންމެ އަހަރީ ދުވަހަކީ އައު ޢަޒުމުތަކެއް ކަނޑައަޅާ އައު ޝިޔާރުތަކަކަށް މަސައްކަތްކުރުމަށް އަޅުގަނޑުމެން ކުރިމަތިލާ މަސައްކަތްތަކެއް ފެށުމެވެ.

އެ އަހަރެއް ނިމިގެންދާއިރު ޙަޤީޤީ މަރުޙަލާއަށް ދަތުރުކުރުމުގައި އަމަލީ މަސައްކަތުން ކާމިޔާބުކުރެވޭ ނިސްބަތަކީ ކޮބައިކަން ފުރިހަމައަށް ދެނެގަންނަން ވާނެއެވެ. އެހެންކަމަށް ނުވާނަމަ މިފަދަ ޝިޔާރުތަކަކީ ހަމައެކަނި ދިއްލިފައި ހުންނަ ބޯޑުތަކަކަށް ވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެ މިކަމަށް ސަމާލުވުމަށް ތަޙުނިޔާއާއެކު ތިޔަ އެންމެހާ ސިފައިންނަށް ދަންނަވާލަމެވެ.

އިޤްތިޞާދަށްކުރާ އެދެވޭ އަދި ނޭދެވޭ އަސަރު:

ރާއްޖޭގެ އިޤްތިޞާދަށް ވޭތުވެދިޔަ އަހަރުތަކުގައި އަންނަމުންދިޔަ ހަލުވި ބަދަލުތަކަކީ އަޅުގަނޑުމެން އެއްވެސް މީހަކު އޭގެ ދުވެއްޔާމެދު އެއްވެސް ވަރަކަށް އަންދާޒާކުރެވިފައި ނުވާފަދަ ހަލުވި ދުވެއްޔެއްގައި އައިސްފައިވާ އިޤްތިޞާދީ ބަދަލުތަކެކެވެ. ތަނެއްގެ އިޤްތިޞާދު ހަރުދަނާވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާއިރު އެއާ ލާމެހިގެން އަންނަ ފައިދާއާއި ގެއްލުމަކީ އެއްފެންވަރެއްގައި ދަތުރުކުރަމުންދާ، ތަފާތު ދެ އަސަރެއް މުޖުތަމަޢު ކުރުވާ ކަމެކެވެ. ފައިދާއަކީ ދިރިއުޅުން ތަނަވަސްވެ ތަފާތު ވަސީލަތްތަކުން ތިމާއަށާއި އާއިލާއަށް ހިތްހަމަޖެހުމާއި އުފަލާއި އަރާމު ލިއްބައިދިނުމެވެ. ގެއްލުމަކީ ތަފާތު ކަންކަމުގައި ކޮރަޕްޝަން އުފެދުމާއި، އަވަހަށް ތަނަވަސްކަން ހޯދުމަށް ނާޖާއިޒު ވިޔަފާރިއާއި އަޚްލާޤީ މިންގަނޑުން ނެއްޓިފައިވާ ލާދީނީ މައްސަލަތަކާއި، މަސްތުވާތަކެތީގެ ނުރައްކާތެރިކަމުގެ ތެރެއަށް ވިޔަފާރި އުސޫލުން ވަނުމާއި އެނޫން ގޮތުގައި ބޭނުން ކުރުމެވެ. މިގޮތުން އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ އެއް މައްސަލައަކީ މި ދެންނެވި މަސްތުވާތަކެތީގެ މައްސަލައެވެ.

މިކަމުގެ ޒިންމާ މައިންބަފައިންނާއި ބެލެނިވެރިންގެ ބޮލުގައި އެޅެމުންދާއިރު، ކަމާބެހޭ އިދާރާތަކުގެ ޒިންމާ ވެސް ވަކި ކުޑައެކޭ ދެންނެވޭކަށް ނެތެވެ. އަދި ކޮންމެ ފަރުދެއްގެ ޒިންމާއެއް ވެސް މިކަމުގައި އޮންނާނެކަން ޔަޤީނެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް އަޅަންވީ ފިޔަވަޅާއި ކުރަންވީ ކަންތައްތައް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެބަ އެނގެއެވެ. ހަމައެކަނި އަޅުގަނޑުމެން އެންމެން ވެސް ކުރަންވީ ކަމަކީ ކުޑަ ހިތްވަރަކާ އެކު ކުރަންވީ ކަމަކަށް އަމަލީ ފިޔަވަޅު އެޅުމުގެ ހިތްވަރު ލިބިގަތުމެވެ.

މި ދެންނެވި ގެއްލުމުގެ ތެރޭގައި އާއިލާތައް ރޫޅި ދިއުމާއި އާއިލާތަކަށް ލިބެމުންދާ ހިތާމަތަކާއި ނުތަނަވަސްކަން ވަނީ ކޮޅުންލާފައެވެ. ބައެއްފަހަރު މި އިޤްތިޞާދީ ތަނަވަސްކަން ނައިނަމައޭ ވެސް ބައެއް ބޭފުޅުން ހިތްޕުޅަށް އަރައިވަޑައިގެންފާނެއެވެ.

އަޅުގަނޑުމެންގެ އިޤްތިޞާދީ ތަނަވަސްކަމުގެ ތެރޭން ލިބޭ އަނެއް ގެއްލުމަކީ އަޅުގަނޑުމެންގެ ދަރިންނަށް ދެވޭ ލޯތްބެކެވެ. މި ލޯބި މިހާރު ވަނީ އިންތިހާ ދަރަޖައަށް ބޮޑުވެ އެބައިމީހުންގެ މުސްތަޤްބަލު ރޭވުމަށް އޮޅުންބޮޅުމުގެ ތެރެއަށް ވަދެފައެވެ. ވަޒީފާއެއް އަދާކުރުމާއި ނުވަތަ އަމިއްލަ މަސައްކަތެއް ކުރުމާމެދު ސުވާލު އުފެދިފައެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. އަޅުގަނޑުމެންގެ ލޯބި ފުރިހަމައެވެ.

މަސައްކަތެއްކުރަން ތިމާ މި ޖެހެނީ ކެއުންބުއިމާއި އުނގެނުމާއި އަދި ތިމާ ޒަވާޖީ ހަޔާތެއް ފަށައިފިނަމަ އަނބިދަރިން ބެލެހެއްޓުމަށް ޓަކައެވެ. މި ހުރިހާ ކަމެއް ފުރިހަމަކޮށްދޭން އެއްވެސް ފަރާތަކުން ހަމަޖެހިފައިވާނަމަ އަމިއްލައަށް މަސައްކަތެއް ކުރަން ފެށުމަކީ ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. މި ދެންނެވި އިޤުތިޞާދީ ކުރިއެރުމުގައި ދަރިންގެ ވިސްނުމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެއީ އެބައިމީހުންގެ ހުރިހާ ކަމެއް މައިންބަފައިން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ވިސްނުމެވެ. އެއީ ވަކި އުމުރެއް ނެތިއެވެ. މިހެންވުމުގެ ސަބަބުން ރޭގަނޑު، ދުވާލަށް ބަދަލުވެ، ދުވާލު، ރޭގަނޑަށް ބަދަލުވެ، ވިޔާނުދާ ކަންކަމުގެ ތެރެއަށް ކުދިން ވަނުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. މިކަންކަމާ އަޅުގަނޑުމެން ކޮންމެ މަޔަކާއި ބަފަޔަކު ވިސްނައި ރާއްޖޭގެ އިޤްތިޞާދަށް އަތުވެދާނެ ހީނަރުކަމަކާ ދޭތެރޭ ފިކުރުކުރަން މަޖުބޫރެވެ. އެއީވެސް އަޅުގަނޑުމެންގެ ލޯބިވާ ދަރިންނަށް ޓަކައެވެ. އެމީހުންގެ މުސްތަޤްބަލަށް ޓަކައެވެ.

ސިފައިންގެ ވިސްނުން:

އަދުގެ ސިފައިންނަކީ ހަމައެކަނި އެބައިމީހުންގެ ދުވަހުން ދުވަހުގެ ޑިއުޓީއަށް ވިސްނަންޖެހޭނެ ބައެއް ނޫނެވެ. އެބައިމީހުންގެ ވިސްނުމާއި ފިކުރު ރާއްޖޭގެ ހުރިހާ ދިމާއަކަށް ފޯރުކުރަން ޖެހޭނެއެވެ. ރާއްޖޭގެ އެންމެ އުތުރުން ތުރާކުނުން ފެށިގެން އައްޑުއަތޮޅު ހިތަދޫއާ ހަމައަށް ނަޒަރު ފޯރުވަން އަދު މިވަނީ ޖެހިފައެވެ. މި ދޭތެރޭގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ މަޢުލޫމާތު ހޯދައި، ތިމާގެ ސިކުނޑިއާއި ވިސްނުމުގައި އެ ކަންކަން ހަރުލައި ބަހައްޓަންވާނެއެވެ. އެއީ ތިމާގެ އަމިއްލަ ވަގުތުތަކުގައާއި ޑިއުޓީ ވަގުތުތަކުގައެވެ. މީގެ އިތުރުން ރާއްޖޭން ބޭރު ޚަބަރުތައް ކަނުލައި އެހުމާއި އަވައްޓެރި ޤައުމުތަކުގެ ހަލަބޮލި މާހައުލުގެ މަޢުލޫމާތު ތިމާއަށް ލިބިފައި ހުންނަން އެބަޖެހެއެވެ. ދުނިޔެ މިވަނީ ގްލޯބަލައިޒްވެ ވިލެޖަކަށްވެފައެެވެ. ޒިންމާ ނެގުމާއި، ޒިންމާދާރު މީހަަކަށް ވުމަށާއި، އަމަލީ ފިޔަވަޅު އެޅުމުގައި ތިމާއަކީ ހޭލުންތެރި މީހަކަށް ވަނީ މި ދެންނެވި ކަންކަމަށް ސަމާލުވެ ހުރެގެންނެވެ.

ސިފައިންގެ މީހަކު އެ ހުވައެއް ކުރި ދުވަހުން ފެށިގެން އޭނާ ސިފައިންގެއިން ވަކިވިއަސް އެކުރި ހުވާމަތިން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ގިނަ ފަހަރަށް މިހާރަކަށް އައިސް އަޅުގަނޑުމެން ހޭދަކުރާ ޗުއްޓީގެ ވަގުތާއި، ޗުއްޓީއަށް ރަށުގައި ހޭދަކުރާ ވަގުތުތަކުގައި ސިފައިންގެ މީހެއްގެ ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުން ކައްސާލައިގެން އެ މީހާގެ ވާޖިބުމަތިން ހަނދާންނެތޭ ގޮތް އެބަވެއެވެ. އަޅުގަނޑުމެން ކޮންމެ ތަނެއްގައި، ކޮންމެ މަސައްކަތެއް ކުރަން އުޅުނުކަމުގައި ވިއަސް އަޅުގަނޑުމެންގެ ވާޖިބު މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ސިފައިންގެ ހައިސިއްޔަތަށް ހުތުރުވާނެ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

އިޤްތިސާދާއި ބިދޭސީ ލޭބަފޯސް:

އިޤްތިޞާދު ކުރިއަށްދާ ވަރަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެއެވެ. މިހެންވެ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭނަމަ އެކަމެއް ކުރިއަރަންވީ ސްޕީޑްގައި ކުރިއެއް ނާރާނެއެވެ. އަޅުގަނޑުމެންނަކަށް ސްޕީޑް ފަހަށް ޖެއްސެވޭކަން ނެތެވެ. މިހެންވެ އަޅުގަނޑުމެންގެ ތެރޭ ވަޒީފާގެ ފުރުސަތު ކިތަންމެ ބޮޑުކަމުގައިވިއަސް އެ ވަޒީފާއަށް އަންނާނެ މީހަކު މިވަނީ ނުވެފައެވެ. އަޅުގަނޑުމެންގެ ތެރެއިން ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް މިހާރަކަށް އައިސް މިވަނީ ތަފާތު މިސްރާބަކަށް ދަތުރުކުރަން ފަށާފައެވެ. އެމީހަކަށް ލިބެންޖެހޭ ޗުއްޓީއާއި އިނާޔަތްތަކަކާ އެއަށް ދެވޭނެ ވަގުތާއި އޭނާ މަސައްކަތްކުރާނެ ވަގުތާއި އެއްޗެހި ކަނޑައަޅާނީ ވެސް އޭނާއެވެ. މީގެ އިތުރަށް މަސައްކަތުގެ އަޚްލާޤީ މިންގަނޑާއި، އެމީހާގެ ހިއުމަންރައިޓްސްއާއި ހަޅުތާލުކުރުމާއި މިފަދަ ކަންތައްތަކުގެ ހައްޤު ބޮޑުވެ އިތުރުވަމުން ދިއުމުން، މި ކަންތައް ފޫބެއްދުމަށް ބިދޭސީން ގެނައުމަށް މިވަނީ މަޖުބޫރުވެފައެވެ. އަދި ދުވަހެއްދުވަހަކަށް ބިދޭސީ ލޭބަފޯސް މިދަނީ ހެދި ބޮޑުވެ، އަތްނުފޯރާ ހިސާބަށް އިތުރުވަމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާރު ރާއްޖޭގައި ހަތްދިހަ ހާސް ބިދޭސީން މަސައްކަތް ކުރެއެވެ. ރާއްޖޭގެ އާބާދީ މިހާރު މިވަނީ ތިންލައްކައިގައެވެ. އެއީ ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނާ އެކުއެވެ. ވީމާ ހަރަކާތްތެރިވެ ފީލްޑްގައި މަސައްކަތްކުރާ އަދަދާ މެދު ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

މީގެ ފަންސަވީހަކަށް އަހަރު ކުރިން ބިދޭސީއަކު ފެނުމުން އަޅުގަނޑުމެން ހުއްޓި، އެ މީހަކާ ދިމާއަށް ބަލަން ތިބެމެވެ. މިހާރު އެގޮތަށް ތަނެއްގައި ހުއްޓި ހުރެއްޖެނަމަ ފަސް މިނިޓް ތެރޭ ފަސް ބިދޭސީން ތިމާގެ ފައިމައްޗަށް އަރާފައިނޫނީ ނުދާނެއެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. އިޤްތިޞާދީ ތަނަވަސްކަން އިތުރުވެ އިޤްތިޞާދީ މިނިވަންކަން މިވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އަޅުގަނޑުމެންގެ ގެދޮރުގައި، ވިޔަފާރީގައި، އޮޑިދޯނިފަހަރުގައި، މިހެންގޮސް އެކުވެރިންގެ ގޮތުގައާއި ލޯބިވެރިންގެ ގޮތުގައި މިތިބެނީ މިދެންނެވި މީހުންނެވެ.

ރާއްޖޭގައި ބިދޭސީ ހަތްދިހަހާސް މީހުން އުޅޭއިރު ދެހާހަށްވުރެ ގިނަ މީހުންނަކީ އެކިއެކި ސަބަބުތަކާ ހުރެގެން ފިލައިގެން އުޅޭ މީހުންނެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިގޮތަށް މިމީހުން ފިލައިގެން އުޅެންޖެހޭ ސަބަބު ހޯދައި އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.

ހަމައެއާއިއެކު ވިސްނާލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ބިދޭސީ ލޭބަފޯސްއިން އަހަރަކު ބޭރުކުރާ ފައިސާގެ އަދަދެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރަކު އެއްބިލިޔަން ރުފިޔާއަށްވުރެ ގިނަފައިސާ ރާއްޖެއިން ބޭރުކުރެއެވެ. މިއީ އަޅުގަނޑުމެން ވިސްނައި ފިކުރުކުރަންޖެހޭ ކަމެއްތޯއެވެ. މިއީ ހަމައެކަނި އިޤްތިޞާދީ ނަޒަރަކުން ބަލާލާއިރުއެވެ. މިއާވިދިގެންހުރި އިޖުތިމާޢީ މައްސަލަތައް ކޮބައިތޯއެވެ.

އާދެ! ނުފޫޒު ގަދަވެ ތަފާތު ކަންކަމަށް ޑިމާންޑްކުރުމުގެ ޚިޔާލުތަކާއި މިނިވަންކަމާއެކު ޙަރަކާތްތެރިވަމުން މިއަންނަ ދިވެހިރާއްޖޭގެ ބިދޭސީ ލޭބަފޯސްއާ ދޭތެރޭ ސިފައިން ވިސްނަނީ ކިހާވަރަކަށް ކަމެއް އަޅުގަނޑަށް ދަންނަވާކަން ނޭނގެއެވެ. މިގޮތުން އަޅުގަނޑުމެންގެ ތެރޭގައި ދިމާވާ ތަފާތު ގިނަގުނަ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބަދުއަޚުލާޤީ މައްސަލަތަކާއި ވައްކަންކުރުމާއި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކާއި އަދި ފެންމަތިވަމުންދާ ކޮންމެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި މިބައިމީހުންގެ ކޮންމެވެސް ޙިއްސާއެއް ނޯވެ ނުދެއެވެ. އާދެ ތަރައްޤީވަމުން އަންނަ ކޮންމެ ޤައުމެއް ވެސް މި ބާވަތުގެ ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ. ވުމާއިއެކު އެކަންކަމާ ބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހެވެ.

އާދެ މިކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ވެސް އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަން ޖެހޭނެއެވެ. ކޮންމެއަކަސް މިއީ ކޮންބައެއްގެ މަސްއޫލިއްޔަތެއް ބާވައޭ ބައެއް ބޭފުޅުންގެ ހިތްޕުޅަށް ފަހަރެއްގައި އަރައިވަޑައިގެންފާނެއެވެ. ބިދޭސީންނާ ބެހޭ ވުޒާހަރާއެއް ހުރެއެވެ. އަދި މިއީ ފުލުހުންނާއި ސީދާ ގުޅުން ހުރި ކަމެކޭ ވެސް ހިތްޕުޅަށް އަރާވަޑައިގެންފާނެވެ. އެހެންނަމަވެސް މިއީ އެއްވެސް ހާލެއްގައި ސިފައިންނާއި ދުރުކަމެއް ނޫނެވެ. ސިފައިން ބަލަންޖެހޭ ނަޒަރު ތަފާތުވެފައި ފުޅަލެވެ. މުޖުތަމަޢުގައި އުފެދި ބޮޑުވަމުން އަންނަ ނޭދެވޭ ކޮންމެ ކަމަކީ ޤައުމީ މަސްލަހަތާ ގުޅުން ހުންނާނެ ކަންތައްތަކެވެ. މިހެންވެ ޤައުމީ މަސްލަހަތަކީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންތައްތަކެވެ. ވީމާ ސިފައިންގެ ދައުރު މީގައި ބޮޑެވެ. އަޅުގަނޑު ދެކޭގޮތުގައި ސިފައިން ވާންޖެހޭނީ، މި ކަންކަން ހައްލުކުރުމަށް މިހާރުވެސް ދެއްވާ އެއްބާރުލުމުގެ އިތުރަށް ރާއްޖޭގެ ހުރިހާ ދިމާއަކުން ވެސް މިބައިމީހުންނާ ބެހޭ މަޢުލޫމާތު ލިބެންއޮތް އެންމެ ފުރިހަމައަކަށް ހޯދާ ބަޔަކަށެވެ. އަދި އަމަލުކުރަން ސީދާ ނުޖެހުނުކަމުގައި ވިއަސް ފިލައިގެން އުޅޭ ފަރާތްތަކުގެ މަޢުލޫމާތު އިތުރަށް ހޯދާ ދިރާސާކުރުމެވެ. މިކަމަކީ ދަތިއުނދަގޫ އެހެނަސް މަޖުބޫރު ހާލަތަކަށް ގޮސްފައިވާ ކަމެކެވެ.

މާލޭގެ މަގުމަތިން ވަގުތީ މަސައްކަތަށް ދުވާލަކު ކިތައް ބިދޭސީން ނުކުމޭތޯއެވެ؟ ހައްލުކުރަންދަތި، ލޮޖިސްޓިކް މައްސަލަތައް ބައިވަރެވެ. ރާއްޖެތެރޭ އެކިއެކި ސަރަހައްދުތަކުގައި ފިލައިގެން އުޅޭ ބިދޭސީ މީހުންގެ އެކިއެކި ހާލީގައި ފަޅުއޮޑިފަހަރުން، މަސްދޯނިތަކުން، ދަޑުވެރިކަމުން، މިހެންގޮސް ކުރެވޭ ހުރިހާ މަސައްކަތެއްގައި ޝާމިލުވެއެވެ.

މިއީ އާދައިގެ ގޮތަކަށް ވިސްނާލައިގެން ތިބެވެން އޮތްކަމެއް ނޫނެވެ. މީގެ ނުރައްކާތެރިކަން މާބޮޑެވެ. ތަފާތު ދިމަދިމާއަށް ނަޒަރު ހިންގަން މިވަނީ ޖެހިފައެވެ. ސިފައިންގެ މަސްއޫލިއްޔަތުން ބައެއް އުނިވިކަމަށް ދެކިގެނެއް ވާކަށް ނެތެވެ. އޭރުއޮތް  މަސްޢޫލިއްޔަތު މިހާރު ވެސް އެބައޮތެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަން ފުޅާވެގެންދާނެއެވެ. ފަހަރެއްގައި މިދެންނެވި މަސްޢޫލިއްޔަތު އަދާކުރުމުގައި ތަފާތުގޮތްތަކެއް ހުރެދާނެއެވެ. ނަމަވެސް އެއްކައިރިވުމެއް ނެތެވެ. މިހެންވެ ކޮންމެ ސިފައިންގެ މީހަކީ ލޯހުޅުވޭ، ކަންފަތްތޫނު، މަޢުލޫމާތުގެ ޚަޒާނާ މުއްސަދި މީހަކަށްވުމަށް ސިފައިންގެ ދުވަހު އަޅުގަނޑު ގޮވާލަމެވެ. މަޢުލޫމާތު އެއްކުރުމުގައި ކޮމާންޑް ލެވެލްއިން އިތުރު ފިޔަވަޅުތަކެއް އެޅުއްވުމަށް ދަންނަވަމެވެ.

ސިފައިން އަދާކުރަމުންދާ މަތިވެރި ޤައުމީ މަސައްކަތުގައި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯދުމަށް އަބަދުވެސް މަސައްކަތްކޮށް، ސިފައިންނަކީ އެބައިމީހުންގެ ޤައުމީ މަސްލަހަތު އަބަދުވެސް ކުރިއަށްނެރެ، ތަފާތު އޮއިވަރުތަކުން ސަލާމަތްވެ ތިބޭ ބަޔަކަށް ވާންޖެހޭނެއެވެ. ސިފައިންގެ ވާޖިބުތައް ހުރަސް އެޅޭފަދަ އެއްވެސް އަމިއްލަ މަސްލަހަތެއް އޮވެގެން ނުވާ ގޮތަކަށް ތިމާގެ ވިސްނުމާއި ފިކުރު ބަހައްޓާށެވެ.

ޝެއަރކުރެއްވުމަށް