ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ފަޚުރުވެރި ތާރީހެއް އޮތް ޤައުމެކެވެ. މިއީ ދުނިޔޭގައި މަދު ޤައުމަކަށް ނޫނީ ލިބިގެންވާ ފަޚުރެއް ނޫނެވެ. އަޅުވެތިކަމުގެ މަދު ލަކުނުތަކެއް ދިވެހި ތާރީޚުގައި ހުއްޓަސް މުޅި ރާއްޖޭގެ ތާރީޚަކީ މިނިވަން ކަމުގެ ތާރީޚެކެވެ. މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމަށްފަހު ދިވެހި ތާރީޚުގައި އަޅުވެތިކަން ޤައުމީ މިނިވަންކަމާއި ސިޔާދަތު ގެއްލި، ބޭރުގެ އަޅުވެތި އިސްތިޢުމާރުގެ ދަށުގައި ތަހައްމަލުކުރީ އެއްގޮތަކުން ބަލާއިރު އެންމެ ފަހަރަކުއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވިފައިވާ ބައެއް އަޅުވެތިކަމަކީ “އަޅުވެތިކަމެއް ނޫން” ކަމަށް ވެސް ބައެއް ތާރީޚީ ލިޔުންތެރިން ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި އިސްތިޢުމާރީ އަޅުވެތިކަން އޮތްގޮތަށް އިސްތިޢުމާރީ ބާރަކުން ރާއްޖެ އަޅުވެތިކޮށްގެން އޮތީ ޕޯޗްގީޒުންނެވެ. ޝަޢުބާން 1، 965 އިން ރަބީއުލްޢައްވަލް 981 އަށް، ހިޖުރީ ގޮތުން 15 އަހަރާއި ހަ މަސް ދުވަހެވެ. މީލާދީ ގޮތުން 15 އަހަރާއި 2 މަސް ދުވަހެވެ. ޕޯޗްގީޒުން ރާއްޖެ އައިސް ރާއްޖެ ހިފީ 9 ވަނަ ޙަސަން ރަސްގެފާނު ގޯވާއަށް ވަޑައިގެން ނަސޯރާ ދީނަށް ވަންނަވާ ރާއްޖޭގެ ރަސްކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ހޯއްދަވައިދެއްވީ ހއ. އުތީމަށް އުފަން ބޮޑުތަކުރުފާނެވެ.
މަލާބާރީން ނުވަތަ ހޮޅިން 13 ޞަފަރު 1166 ގައި ރާއްޖެ ހިފިއެވެ. މަލާބާރީން ރާއްޖެ އައީ ތާޖުއްދީނުގެ ދެ ދަރިކަލުން ކަމަށްވާ އަލްޤާޟީ މުޙައްމަދު ސަމްސުއްދީނާއި އަލްޚަތީބު އަޙުމަދު މުޚްޔިއްދީން ޤައުމަށް ޚިޔާނާތްތެރިވެ ހޮޅިންނަށް ދަޢުވަތު ދެއްވައިގެންނެވެ. ހޮޅިންނަށް ރާއްޖޭގައި ވެރިކަންކުރަން ތިބެވުނީ 3 ޖުމާދިލްއާޚިރު 1166 އާ ހަމައަށެވެ. މިއީ ހަތަރު މަހަށް ވުރެ ވެސް މަދު ދުވަސްކޮޅަކަށް ވާތީ އެ މީހުންނަށް މުޅި ރާއްޖެ އަޅުވެތި ކުރެވުނު ކަމަކަށް އެއްގޮތަކުން ބަލާއިރު ނުވެއެވެ. މި ކުރު މުއްދަތުގެ ތެރޭގައި މުޅި ރާއްޖެއަށް އަޅުވެތިކަން އާންމުވެފައި ނުވާތީއެވެ. ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވީ ދޮންބަންޑާރައިންނެވެ.
ރާއްޖޭގެ ތާރީޚުގައި އަޅުވެތިކަން އެންމެ ދިގު ތާރީޚަކަށް ދެމިގެން ގޮސްފައިވަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި އޮތް 77 އަހަރާއި 7 މަސް ދުވަހުގެ ތާރީޚެވެ. މި މުއްދަތުގައި ރާއްޖޭގައި އެއްގޮތަކުން ބަލާއިރު އޮތީ ދާޚިލީ މިނިވަން ވެރިކަމެކެވެ. ރާއްޖޭގެ ރަސްރަސްކަލުން ރަސްކަން ކުރައްވަމުން ގެންދެވިއެވެ. އެކަމަކު ޚާރިޖީ ގޮތުން ބަލާއިރު ރާއްޖެއަކީ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި އޮތް ޤައުމެކެވެ. ރާއްޖެ އޮތީ ސިލޯނުގައި އޮތް އިނގިރޭސިވިލާތުގެ ވެރިކަމުގެ ދަށުގައި އޮތް ޤައުމެއްގެ ގޮތުގައެވެ. ރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެންބަރ 1887 ގައެވެ. މި ކަމުގައި އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި އެ ކިލެގެފާނުގެ ދަރިކަލުން އަޙުމަދު ދީދީ (ފަހުން އަޙުމަދު ދޮށިމޭނާ ކިލެގެފާނު) އަމަލީ ދަޢުރެއް އަދާކުރެއްވިއެވެ. ރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިޔުމަކީ އެ ދުވަސްވަރު މި ސަރަހައްދުގެ ހާލަތަށް ބަލާއިރު އެކަށޭނަ ކަމެއްކަމަށް ބައެއް ލިޔުންތެރިން ފާހަގަކުރައްވާއިރު، ތާރީޚީ ޙަޤީޤަތަކީ މިއީވެސް ސިޔާސީ މަޤްޞަދުތަކެއްގައި އިނގިރޭސިންނަށް ދެވުނު ދައުވަތެއް ކަމެވެ. އިނގިރޭސިންގެ އަޅުވެތިކަމުގައި “އައްޑޫ މައްސަލަ” ފެންމަތިވިއެވެ. 1953 އިން 1963 އަށް ދެކުނުގެ ތިން އަތޮޅު (މިހާރު ނަމަ 4 އަތޮޅު) އިނގިރޭސިންގެ އެހީ ލިބިގެން ދިވެހި ދަޢުލަތުން ޣައިރު ޤާނޫނީ ގޮތެއްގައި ވަކިވެ އަމިއްލަ ވެރިކަމެއް އިޢުލާންކުރިއެވެ. މި މައްސަލައަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްވެ، މިނިވަން ޤައުމަކަށްވުމަށް މަސައްކަތްކުރުމުގެ ރޫޙާއި ޖޯޝް އުފެދެން މެދުވެރިވި ސަބަބެވެ. ރާއްޖެއަށް މިނިވަންކަން ލިބުމުގެ މުޙިންމު ތާރީޚީ އެގްރިމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 26 ޖުލައި 1965 ދުވަހުގެ ހެނދުނު ދިހައެއް ޖެހިއިރު، ސިލޯނުގެ ވެރިރަށް ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި މުހިންމު ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރުލް އަޢުޒަމް ސާހިބުއްދައުލާ އިބްރާހީމް ނާޞިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރު ސަރ މައިކަލް ވޯކަރރެވެ.
މިނިވަންކަމުގެ ޙަޤީޤީ ފައިދާ އަޅުވެތިކަން ތަޖުރިބާ ނުކުރާ ބަޔަކަށް ވިސްނަން އުނދަގޫވާނެއެވެ. މިނިވަންކަމަކީ ޤައުމަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. މި ނިޢުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ މަސްޢޫލިއްޔަތެކެވެ. ރާއްޖޭގެ އަޅުވެތިކަމުގެ ތާރީޚުން ފެންނަ އެންމެބޮޑު ޙަޤީޤަތަކީ ރާއްޖޭގެ ރައްޔިތުންގެ ބަޔަކު ޤައުމަށް ހިޔާނާތްތެރިވުމާ ވިދިގެން ނޫނީ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ ތާރީޚް ނުފެށޭ ކަމެވެ.